މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ ބަޖެޓްވެސް ސަރުކާރުންވަނީ ހިފަހައްޓާފަ: މުއިއްޒު

ޚަބަރު ފަހުގެ

މާލޭގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައިވަނީ ސަރުކާރުން ބަޖެޓް ހިފަހައްޓާފައި ވުމުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މަގު ހެދުމާއި ގުޅޭގޮތުން މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ރޭވިފައިވާ ގޮތަށް ޕަބްލިކް ބަހުގެ ދަތުރުތައް ނުފެށޭތީ ވެސް ކަންބޮޑުވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޝިފާގެ ޓްވީޓަށް ޖަވާބު ދެއްވައި މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫއުގެ ބަޖެޓް ހިފަހައްޓާފައި އޮތުމުގެ ސަބަބުން މަޝްރޫއު މަޑުޖެހިފައި އޮންނަތާ ހަތަރު މަސް ވެފައިވާ ކަމަށެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. މަސައްކަތް ފުރަތަމަ ފެށީ މާފަންނު ހުޅަނގުގައެވެ. މީގެތެރެއިން ބައެއް މަގުތަކުގެ މަސައްކަތް ނިންމައި މިހާރުވަނީ ބޭނުންކުރަންވެސް ހުޅުވާލާފައެވެ.

މާލޭގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހަދާމަގުތައް ހަތަރު ޑިޒައިނަކަށް ހެދުމަށް ވަނީ ނިންމާފައެވެ.

މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓާއި ފެނާއި، ނަރުދަމާއާއި، ޑީވޯޓަރިންއާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކޮށްގެންނެވެ. އަދި މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފަޔަރ ހައިޑްރަންޓް ހޮޅި އާއި ގޭސް ހޮޅި ހިމަނައިގެންނެވެ. މާލޭގެ މަގުތައް ތަރައްޤީކުރުމަށް ޖުމުލަ 462 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ކުރިންވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ