ރާއްޖޭގައި ހަތިޔާރު އެޅި ބޭރުގެ ސިފައިންނެއް ނެތް

ޚަބަރު ފަހުގެ

އިންޑިއާ ސިފައިން ރާއްޖޭގައި އުޅެނީ ހަތިޔާރާއެކު ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތައް ޑިފެންސް މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

އިއްޔެ އދ.މަހިބަދޫގައި ބޭއްވި “އިންޑިއާ އައުޓް” ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އުތުރުތިލަފަޅުގައި މަސައްކަތް ކުރާ އިންޑިއާ ސިފައިންނަށް ބޭނުން ހަތިޔާރެއް ގެނައުމުގެ ހުއްދަ ދިވެހި ސަރުކާރާއެކު ހެދި އެއްބަސްވުވަމުން ދީފައިވާ ކަމަށާއި ބޭނުން އަދަދަކަށް ހަތިޔާރު ގެނައުމުގެ ފުރުސަތު އިންޑިއާ ސިފައިންނަށް އެބައޮތް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ރާއްޖޭގައި ހުރިހާ ތަނެއްގައި މި އުޅޭ މީހުންގެ (އިންޑިއާ ސިފައިން) އަތުގައި ހަތިޔާރު އެބަހުރި، ހަތިޔާރު ހުންނާނެ. އެއީ އުތުރުތިލަފަޅުގައި އުޅޭ މީހުންނަށް ހަތިޔާރު ގެންނަން އެ އޮތީ ދިވެހި ސަރުކާރުން ހުއްދަ ދީފައި” ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ މި ވާހަކަތައް ދޮގުކޮށް ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތް ކަމަށާއި އަދި އުތުރުތިލަފަޅުގައި ތަރައްގީކުރާ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައި ވެސް ހަތިޔާރާއެކު އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ވަނީ ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެ އަށް އައުމުގައި ދިވެހި ދައުލަތުގެ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި އަދި މި ބަނދަރަށް ވަންނަން އެމްއެންޑީއެފްގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ބުނެ ޔާމީން ދެއްކެވި ވާހަކަތައް ވެސް ދޮގުކޮށްފަ އެވެ.

މީގެއިތުރުން އުތުރުތިލަފަޅަކީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއް ކަމަށް ސިފަކޮށް ޔާމީން ދެއްކެވީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެއީ ސިފައިންގެ ގާބިލުކަން އިތުރުކުރަން ތަރައްގީ ކުރާ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ވަނީ ގައުމުގެ އަމާންކަން ގެއްލުވާލާ، ސިފައިންގެ ނަޒާހަތްތެރިކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ