ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ދެ އަހަރު ދުވަހަށްފަހު އުވާލައިފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިރޭ ގައުމާ މުހާތަބުކުރައްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ކޮވިޑުގެ ވަބާއީ ހާލަތަށް އިޖާބަ ދިނުމުގައި ރާއްޖޭންވެސް މިހާރު އަމާޒު ހިފާފައިވަނީ ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި، އެނދުމަތިކުރަންޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް ކަމަށާއި އަދި ކޮވިޑާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ހާލަތު ބަލަހައްޓަމުން ގެންދިއުމަށް ކަމަށެވެ.

“އެހެންކަމުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުންކުރަމުން އައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ސިއްހީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން. އަދި ދެން އަމަލުކުރަމުން ދާނެ ގޮތުގެ މައުލޫމާތު ހެލްތު މިނިސްޓްރީން އާންމު ކުރައްވާނެ،” އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް، ކޮވިޑުގެ ހާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުން ދާނެ ކަމަށާއި ރާއްޖޭގައި ފެތުރެނީ ކޮވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއްވެސް މިހާރު ރާއްޖޭގައި ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ ބަދަލުތައް ދެނެގަނެ، ހާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާންކުރީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ