މިދިޔަ ދެ އަހަރުތެރޭ ރާއްޖެއަށް 71 ބިލިއަން ރުފިޔާގެ ގެއްލުމެއް

ޚަބަރު ފަހުގެ

ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރު ތެރޭ ރާއްޖޭގެ އިގުތިސާދަށް ގާތްގަނޑަކަށް 71 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ސަބަބުން ގައުމުތަކުގެ އިގުތިސާދީ ހަރަކާތްތައް ހުއްޓެމުން ދިޔަ އިރު، މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިގުތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށް ކަމަށާއި އެގޮތުން ފާއިތުވި ދެ އަހަރު ތެރޭގައި ރާއްޖެއަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ. އެ ހާލަތުގައި ވެސް ސަރުކާރުން މަސައްކަތް ކުރީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން. ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން، ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު،” އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓުތަކާއި ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްދީ، ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނު ކަމަށެވެ. އަދި ވަޒީފާތަކުން މީހުން ވަކި ނުކުރުމަށް ޝަރުތުކޮށް ވިޔަފާރިތަކަށް ލުއި ލޯނު ދޫކޮށް، އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީ، ރިސޯޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

“ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެނައި އިރު، މިއަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިގުތިސާދު ކުރިއަރާނެ ކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ފަސް ގައުމުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެވެސް ހިމެނޭ. މިކަމުގެ ހަގީގީ ސިއްރަކީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން،” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިގުތިސާދު އަލުން ކޮޅަށް ޖެހުމުގައި، ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި އަޒުމާއެކު، ވަރުބަލިވުމެއް ނެތި ކުރި މަސައްކަތް ކަމަށާއި އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ސިއްހީ ދާއިރާގެ އެންމެހައި ހިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ ކަމަށެވެ. އަދި ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާއި، އެހެން މުއައްސަސާތަކާއި ހިލޭސާބަހަށް މަސައްކަތްކުރައްވާ ދަރުމަވެރިން ކުރެއްވި މިންނެތް މަސައްކަތް ވެސް ރައީސް ފާހަގަކުރެއްވިެއވެެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ