ދައުލަތުގެ އެއްވެސް ވެރިއަކަށް އާންމު ރައްޔިތުންނަށްވެސް ޞިއްޙީ ފަރުވާގެ ކަންކަން ހަމަޖައްސަން ލިބެ އާސަންދައިގެ ޚިދުމަތުގެ އިތުރަށް، އެއްވެސް ހެލްތު އިންޝުއަރޭންސްއެއް ދިނުމަށް ތާއީދުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ގަޕޯ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި ބޭފުޅުންގެ އަނބިންނާއި ދަރިންނަށް ހެލްތު އިންޝުއަރޭންސް ދިނުމާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ އާންމު ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.
އާންމު ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުޤައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޙަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުތައް ބަޔާންކުރާ ޤާނޫނުގައިވެސް އޮންނަނީ މަޖިލީހުުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނަށް ލިބޭ އިނާޔަތްތަކެއްގެ ވާހަކަ ކަމަށެވެ. އަދި އެ ބޭފުޅުންގެ ދަރިންނާއި އަނބިންނަނަށް އިނާޔަތްތަކެއް ދިނުމުގެ ވާހަކަ އެ ޤާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ޙަސަން ވިދާޅުވީ މި ހުށަހެޅުން ދިރާސާކުރުމުގެ ތެރެއިން ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަން އޮންނަ ގޮތްވެސް ބެއްލެވި ކަމަށެވެ. އެގޮތުން އަވައްޓެރި އިންޑިއާއާއި ލަންކާ އަދި ސިންގަޕޯރާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި މިކަން އޮންނަ ގޮތް ކޮމިޓީން ދިރާސާކުރިއިރު އެއިން އެއްވެސް ޤައުމެއްގައި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި މެންބަރުންގެ އާއިލާއަށް ޚާއްޞަ އިނާޔަތްތަކެއް ނުދޭ ކަމަށެވެ. ޙަސަން ވަނީ އެ ގޮތަށް އިނާޔަތް ދިނުމަށް އޭނާ ތާއީދުނުކުރައްވާކަން ހާމަކުރައްވާފައެވެ.
ކޮމިޓީގެ ރިޕޯޓާމެދު ބަހުސްކުރައްވަމުން ގަޕޯ ވިދާޅުވީ މެންބަރުކަން ކުރެއްވި ބޭފުޅުންނަށް އަދި މެންބަރުންނަށް ހެލްތު އިންޝުއަރޭންސް ހަމަޖެއްސީ އެކަންކުރި ޒަމާނުގައި ރާއްޖޭގައި ޞިއްޙީ ފަރުވާއަށް ޚާއްޞަ ނިޒާމެއް ނެތް ކަމަށެވެ. ނަމަވެސް މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ރާއްޖޭގައިވެސް ވުޖޫދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުރިހާ ރައްޔިތުންނަށްވެސް އާސަންދައިން މިހާރު ޞިއްޙީ ޚިދުމަތް ހަމަޖައްސައިދޭ ކަމަށާއި، އަދި ބޮޑު ކަމެއް ކުރިމަތިވެއްޖެނަމަ އެކަމަކާ ގުޅިގެންވެސް ދައުލަތުން އެހީތެރިކަން ފޯރުކޮށްދޭކަމަސް ޣަފޫރު ވިދާޅުވިއެވެ.
ގަޕޯ އިތުރަށް ވިދާޅުވީ އޭނާ އެދިވަޑައިގަންނަވާ ގޮތަކީ ދައުލަތުގެ އެކި މުވައްޒަފުންނަށް ހެލްތު އިންޝުއަރޭންސް ހަމަޖައްސަން ބަޔާންކޮށްފައިހުރި ޤާނޫނުތަކަށް ބަދަލުކޮށް ހުރިހާ ފަރާތްތަކަށްވެސް އާސަންދަ ނޫން ހެލްތު އިންޝުއަރޭންސްއެއް ނުލިބޭ ގޮތަށް އިންތިޒާމުތައް ބަދަލުކުރުން ކަމަށެވެ.
“އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ ޤާނޫނުތައް ބަދަލުކޮށް މިއޮންނަ ޔުނިވާސަލް މެޑިކަލް އިންޝުއަރޭންސް ސްކީމް އާސަންދައިގެ ތެރޭގައި އެންމެން ހަރަކާތްތެރިވާން،” ޣަފޫރު ވިދާޅުވިއެވެ.