މަތީ ތަޢުލީމުދޭ ތަންތަނަށް ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުޞޫލަށް ޢަމަލުކުރަން ފަށައިފި

ޚަބަރު ފަހުގެ

މަތީ ތަޢުލީމުދޭ ތަންތަނަށް ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުޞޫލު އެކުލަވާލައި އުސޫލަށް ޢަމަލުކުރަން ފަށައިފިއެވެ. މި އުސޫލު މިހާރުވަނި ގެޒެޓްކޮށްފައެވެ.

މި އުޞޫލުގައިވަނީ ދަރިވަރުން ކޯސްތަކަށް އެންރޯލްކުރުމާއި، ކިޔަވައި ދިނުމާ ގުޅޭގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަދީގެން މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ޢަމަލުކުރަންޖެހޭ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ކިޔަވައިދެވޭނެ ސެމިސްޓަތަކުގެ އަދަދާއި، އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ކިޔައިދެވޭނެ “ވޯކް ލޯޑް”އާއި، ސެމިސްޓަރތަކުގެ އިންޓޭކާ ގުޅުވައިގެން ދަރިވަރުން އެންރޯލްކުރުމާއި، ލެކްޗަރަރ އިން ހަމަޖެއްސުމަށްފަހު ސެމިސްޓަރ ފެއްޓޭއިރު މޮޑިއުލްތައް ކިޔަވައިދޭން ފައްޓަން ކަނޑައަޅާފައި ވެއެވެ.

ކޮލިފިކޭޝަން އޮތޯރިޓީން ހުއްދަދީގެން ހިންގާ ތަންތަން މި އުސޫލާ ޚިލާފުވާނަމަ، މި އުސޫލުގެދަށުން ފިޔަވަޅު އަޅާނެއެވެ. ފާހަގަކުރެވޭ މައްސަލަތައް އިޞްލާޙުކުރުމަށް އެކަށީގެންވާ މުއްދަތެއް ކަނޑައަޅައި ނޯޓިސް ދިނުމާއި، އެއަށްފަހު އިސްލާޙު ނުކޮށްފި ނަމަ، އެ ޕްރޮގްރާމަށް ދީފައިވާ ހިންގުމުގެ ހުއްދަ ބާޠިލުކުރެވޭނެކަން ބަޔާންކޮށްފައި ވެއެވެ.

މި އުސޫލަށް މިއަދު ޢަމަލުކުރަންފަށާފައިވާއިރު މިއަދުންފެށިގެން 3 މަސް ދުވަހުގެ ތެރޭގައި، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން، އެމަރުކަޒެއްގެ އެކަޑަމިކް ކަލަންޑަރާއި، ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމްކޮށްފައިވާ ގޮތް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅަން މި އުޞޫލުގައިވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ މަތީތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމަށާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މިނޫން ގަވާއިދުތަކާއި އުޞޫލުތައް ހެދުމުގެ މަސައްކަތްވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދަނީ ކުރިޔަށް ގެންދަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ