އައްބާސް ފާއިޒް އާއިއެކު ރައީސް ނަޝީދުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވައިފި

ޚަބަރު ފަހުގެ

މިދިޔަ އަހަރުގެ މެއި މަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް އާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަކީ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން އައްބާސް ފާއިޒް، ރައީސް ނަޝީދާ ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުކުރެއްވުމާ ގުޅޭ އިތުރު މައުލޫމާތެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއްނުވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިޔަށްދާ ތަހުގީގާއި، އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އައްބާސް ފާއިޒް ކަނޑައެޅުއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައި ގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެގޮތުން އައްބާސް ފާއިޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާވެސް ބައްދަލުކުރައްވާފައެވެ. އަދި ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިމި، ހަމަލާއަށް ފަނޑުކޮށްފައިވާ މީހުންނާ ބެހޭ މައުލޫމާތު ހޯދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާގުޅޭ ޚާއްސަ މާހިރެކެވެ.

ހަމަލާ އާއި ގުޅޭ އެންމެހާ ތަހުޤީޤެއް ނިމި ތުހުމަތު ކުރެވޭ މީހުނާމެދު ޝަރީއަތް ކުރެވި، ނިހާއީ ހުކުމަކާ ހަމަޔަށް ވާސިލްވަންދެން އައްބާސް ފާއިޒް މިމަސައްކަތުގައި ދެމިހުންނަވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި، އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ