އޭވިއޭޝަން ކޮމާންޑުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއް – މާރިޔާ

ޚަބަރު ފަހުގެ

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކޮމް)ގެ މުވައްޒަފުން 24 ގަޑިއިރު، އެއްވެސް ވަރުބަލިކަމެއްނެތި ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އެވްސެކޮމްގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިިނިސްޓަރ މާރިޔާ ވިދާޅުވީ، ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ އަދި އެތެރޭގެ އުދުހުންތައް އިތުރުވެފައިވާ މިރާއްޖޭގެ 18 އެއަރޕޯޓުން ފުރާ އަދި ޖައްސާ ކޮންމެ ފްލައިޓަކާއި، އެފްލައިޓަކަށް އަރާ ކޮންމެ ފަސިންޖަރަކާއި، އެފްލައިޓަކުން އުފުލާ ކޮންމެ ފޮށްޓަކާއި ކާގޯއަކީ، ސަލާމަތީގޮތުން އެއްވެސް ނުރައްކަލެއް ނެތް އެއްޗެއްކަން ބަލާ، ކަށަވަރުކުރަނީ އެވްސެކޮމުންކަމަށެވެ.

މިގޮތުން، ފަސިންޖަރުންގެ ބޮޑީޗެކްކުރުމާއި ލަގެޖުޗެކްކުރުމާއި މިނޫނަސް ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާޢަތުތަކެއް އެވްެސެކޮމްގެ ސެކިއުރިޓީ އޮފިސަރުން ފުރިހަމަކުރާކަމަށެވެ.

“އާންމު ރައްޔިތުންނަށް ބައެއް ފަހަރު އުނދަގޫ ވިޔަސް، މިއީ އާޚިރުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަންކަމަށްވާތީ، މިކަމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުން ދިނުން މުހިއްމު.” މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިއަދު ދުނިޔޭގެ ސަލާމަތީ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ އަސަރު ރާއްޖެ ހިމެނޭ ސަރަޙައްދަށްވެސް ފޯރަމުންދާކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވަނީ، އަވަށްޓެރި ލަންކާޔަށް ދިން އީސްޓަރ ސަންޑޭ ޙަމަލާޔާއި، އ.ދ. މަހިބަދޫ ފަޅުގައި އަޅާފައިހުރި ލޯންޗުތަކެއްގައި ރޯކޮށްލުމާއި، މެއި 6ގެ ޓެރަރިސްޓް ޙަމަލާ ފަދަ ޖަރީމާތަކުން، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ހާމަވާކަމަށާއި، މިގޮންޖެހުންތަކާ ކުރިމަތިލުމުގައި އެވްސެކޮމްގެ ދައުރު ވަރަށް މުހިއްމުކަމަށް ވިދާޅުވެފައެވެ.

2013ގައި އެވްސެކޮމް އުފެދުނިއްސުރެ، މިހާތަނަށް އައިއިރު، މުވައްޒަފުންނަށް ނުލިބި އޮތް މަޤާމުގެ ކުރިއެރުން ލިބޭނެ މަގު ފަހިކޮށްދެއްވިކަމަށްޓަކައި، އެވްސެކޮމްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން، މިނިސްޓަރ މާރިޔާ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާވަނީ، އެވްސެކޮމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސުޕަރިންޓެންޑެންޓް އޮފް އޭވިއޭޝަން ސެކިއުރިޓީގެ މަޤާމަށް އަންހެން ބޭފުޅުން އައްޔަންކުރެވިގެންދާކަން ފަޚުރާއެކީ ފާހަގަކުރައްވައި، އެ 2 ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާގެ އިތުރުން، އޭވިއޭޝަން ސެކިއުރިޓީގެ އިސްވެރިންނާއި މުވައްޒަފުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ