ބާ ކައުންސިލް އިމްތިހާނުގެ އަގަކީ 10،000 ރުފިޔާ ކަމަށް ހަމަޖައްސައިފި

ޚަބަރު ފަހުގެ

ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން ހަދަންޖެހޭ އިމްތިހާނުގެ އަގަކީ 10،000 ރުފިޔާ ކަމަށް ބާ ކައުންސިލުން ހަމަޖައްސައިފިއެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ގާނޫނީ ވަކީލުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ އަގު ކަނޑައެޅުމުގައި ބޭރުގެ ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތާއި އިމްތިހާނު ތަރައްގީ ކުރުމަށްޓަކައި ދިޔަ ހަރަދަށް ބަލާފައިވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިމްތިހާނު ހަދާ ކެންޑިޑޭޓުންގެ އަދަދަށް ބަލާއިރު ބޮލަކަށް 20،000 ރުފިޔާ ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު މިފަހަރަކީ އިމްތިހާނު ހަދާ ފުރަތަމަ ފަހަރު ކަމުން ބާ ކައުންސިލުން އެ އިމްތިހާނުގެ ފީގެ 50 އިންސައްތަ ދައްކަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ވަކީލުކަމުގެ ހުއްދަ އަށް އެދުމުގެ ކުރިން ހާއްސަ އިމްތިހާނެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް ބަދަލު ގެނައީ 2019ވަނަ އަހަރު ކަމަށްވީ ނަމަވެސް މިއީ އެ އިމްތިހާނު ބާއްވާ ފުރަތަމަ ފަހަރެވެ.

އިމްތިހާނު ބޭއްވުން ލަސްވެގެން ދިޔައީ ކޮވިޑްގެ ހާލަތާއި ގުޅިގެންނެވެ. އެހެންކަމުން 283 ވަކީލަކަށް ވަގުތީ ލައިސަންސެއް ބާ ކައުންސިލުން ދޫކޮށްފައިވެއެވެ.

ބާ ކައުންސިލްގެ ގާނޫނު ބުނާ ގޮތުން ވަކީލުކަން ކިޔަވާ ނިމުނު ނަމަވެސް ބާ ކައުންސިލުން ހަދަންޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި ބާ ކައުންސިލުން ދޭ އިމްތިހާނުންވެސް ފާސްވާން ޖެހޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ