އަވައްޓެރި ފުލުހުންގެ ހިދުމަތް މުޅި ރާއްޖެ އަށް ތައާރަފުކޮށްފި

ޚަބަރު ފަހުގެ

ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ފުލުހުންގެ ހިދުމަތް ދޭން އެކުލަވާލި “ނެއިބަހުޑް ޕޮލިސިން މޮޑެލް: އަވައްޓެރި ފުލުހުންގެ ހިދުމަތް” މުޅި ރާއްޖެ އަށް މިހާރު ތައާރަފުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ހިދުމަތް މުޅި ރާއްޖެ އަށް ތައާރަފުކުރުމުގެ މަސައްކަތް ފެށީ އޮކްޓޯބަރު 1، 2020 ގަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް، ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ 100 ރަށުގައި މަސައްކަތްކުރާ ފުލުހުންނަށް އަވައްޓެރި ފުލުހުންގެ ތަމްރީނުތައް ދެވިފައިވެ އެވެ. އަދި ތަމްރީނުތަކުގެ ތެރެއިން، އެ ރަށްރަށުގެ ކައުންސިލުތަކާއި، އެހެނިހެން މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތަކާ ބައްދަލުކޮށް އަވައްޓެރި ފުލުހުންގެ ހިދުމަތުގެ މައުލޫމާތު ދީފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން، އަވައްޓެރި ފުލުހުންގެ ހިދުމަތް ހިނގާނެގޮތާއި ފުލުހުންނާއި މުއައްސަސާތައް ގުޅިގެން މަަސައްކަތް ކުރާނެ ގޮތާއި އެކި ފަރާތްތަކުގެ ދައުރާއި ކުށްމަދު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަތުގައި، ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން، އަތޮޅުތެރޭގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް، އަވައްޓެރި ފުލުހުންގެ މަސައްކަތާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވެއެވެ. އަވައްޓެރި ފުލުހުންގެ މަސައްކަތް ކުރެވެމުންދަނީ އެ މަސައްކަތަށް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ސޮފްޓްވެއާއެއް ބޭނުންކޮށްގެންނެވެ.

އިތުބާރުދީ އެ އިތުބާރު ދަމަހައްޓައި، އިހުތިރާމާ އެކު އެކުގައި ގުޅިގެން ދެވޭ ޚިދުމަތަކުން އަމާން ރައްކާތެރި އަދި ރައްކާތެރިކަން އިހުސާސްވާ މުޖުތަމައެއް ބިނާކޮށް ދިނުން މައިގަނޑު އަސާސް ކަމުގައި ކަނޑައެޅިގެން ފުލުހުންގެ ޚިދުމަތް ދިނުމުގެ ނިޒާމަށް މި ގެނެވުނު ބަދަލުގެ އަމާޒަކީ ކުށަށް ހުށަހެޅެން ހުންނަ ކަންކަން ދުރާލާ ދެނެގަނެ، އެ ކަންކަން ހައްލު ކުރުމަށްޓަކައި ރަށު ކައުންސިލްތަކާއި އެހެނިހެން އިދާރާތަކާ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން އެކުގައި މަސައްކަތްކުރުމެވެ.

މުޖުތަމައުތައް ނުވަތަ ރަށްރަށް ބައިބަޔަށް ނުވަތަ ނެއިބަހުޑް ތަކަށް ބަހައި، އެ ނެއިބަހުޑް ތަކަށް މަސްއޫލުވާ ފުލުހުން ކަނޑައަޅައިގެން ޚިތުމަތް ދިނުމުގެ ވައްޓަފާޅިއަށް މި ގެނެވޭ ބަދަލުގެ ބޭނުމަކީ ރައްޔިތުންނާއި ފުލުހުންނާ މެދު ފަސޭހައިން މުއާމަލާތު ކުރެވޭނެ ފަދަ ފާލަމެއް އެޅުމާއި، ރައްޔިތުންނާ ގާތުން ހަމަހަމަކޮށް އަދި ކޮންމެ ރައްޔިތަކަށް ވެސް ފަސޭހައިން ލިބިދޭނެ، ސީދާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަމާޒުކޮށް ތަރުތީބުކޮށްގެން ފޯރުކޮށްފެވޭ ޚިދުމަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ހެދުމެވެ.

މި މޮޑެލް އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރި މަހު މާލޭ އޭރިއާގައި އަދި 2019 ގައި އައްޑު އާއި ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު މާރިޗު 29، 2019 ގައި އިފްތިތާހު ކުރެވުނު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިރިޓީއެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނައި، ސީދާ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލްއެކެވެ.

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ރަޝްވާން އާއި ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ