ފުވައްމުލަކުގެ އެއާޕޯޓު ބޮޑުކުރަނީ

ޚަބަރު ފަހުގެ

ފުވައްމުލަކު ސިޓީގެ އެއާޕޯޓު ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދެކަނބަލުން ފުވައްމުލަކުގެ ރައްޔިތުންނަށް ދެއްވި މާހެފުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއާޕޯޓު ބޮޑުކުރެވޭނީ ކިހާވަރަކަށްތޯ ބެލުމަށް ޓެކްނިކަލް ސާވޭއެއް ހެދުމަށް ޕްލޭނިން މިނިސްޓްރީ އަށް މިހާރު ދަންނަވާފައިވާނެ ކަމަށާއި އެއަށްފަހު ފުވައްމުލަކުގެ އެއާޕޯޓު ބޮޑު ކުރެވޭނެ އެންމެ ބޮޑު މިނަކަށް އެއާޕޯޓު ބޮޑުކޮށްދެއްވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެއާޕޯޓު ބޮޑުކުރަންޖެހޭ އެއް ސަބަބަކީ މަތިންދާބޯޓުތަކުގެ ސައިޒަށް އަންނަ ބަދަލާއި ގުޅިގެން ކަމަށާއި މިހާރު ފުވައްމުލަކުގެ އެއާޕޯޓުގެ ރަންވޭ އޮތް ވަރުން އެފަދަ ބޯޓުތައް ޖެއްސުން ދަތިކަމަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

“އެހެންވީމަ ކޮންމެވެސް ގޮތަކުން އެބަޖެހޭ އެއާޕޯޓު ދިގުކުރަން، ބޮޑުކުރަން. ޓެކްނިކަލް ސާވޭއާއެކުގައި ކުރެވެން އޮތް ބޮޑުމިނަކަށް އެކަން ކުރާނަން” ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު މެދުނުކެނޑި ދެވަނަ ފޭސްއަކަށް ގެންގޮސް އިތުރު 10 ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ފުވައްމުލަކުގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން 50 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ހޮސްޕިޓަލުން ހާއްސަ ހިދުމަތްތަކެއް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެ ހޮސްޕިޓަލު ތަރައްގީ ކުރާނީ ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ހިދުމަތްތައް ލިބޭނެ ގޮތަކަށް ކަމަށާއި އެ މަޝްރޫއު މިއަހަރުތެރޭ ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޓެކްނިކަލް ސާވޭއަކަށް ފަހު ފުވައްމުލަކުގެ ބަނދަރު ވެސް ބޮޑުކޮށްދެއްވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ވައުދުވެފައިވާ ގޮތަށް ފުވައްމުލަކުގައި ފަތާ ފެންގަނޑެއް ތަރައްގީކޮށްދިނުމުގެ ވައުދުވެސް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅަށްފަހު މާދަމާ ހަވީރު އައްޑޫ ސިޓީ އަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ