ތަކުރާރުކޮށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ޚަބަރު ފަހުގެ


އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ އެކި ދުވަސްމަތިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ގއ. ދެއްވަދޫ، ތިރުގެ، އިބްރާހީމް ނަދީމް ޞާލިޙް (32އ) އެވެ.

އިޝްތިހާރު
އިޝްތިހާރު

އެނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަދުވަހުގެ ރޭ ފުލުހުންނަށް ހުށައެޅި މައްސަލައެއްގައި ކޯޓް އަމުރެއްގެ ދަށުން އޭގެ ދެ ދުވަސްފަހުންކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ބަންދާއި މެދުގޮތެއް ނިންމުމަށްް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އޭގެފަހުން އޭނާގެ ބަންދާއި މެދުގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހުށައެޅުމުން މި މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓްގެ އެ ނިންމުމުގައި ބުނެފައިވަނީ މި މިހާ ބަންދުން ދޫކޮށްފައި
ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށާއި، ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާނެކަމަށެވެ. އަދި މި މިހާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށް އެނާ ހިންގާފައިވާކަމަށް ބެލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހުށަހެޅި ހެއްކާއި ގަރީނާތަކުން އެނގޭކަމަށްވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއެވެ.

ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި މި ފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ