ސެވިއާގެ މައްޗަށް ކުރިހޯދާ، ބާސެލޯނާ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފި

ކުޅިވަރު ފަހުގެ

ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެރޭ ސެވިއާގެ މައްޗަށް ކުރިހޯދާ، ބާސެލޯނާ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ބާސާއިން ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލީ ހޮނިހިރު ދުވަހުގެރޭ ސެވިއާގެ މައްޗަށް 0-1 އިން ކުރިހޯދައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

އަމިއްލަ ދަނޑުގައި ބާސާއިން ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމަށްވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ބާސާއިން ޖުމްލަ 19 ހަމަލާއެއް މެޗުގައި އުފެއްދިއިރު ހަ ހަމަލާއެއް ގޯލާއި އަމާޒުވާގޮތަށް ފޮނުވާލާފައިވެއެވެ. އަދި މެޗުގައި ސެވިއާ އިން ޖުމްލަ އަށް ހަމަލާއެއް އުފެއްދިއިރު ތިން ހަމަލާއެއް ވަނީ ޓާގެޓަށް އަމާޒުކޮށް ފޮނުވާލާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 72 ވަނަ މިނެޓުގައި ޑެމްބެލޭ ޖައްސާލި ބޯޅައަކުން، އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން މިލަނޑު ބާސާ އަށް ކާމިޔާބު ކޮށްދިނީ ޒުވާން މިޑްފީލްޑަރު ޕެޑްރީ އެވެ. މިއީ މި ސީޒަނުގެ ލަލީގާގައި ޕެޑްރީ ބާސާ އަށް ޖަހައިދިން ދެވަނަ ލަނޑެވެ.

މި މެޗާއި ދެޓީމުން ކުރިމަތިލިއިރު ލީގު ތާވަލުގެ ދެވަނައިގައި އޮތީ ސެވިއާ އެވެ. އެގޮތުން ސެވިއާ އަށް 30 މެޗުން 57 ޕޮއިންޓު ލިބިފައިވާއިރު ބާސާއަށް މި އަދަދަށް ޕޮއިންޓު ލިބިފައިވަނީ 29 މެޗުންނެވެ. ތިންވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށްވެސް 57 ޕޮއިންޓު ލިބިފައިވާއިރު 30 މެޗު ކުޅެފައިވެއެވެ. އެތްލެޓިކޯ މެޑްރިޑާއި، މިހާރު ހަތަރުވަނައިގައި އޮތް ސެވިއާގެ މައްޗަށް، ބާސެލޯނާ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ނަތީޖާއިން ކުރި ލިބޭތީއެވެ.

ލަލީގާގެ ގަވައިދުގައިވާގޮތުން ދެޓީމެއްގެ ޕޮއިންޓު އެއްވަރުވެއްޖެނަމަ ދެން ބަލާނީ އެ ދެޓީމެއް ކުޅެފައިވާ މެޗުގެ ނަތީޖާއަށެވެ. އަދި އެއަށްފަހު ދެން ބަލާނީ ފައިދާ ގޯލުގެ ތަފާތަށެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި ވަރުގަދަ ރެއާލް މެޑްރިޑް އޮތީ 30 މެޗުން 69 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ