ކުރު ވާހަކަ : ޤާތިލް

ވާހަކަ މުނިފޫހި ފަހުގެ

ފަތިހުގެ ހިތްގައިމު ވަގުތެވެ. އާދައިގެމަތިން، ފަތިސް ނަމާދުކޮށްގެން އަހަރެން ނިކުތީ ދުވެލާ ކަސްރަތުކޮށްލާށެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ އަހަރެން ވަރަށް ޙާއްސަ ސަމާލުކަމެއްދޭ ކަމެކެވެ. އަންހެން ކުދިން އަހަންނާހެދި ފިދާވަނީވެސް މި ރީތި ހަށިގަނޑުގެ ސަބަބުންކަމަށް އަހަންނަށް ގަބޫލުކުރެވެއެވެ. އެހެނަސް އަހަރެންގެ ގައިގައި އިނގިލި ކުރި ޖައްސާލުމުގެ ހުއްދަ އެކަކަށްވެސް ނެތެވެ. އީޝަލް ފިޔަވައެވެ. އީޝަލް އަކީ އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. އޭނާއަށް ވުރެ މުހިންމު އެހެން މީހަކު މި ހަޔާތަކު ނުހުންނާނެއެވެ.

ނަމަވެސް މިވަގުތު އީޝަލްއާ ދުރުގައި މިހުރީ ކްރައިމް އިންވެސްޓިގޭޝަން ޓްރެއިނިންގްއެއްގައި ބައިވެރިވުމަށް އިންޑިއާގެ ނިއު ދިއްލީގައެވެ. ފާއިތުވެދިޔަ ދެ މަސް ދުވަހަކީ އަހަރެންގެ ހަޔާތުގެ އެންމެ އުނދަގޫ ދެ މަސް ދުވަހޭ ބުންޏަސް  ދޮގަކަށް ނުވާނެއެވެ. މިއީ ކައިވެނިކުރި ފަހުން އަނބިމީހާއާ ދުރުގައި ހުންނަން ޖެހުނު ފުރަތަމަ ފަހަރެވެ. ފުލުހެއްގެ ވަޒީފާއެއް އިހުތިޔާރުކުރިއިރު މި ކަންކަމަށް ވިސްނާލެވުނު ނަމައެވެ.

އިޝްތިހާރު
އިޝްތިހާރު

ދުވަހުގެ ކުލާސް ފެށި އިރުކޮޅެއްވީތަނާ އަހަންނަށް ފޯނުކޯލެއް އައެވެ. ގުޅަނީ އިންސްޕެކްޓަރު އަޔާން އިސްމާއީލްއެވެ. އެއީ އަހަރެން މިތަނަށް ފޮނުވި، އަހަރެންގެ ސުޕަވައިޒަރެވެ. އަހަރެންގެ ގާތް ރަހުމަތްތެރިއެއްވެސްމެއެވެ. މިހާ ހެނދުނާ އޭނާގެ ކޯލެއް އަންނާނީ ކޮންމެވެސް ކަމެއްވީމައޭ އަހަރެން ހިތަށް އެރިއެވެ. އެހެންކަމުން ކުލާސްރޫމުން ނިކުތުމަށް ހުއްދަ ހޯދައިގެން ފޯނު ނަގާ ކަންފަތުގައި ޖަހާލީމެވެ.

“ހަލޯ، ގުޑް މޯނިންގ.” އަހަރެން ބުނެލީމެވެ. އެއަށްފަހު އަޔާން ދެއްކި ވާހަކަތައް އަޑުއަހާ އަހަރެން މުޅިން ހަރަކާތް ހުއްޓުނެވެ. ލޮލަށް ޖަމާވި ކަރުނަތައްވެސް ހުއްޓިފައި ހުރީއެވެ. 

“ހަލޯ.. ހަލޯ ނިޔާޒް. އާރ ޔޫ ދެއާރ؟” އަހަންނަށް ހޭވެރިކަންވީ ދެނެވެ. ” ޓިކެޓް އޮތީ ހަމަޖެހިފަ. ފްލައިޓް ޗެކިން ފެށޭނެ 9.15 ގަ.” އިތުރު އެއްޗެއް ނުބުނެ އަހަރެން ފޯނު ކަނޑާލީމެވެ. އަދި ގަޑި ބަލާލީމެވެ. 8.39 އެކެވެ. އަވަހަށް އެތެރެއަށް ވަދެ ދަބަސް ހިފައިގެން ނިކުތީ އެމަޖެންސީއެއް ދިމާވީ ކަމަށް ބުނެފައެވެ.

އެއާޕޯޓުގައި ހޭދަކުރަން ޖެހުނު ދެތިން ގަޑިއިރު އަހަންނަށް ވީ ބޮޑު ވޭނަކަށެވެ. މާލެ ދިޔުމަށް އަހަރެން މިވަނީ ކެތްމަދުވެފައެވެ. މާލެ ދެވުމާއެކު ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނެވެ. އީޝަލް ފެންނާނެތީއެވެ. ލަގެޖް ލިބެން މަޑުކުރަން ޖެހުމުންވެސް އަހަންނަށް އިރު އިރުކޮޅާ ގަޑިއަށް ބަލާލެވެއެވެ. ލަގެޖް ހިފައިގެން ނިކުތްއިރު ޕޮލިސް ކާރު އަހަރެން ބަލާ އައިސް އޮތެވެ. ކާރު މިސްރާބުޖެހީ އައި.ޖީ.އެމް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުގެ ދޮރުން ވަދެވުމާއެކު އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ދޮރު ކައިރީގައި ހުރި ޕޮލިސް އޮފިސަރު އަހަރެން ގޮވައިގެން މޯޗަރީއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ވާހަކަ ދެއްކި ނަމަވެސް އަހަނަށް އެއިން އެއްވެސް އެއްޗެއް އަޑެއްނޭހުނެވެ. 

މޯޗަރީގެ ކުރިމަތީގައި އަޔާން ހުރިތަން އަހަންނަށް ފެނުނެވެ. ބަލާބެލުމަށް އޭނާ އެހުރީ އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން އޭނާއާ އަރާ ހަމަވުމުން އޭނާ އަހަރެންގެ ކޮނޑުގައި ހިފާލިއެވެ. ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި އަހަރެން ގޮވައިގެން އެ ކޮޓަރިތެރެއަށް ވަނެވެ. ފަހަތުން ޑޮކްޓަރަކު ވަދެ އެތަނުގެ ބޮކި ދިއްލިއެވެ. ފަނޑު އަލިކަމެއް މުޅި ތަނަށް ވެރިވިއެވެ. އެ ކޮޓަރީގައި ބައިވަރު އެނދުތައް ބަހައްޓާފައި ހުއްޓެވެ. އޭގެން އެއް އެނދުގައި މީހަކު ބާއްވާފައި އޮތެވެ. އެމީހާ އޮތީ ހުދުފޮތިން ނިވާކޮށްފައެވެ. މޫނުވެސް ނުފެނެއެވެ. 

އަޔާން އަދިވެސް ހުރީ އަހަރެންގެ ކޮނޑުގައި ހިފަހައްޓައިގެންނެވެ. މީހާ ބާއްވާފައި އޮތް އެނދު ކައިރިއަށް ދެވުމާއެކު، ޑޮކްޓަރު އެމީހާ ގައިމަތީ އަޅާފައި އޮތް ހުދު ފޮތިގަނޑު މަޑުމަޑުން ނެގިއެވެ. ދޮން މޫނެކެވެ. ދިގު އެސްފިޔަތަކެވެ. އެއްވެސް ކުރަކިކަމެއް ނެތް މަޑު ތުންފަތެކެވެ. އެ މޫނުގެ ޖާދޫގައި ޖެހުނު ކޮންމެ މީހަކު މޮޔަވާނެކަން ޔަގީނެވެ. އަހަންނަކީ އޭގެން އެކަކެވެ. ލޯ މަރާލައިގެން އެއޮތީ އަހަރެންގެ ލޯބި އީޝަލްއެވެ. 

އަހަންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. އީޝަލްގެ ގައިގައި އޮޅުލައިގަނެވުނެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކާއެކު ޝަކުވާތައްވެސް ބަނޑުންކޮށްލެވުނެވެ. އީޝަލް އަހަރެން ދޫކޮށްފައި ތި ދިޔައީ މާ އަވަހަށޭ ބުނެވުނެވެ. އަލުން އަނބުރާ އައުމަށް ތަކުރާރުކޮށް ބުނެވުނެވެ. ނަމަވެސް އީޝަލް އެއްވެސް ހަރަކާތެއް ނުކުރިއެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް ބައްދާވެސް ނުލިއެވެ. އަހަރެން އީޝަލްގެ ހަށިގަނޑާ ވަކިކުރީ ކާކުކަމެއް ނޭނގެއެވެ. ހަމަ އެމީހާ އަހަރެންގެ ކޮނޑުގައި ހިފައިގެން އެތަނުން ބޭރަށް ނެރެލިއެވެ. 

“ވަޅިއަކުން ހަމަލާދީފަ ހުރީ. ބަނޑުގެ ހަތަރު ތަނަނަކަށް ވަޅި ހަރާފަ ހުރި.” އަޔާން މަޑުމަޑުން ބުނެލި އަޑު އިވުނެވެ. “ރޭގަ ގުޅާ ގުޅާ ފޯނު ނުނެގީމަ ހިތަށް އެރީ ނިދާފައޭ. ދެން މިއަދު ހެނދުނު ތިގެއަށް ދިޔައިރު ދޮރުވެސް ހުރީ ތަޅު ނުލާ.. އެތެރެއަށް ވަދެ ބެލި އިރު….” އަހަރެން އިސް އުފުލާލާ އަޔާންއާ ދިމާލަށް ބަލާލިގޮތުން އޭނާ އިތުރަށް ކުރިއަކަށް ނުގެންދެއެވެ. 

“ކާކު؟” އަހަންނަށް އަހާލެވުނެވެ. އަޔާން އިސްޖަހާލި ގޮތުން އަހަންނަށް ޖަވާބު ލިބުނެވެ. “މާޑާރ ވެޕަން…؟” އަޔާން އިސްޖަހާލައިގެން ހުރެ ބޯ ހޫރާލިއެވެ. 

އީޝަލް ވަކިވެ ދިޔުމަށްފަހު މަހެއް ފާއިތުވެއްޖެއެވެ. އީޝަލްގެ މަރަށް ސާޅީސް ދުވަސް ހަމަވުމުގެ ކުރިން އޭނާގެ ގާތިލު ހޯދުމަށް އަހަރެން އަމިއްލަ ނަފްސަށާއި، އީޝަލްގެ އާއިލާއަށް ވައުދުވީ އީޝަލްގެ ޖަނާޒާ އޮތް ދުވަހުއެވެ. ނަމަވެސް މިރެއަކީވެސް ހާއްސަ ރެއެކެވެ. އީޝަލްއަށްފަހު ތިންވަނަ އަންހެން ކުއްޖާއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ރެއެވެ. ރީތި ގަމީހަކާއި ޖީންސެއް ލާ ތައްޔާރުވެލީމެވެ. ލޯގަނޑު ކުރިމައްޗަށް އަރާ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލީމެވެ. 

ތައިމް ބީސްޓްރޯ ކައިރީ ސައިކަލު ޕާކުކޮށްލުމަށްފަހު އެތަނަށް އަހަރެން ވަނީމެވެ. މޭޒެއް ދޮށުގައި އިށީންނަމުން ގަޑި ބަލާލީމެވެ. އަށްގަޑި ބައިވާން އަދި ފަސް މިނެޓު އެބަ ހުއްޓެވެ. ސަދާއަށް އަހަރެން ގަޑި ކީ އަށްގަޑި ބަޔަށެވެ. ސަދާގެ އިންތިޒާރުގައި އަހަރެން މާ ގިނަ އިރު މަޑުކުރާކަށް ނުޖެހުނެވެ. އަހަންނަށް އޭނާ ވަކިކުރަން އެނގުނީ ފޭސްބުކުން ފެނުނު ފޮޓޯތަކާއި ސްނެޕްޗެޓުން އޭނާ ހިއްސާކުރަމުންދިޔަ ފޮޓޯތައް ފެނިފައި ހުރުމުންނެވެ. އޭނާއަށްވެސް އަހަރެން ފާހަގަވިއެވެ. އަދި މަޑު ފިޔަވަޅުތަކެއް އަޅަމުން އަހަރެން އިން މޭޒާ ދިމާލަށް އަންނަން ފެށިއެވެ. 

ހުދު މަތިކޮޅަކާ މުށި ކުލައިގެ ފުޅާ ހަރުވާޅެއް ލާފައި ހުރިއިރު، އޭނާގެ އިސްތަށިގަނޑު ހުރީ ފަހަތަށް އައްސާފައެވެ. އިސްކޮޅަށް ދެތިން އިންޗި އިތުރުކޮށްލުމަށް އޭނާ ހުރީ އުސް ފައިވާނަކަށް އަރާފައެވެ. ލުއި މޭކަޕެއް ކޮށްފައި ހުރުމުން މޫނު ވަރަށް އޮމާން ކަމަށް ދައްކައެވެ. ހަމަ ގައިމުވެސް އޭނާއަކީ ހުތުރު މީހެކޭ ނުބުނެވޭނެއެވެ.

“ހައި. ނިޔާޒް ތަ؟” އަހަރެން އިން މޭޒު ކައިރިއަށް ހުއްޓިފައި އޭނާ އަހާލިއެވެ. އަހަރެން ހިނިތުންވަމުން ބޯ ޖަހާލާ، އިށީނުމަށް ބުނެލީމެވެ. 

“ފޮޓޯތަކަށްވުރެ އަސްލު ފެނުނީމަ މާ ރީތި.” ސަދާއަށް އަހަރެން ތައުރީފުކޮށްލީމެވެ. އޭނާގެ މޫނަށް ޖަންބު ކުލަ އަރައިގެންދިޔަތަން ފެނުމުން އަހަރެން ހިތްހަމަޖެހުނެވެ. 

ކެއުން ނިންމާލުމަށްފަހު އަހަރެން ސަދާ ގޮވައިގެން ސައިކަލު ދުއްވާލަން ބޭރުމަގަށް ނިކުތީމެވެ. އޭނާ އިނީ އަހަރެންގެ ބުރަކަށީގައި ތަތްވެގެންނެވެ. އެކަން އަހަންނަށް ކަމުދިޔައެވެ. އޭނާ އަހަންނަށް އިތުބާރުކުރާކަން އަހަންނަށް ވިސްނުނެވެ. ދުއްވަމުން ގޮސް ސައިކަލު ޕާކުކޮށް ލޮނުޒިޔާރަތް ޕާކަށް އަހަރެން ސަދާ ގޮވައިގެން ވަނީމެވެ. އޭނާގެ އަތުގައި ހިފައިގެންނެވެ. އަހަރެންވެސް އޭނާއާ ގަޔާވާކަން އަންގާލުމަށެވެ. އެތަނުން ބެންޗެއްގައި އިށީނުމަށްފަހު ސަދާ އިތުރަށް ދަސްކުރެވޭތޯ ސުވާލު ކުރަން ފެށީމެވެ.

“ލޯބިވާ މީހަކަށްޓަކާ ސަދާ ކޮންމެ ކަމެއްވެސް ކޮށްފާނަންތަ؟” އެންމެފަހުން އަހަރެން އަހާލީމެވެ. އޭނާ އިރުކޮޅަކު ވިސްނަން އިނުމަށްފަހު ބޯޖަހާލިއެވެ.

“އެނީތިންގ؟” އަހަރެން ހައިރާންވެ ދެލޯ ބޮޑުކޮށްލާ އަހާލީމެވެ. 

“ޔެސް. އެނީތިންގ..” ސަދާ ހިނިތުންވެލިއެވެ. އޭނާގެ އެ މައުސޫމު ހިނިތުންވުމުގެ މަޅީގައި ކޮންމެ މީހަކުވެސް ޖެހިދާނެކަމަށް އަހަރެން ޝައްކެއް ނުކުރަމެވެ. 

“އެހެންވިއްޔާ މަށާއެކު މަގޭ އެޕާޓްމަންޓަށް ދާން ކެރިދާނެތަ؟ އެކަކުވެސް ނޫޅޭނެ… ޖަސްޓް ދަ ޓޫ އޮފް އަސް” ސަދާއާ ކައިރިވެލަމުން އަހަރެން ބުނެލީމެވެ. އެއްވެސް ޖެހިލުމެއްނެތި އޭނާ އަހަރެންގެ ދައުވަތު ގަބޫލުކުރިއެވެ. 

“މިހާ އަވަހަށް ލޯބި ވެވުނީތަ؟” ސަދާ ރަކިކޮށްލުމަށް އަހަރެން ބުނެލީމެވެ. އަދި އޭނާ ގޮވައިގެން ހިނގައިގަތީމެވެ.

އަހަރެން އުޅޭ އިމާރާތުގެ ކުރިމަތީގައި ސައިކަލު ޕާކުކުރުމަށްފަހު ސަދާ ގޮވައިގެން މަގު ހުރަސްކޮށްލީމެވެ. އިމާރާތަށް ވަންނަން ހުރި ދޮރާ ހިސާބުން ސަދާ ހުއްޓުން އެރިއެވެ.

“ކިހިނެއްވީ؟ ހިޔާލު ބަދަލުވީތަ؟” ސަދާގެ އަތުގައި ހިފާ ދަމާލަމުން އަހަރެން އަހާލީމެވެ. ދުލުން ނުބުންޏަސް މޫނުމަތިން އޭނާގެ އިހުސާސްތައް އަހަންނަށް ނަގައިގަންނާކަށް މާ އުނދަގުލެއްނުވިއެވެ. ގަދަކަމުން ހިނިތުންވަމުން ސަދާ އަހަންނާއެކު އެތެރެއަށް ވަނެވެ. އޭނާ ގޮވައިގެން އަހަރެން ލިފްޓަށް އެރީމެވެ. ލިފްޓުތެރޭ އަހަރެން އޭނާއާ ގާތްވެލީމެވެ. އޭނާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދާކަމުގެ އިހުސާސް އަހަނަށް ކުރެވުނެވެ. ލިފްޓު ހުޅުވުމުން އަހަރެން ސަދާގެ އަތުގައި ހިފައިގެން ނިކުތީމެވެ. އެޕާޓްމަންޓް ދޮރު ހުޅުވާލާ ސަދާއާއެކު އެތެރެއަށް ވަނީމެވެ.

“ކިހިނެއްވެފަތަ ތި ހުންނަނީ؟ މިތާކު ނުހުންނާނެ ކެމެރާއެއް. ހެހެ” ސަދާ މުޅި ގޭތެރެއަށް އަވަސް އަވަހަށް ނަޒަރު ހިންގަން ފެށުމުން އަހަރެން ބުނެލީމެވެ. އަދި އޭނާއާ ގައިގޯޅިވެލީމެވެ. އޭނާ ބިރުގެނންފައި ހުރިވަރު އަހަންނަށް އެނގެއެވެ. އަހަރެން އަދި އިތުރަށް އޭނާއާ ގާތްވެލީމެވެ. އޭއާއެކު އޭނާ އަހަރެން ކޮއްޕާލިއެވެ. އަދި އެތަނުން ނިކުންނަން ދުއްވައިގަތެވެ. ނަމަވެސް އަހަރެން ހުރީ އެފަދަ ކަމަކަށް ތައްޔާރުވެގެންނެވެ. އޭނާ ދިޔަނުދީ އަހަރެން ހިފެހެއްޓީމެވެ.

“ކިހިނެއްވީ ފިލަން ތިއުޅެނީ؟” އަހަރެން ސުވާލުކޮށްލީމެވެ. “ބިރުވެރި ކަމެއް މިގެއިން ފެންނަނީތަ؟” ދެވަނަ ސުވާލު ކުރި އިރުވެސް އޭނާ އަހަރެންގެ އަތްދަށުން ސަލާމަތްވުމަށް ދިޔައީ ގަދަ ދައްކަމުންނެވެ. ސަލާމަތް ނުވާނެކަން އެނގުމުން އެންމެ ފަހުން އޭނާ މައިތިރިވިއެވެ. އޭރުވެސް އަހަރެން އޭނާ ގައިން ދުލެއް ނުކުރަމެވެ. އަހަރެން ޖީބުން ފޯނު ނަގާ ފޮޓޯ ގެލަރީ ހުޅުވާލީމެވެ. އީޝަލްގެ ފޮޓޯއެއް ސަދާގެ މޫނާ ކައިރިކޮށް ދެއްކީމެވެ.

“ސޮރީ.. ޕްލީޒް އަހަންނަށް މާފްކުރޭ.. އޭނަ މަރާލީ އެކަން ނުހުއްޓީމަ.” ސަދާ ރޮއި ހޭރިގަތެވެ. އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަހަރެންގެ ލޯބިވާ އަނބިމީހާގެ ގާތިލު އަތުލައިގަނެވުނީއެވެ. 

“އޭނަގެ ސަބަބުން އަހަރެން މެރީ ކުރަން އުޅުނު ކުއްޖާ އަހަރެން ދޫކޮށްލީ.. މެރީކުރަން ހުރިހާ ކަމެއް ނިންމާފަ އޮއްވަ… ނިޔާޒް ނަމަވެސް ދެރަވާނެ. ރުޅިވެސް އަންނާނެ.. ޕްލީޒް އަހަރެން ދޫކޮށްލާ.” ސަދާ ރޮމުން ކިޔާދިން ވާހަކަތައް އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. އަހަރެންގެ އީޝަލްއަކީ އެހެން އުޅޭނެ ކުއްޖެއް ނޫނެވެ. އީޝަލް އަހަރެން ނޫން މީހަކާ އެފަދަ ގުޅުމެއް ނުބާއްވާނެއެވެ. 

“ނުކުރާނަން ގަބޫލެއް..” އަހަރެން އޭނާ ދެއްކި ވާހަކަތައް ގަބޫލެއް ނުކުރަމެވެ. އީޝަލް އަކީ އެއަށްވުރެ ރަނގަޅު އަހުލާގެއް ލިބިފައި ހުރި ކުއްޖެކެވެ. އަހަރެން ސަދާ ދުރަށް ކޮއްޕާލީމެވެ. އެވަގުތު އޭނާ އަތްދަބަހުން ފޯނު ނަގާ އޭގައި ހުރި ފޮޓޯތަކެއް އަހަންނަށް ދައްކަން ފެށިއެވެ. އަހަންނަށް ފެނުނު ފޮޓޯތަކުގައި ހުރީ އިޝަލްއެވެ. އޭނާއާއެކު ގައިގޯޅިވެގެން ފިރިހެނަކު ހުއްޓެވެ. އެއީ ގައިމުވެސް އަހަންނެއް ނޫނެވެ. އަހަރެންގެ މޫނު އަނެއް ފަރާތަށް އަނބުރާލީ އިތުރަށް ބެލުމުގެ ބޭނުމެއް ނެތީމައެވެ.

“އަދިވެސް ގަބޫލެއް ނުކުރެވޭތަ؟” ސަދާގެ އަޑުގައި ރުޅިވެރިކަމުގެ ރާގު ހުއްޓެވެ. “ޝީ އިޒް އަ ޗީޓާ… ދޭ އާ ޗީޓާސް.” ސަދާގެ އަޑު ގަދަވެގެން ދިޔައެވެ. އޭނާއަށް އަދިވެސް ހީވަނީ އަހަރެން ގަބޫލު ނުކުރާހެނެވެ. ނަމަވެސް ހެކި އެއޮތީ ފެންނާށެވެ. އަހަރެން ހީކުރި ކަހަލަ މާތް ކުއްޖަކަށް އީޝަލް ނުވިއެވެ. އީޝަލްއަށްޓަކާ މިހުރިހާ ކަމެއް ކުރެވުނު މޮޔައޭ ހިތަށް އެރިއެވެ. އޭނާގެ ގާތިލު ހޯދުމަށް މި އިމާރާތަށް އެރޭ ވަން ހުރިހާ އަންހެން ކުދިންނާ އަހަރެން މިދަނީ ބައްދަލުކުރަމުންނެވެ. އެންމެ ފަހުން ސަދާ އަތުލައިގަނެވުމުން ވީ އުފަލެއްވެސް ނެތެވެ. 

“ވީ ގޮޓް ދަ ކިލާ..” އަތުގައި އޮތް ގަޑި އަނގަޔާ ކައިރިކޮށްލަމުން އަހަރެން ބުނެލީމެވެ. އެއާއެކު ދޮރު ‘ފަޅާލާފައި’ ފުލުހުންގެ ޓީމު ވަދެގަތެވެ. އެމީހުން ސަދާ އަތުގައި ބިޑި އަޅުވައިގެން ގޮވައިގެން ދިޔައިރުވެސް އަހަރެން ހުރީ ބުދެއްހެން ހުއްޓުން އަރާފައެވެ. 

“ނިޔާޒް.. އާރ ޔޫ އޯކޭ؟” އަހަންނަށް ހޭވެރިކަންވީ އަޔާން އައިސް އަހަރެންގެ އަތުގައި ހިފާ ތަޅުވައިގަތުމުންނެވެ. އެއާއެކު އަހަރެންވެސް އެތަނުން ނިކުންނަން ހިނގައިގަތީމެވެ. އަޔާން އަހަރެންގެ ފަހަތުން އަންނަން އުޅުމުން އަހަރެން އެކަން މަނާ ކުރީމެވެ. އަހަރެން ބޭނުންވީ އީޝަލްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އާސަހަރާއަށް ސައިކަލު މިސްރާބުޖެހީމެވެ. ހިތުގައިވާ ޝަކުވާތައް އީޝަލްއާ ކުރަން ބޭނުމެވެ. އެގޮތަށް ކަންތައްކުރީ ކީއްވެތޯ އަހަން ބޭނުމެވެ. ޖަވާބެއް ނުލިބުނަސް އަހަރެންގެ މި ހިތަށް ހަމަޖެހުމެއް ލިބޭނެތީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ