އިދިކޮޅު މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރި މައްސަލަ އިންޓަގްރިޓީ ކޮމިޝަނަށް

ޚަބަރު ފަހުގެ

“ނޭވާ ހޮޅިއަށް” މި ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށްފައިވަނީ އަނިޔާވެރިކޮށް ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އިދިދކޮޅުން އެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށް ޕީޕީއެމްއިން ބުނީ މުޒާހަރާގައި ބައިވެރިވި އެޕާޓީގެ އިސް ބޭފުޅުންނާއި ޒުވާނުން އަނިޔާވެރިކޮށް ހައްޔަރުކުރި މައްސަލަ ބަލައިދިނުމަށް އެދި އިންޓަގްރިޓީ ކޮމިޝަނާއި އެޗްއާރްސީއެމަށް މިއަދު ސިޓީ ހުށަހަޅާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި އިދިކޮޅުން ބޭއްވި މި ހަރަކާތުގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފައިވާއިރު، އެހަރަކާތުގެ ތެރެއިން ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތައް ލިބުމުގެ އިތުރުން، ހައްޔަރުކުރެވުނު މީހުންނާ މެދު އަމަލުކޮށްފައިވަނީ އަނިޔާވެރިކޮށް ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވެއެވެ.

އެގޮތުން، ދޫނިދޫގައި ބޭރަށް ހިންގުން ފަދަ ނުރައްކާތެރި ރޯގާތައް ފެތުރެމުންދާއިރު، ހައްޔަރުކުރި އެންމެންވެސް ތިބީ އެއްގޮޅިއެއްގައި ކަމަށާއި، އެކަންކަން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިތުރުންވެސް ކަމާއި ބެހޭ އެންމެހާ މުއައްސަސާތަކުން ބަލައި ފިޔަވަޅު އެޅުމަށް އެފަރާތުން ވަނީ މީގެކުރިންވެސް ގޮވާލާފައެވެ.

އެދުވަހު ހައްޔަރުކުރި މީހުންގެ ތެރޭގައި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން އެކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ ވެރިންނާއި، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަގާމުތަކުގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޓީ، އަތޮޅު، ރަށު ކައުންސިލްތަކުގެ މެންބަރުން ހިމެނެއެވެ.

އިދިކޮޅުން އެ ހަރަޚާތް ބާއްވާފައިވަނީ ފުލުހުން އެ ހަރަކާތް ހުއްޓުވާނެ ކަމަށް ބުނެފައިވަނިކޮށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ