ކުރު ވާހަކަ: ފިތުނަ އުފައްދާކަށް ހަގީގަތެއްގެ ވާހަކަ ވެސް ދައްކައިގެން ނުވާނެއެވެ

ކޮލަމް އިޖުތިމާޢީ ފަހުގެ

މި ވާހަކައަކީ މެދު އިރުމައްޗާ ގުޅޭ ވާހަކައެކެވެ. މެދުއިރުމަތީ ރަށެއްގެ މަގުމަތީ ދެ ރަހުމަތްތެރިން ވާހަކަދައްކަން ތިއްބެވެ. އެތަނުން އެކަކު ބުންޏެވެ. މިހާރު މިއޮތް ސަރުކާރަކީ ވަގުންގެ ސަރުކާރެކެވެ. އެ ސަރުކާރަށް މާތްރަސްކަލާނގެ ލައުނަތް ލައްވާށިއެވެ!

ދެން، ދާދި އަވަހަށް މި ވާހަކަ، މަގުމަތި ބަލަހައްޓަން އުޅުނު ސިފައިންގެ ބޭކަލެއްގެ ކަންފަތުގައި ޖެހިއްޖެއެވެ. އަދި، ވަރަށް ހަލުވި ކަމާއެކު، އެ ވާހަކައިގެ މަސްދަރު ހޯދައި، އޭނާ ޖަލަށް ގެންދެވިއްޖެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޖަލުގައި ބަހައްޓައިގެން އޭނާގެ މައްސަލަ ތަހުގީގު ކުރެވުނެވެ. މިއަދުގެ ސަރުކާރަކީ ވަގުންގެ ސާރެކޭ އަދި އެ ސަރުކާރަށް އިލާހީ ލައުނަތް ހައްގޭ ބުނިކަން، އެއްވެސް އޮޅުމެއް، ކުޑަވެސް ޝައްކެއް، ނެތް ވަރަށް ތަހުގީގަށް ސާބިތު ވިއެވެ.

ތަހުގީގުގެ މަރުހަލާ ނިމުމުން، މައްސަލަ ޝަރީއަތަށް ހުށަހެޅުނެވެ. އަދި، ދައުވާ އުފުލައި ސަރުކާރުގެ ފަރާތުގެ ވަކީލަކާއި ކުށުގެ ތުހުމަތު އޭނަގެ ބޮލުގައި އެޅިފައިވާ މީހާ ދިފާއުކުރާނޭ ވަކީލެއް ވެސް އައްޔަނުކުރެވުނެވެ. އެއަށް ފަހު، ޝަރީއަތުގެ މަޖުލިހުގައި މައްސަލަ ބަލައި ޝަރީއަތް ކުރެވުނެވެ.

ޝަރީއަތުގެ މަޖުލިހުގައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ ސަރުކާރުގެ ވަކީލެވެ. ވަރަށް ކުޅަދާނަ ކަމާއެކު، ވަގުންގެ ސަރުކާރެކޭ އަދި ލައުނަތް ހައްގޭ މުއްތަހަމު ބުނި ކަން ސަރުކާރުގެ ވަކީލު ސާބިތުކޮށް ދިނެވެ. އަދި، މިފަދަ ބުނުންތަކަކީ ސަރުކާރާއި ރައްޔިތުން ޖައްސައި ފިތުނަ އުފެއްދުމުގެ މަގުސަދުގައި ދައްކާ ވާހަކައެއް ކަމުގައި ވެސް އޭނާ ބުންޏެވެ. އެހެންވެ، އެހެން ބުނިމީހާ ކުށްވެރިވާނޭ ކަމާއި އަދި، މަަދުވެގެން، ވިހި އަހަރުގެ ޖަލު ހުކުމެއް އަންނަން ޖެހޭ ކަމަށް ވެސް ސަރުކާރުގެ ވަކީލު ވަކާލާތުކުރިއެވެ.

ދެވަނައަށް ދިފާއީ ވަކީލު ވާހަކަދައްކަމުން، ވަގުންގެ ސަރުކާރޭ އަދި ލައުނަތް ހައްގޭ ބުނި ބުނުން ރައްދުވަނީ ކޮން ސަރުކާރަކަށް ކަން ނޭނގޭ ކަމަށް ބުނެ، ސަރުކާރުގެ ވަކިލުގެ ވާހަކަތައް ފޫއަޅުވާލަން މަސައްކަތްކުރިއެވެ. މިކަން އިތުރަށް އޮޅުން ފިލުވައި ދިނުމުގެ ގޮތުން، ދިފާއީ ވަކީލު ބުންޏެވެ. މުއްތަހަމުގެ ވާހަކައިގައި ސަރުކާރޭ ބުނާ ބުނުން އެމެރިކާގެ ސަރުކާރަށް ވެސް ރައްދުވެދާނެއެވެ. ނޫނީ އިނގިރޭސި ވިލާތުގެ ސަރުކާރަށް ވެސް ރައްދު ވުމުގެ އިހުތިމާލު އެބައޮތް ކަން ދިފާއީ ވަޒީރު ފާހަގަކުރިއެވެ. އެއީ މިހާރުގެ ރައީސް ކަމަކު ނުދެޔޭ ބުނުމުން، ދޮންނަ ކުނޑީގެ ރައިސް ބުރޭންޑަށް އެ ވާހަކަ ރައްދުވާ ފަދައިންނެވެ.

ދެން، ދެވަކީލުންގެ ވާހަކަ އަޑު އަހާފައި ގާޒީ ވިދާޅު ވިއެވެ. ވަގުންގެ ސަރުކާރެކޭ އަދި ލައުނަތް ހައްގޭ ބުނި ބުނުން ދިފާއީ ވަަކީލު ބުނާ ފަދައިން، އެމެރިކާގެ ސަރުކާރަކަށް ނޫނީ އިނގިރޭސި ސަރުކާރަކަށް ރައްދު ވާނޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސަބަބަކީ، ގާޒީ ފާހަގަކުރެއްވި ގޮތުގައި، އެ ތަންތަނުގައި ވަގުންގެ ސަރުކާރެއް ނެތް ކަމެވެ. އަދި ވެސް ގާޒީ ވިދާޅުވިއެވެ. އެފަަދަ ވަގުންގެ ސަރުކާރެއް އޮތީ މިތަނުގައި ކަމުން، އެ ވާހަކަ ރައްދުވަނީ ސީދާ ހަމަ މިތަނުގެ ސަރުކާރަށް ކަމަށެވެ. ދެން، އެ ވާހަކަ ބުނި މިހާ، މިވެނި އެވެނި ގާނޫނުގެ މާއްދާއަކަށް ފެތޭކަމަށް ގާޒީ ނިންމެވިއެވެ. ވަކިން ޚާއްސަ ގޮތެއްގައި، ރައްޔިތުންނާއި ސަރުކާރާއި ޖެއްސުމާއި ފިތުނަ ފަސާދަ އުފެއްދުމުގެ ގާނޫނީ މާއްދާއަށެވެ. ދެން، ސަރުކާރަކީ ވަގުންގެ ސަރުކާރެކޭ އަދި އިލާހީ ލައުނަތް ހައްގޭ ބުނި މީހާ، ސަރުކާރުގެ ވަކީލު ބޭނުންވި ގޮތަށް، ކުށްވެރިވެ، ވިހި އަހަރަށް ޖަލަށް ލުމަށް މާތް ގާޒީ ހުކުމް ކުރެއްވިއެވެ.

ދެން މި މައްސަލަ ރިޕޯޓު ކުރުމަށް އައިސް އިން ނޫސްވެރިޔަކު އޭނާގެ ނޯޓު ފޮތުގައި ލިޔެލިއެވެ. ކުށްވެރިޔާގެ ވާހަކައަކީ ތެދެއް ކަމަށް ގާޒީ އެއްބަސްވެލެއްވިއެވެ. ތަނުގައި އޮތީ ވަގުންގެ ސަރުކާރެއް ކަމަށް ޚުދް ގާޒީ ވެސް ވިދާޅުވުމުންނެވެ. ނަމަވެސް، ކުށްވެރިޔާ ކުށްވެރިވީ، ގާޒީ ދެކިލެއްވި ގޮތުގައި، އެވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައަކަށް ވެގެންނެއް ނޫނެވެ. ރައްޔިތުންނާއި ސަރުކާރާ ޖައްސައި ފިތުނަ އުފެއްދުމުގެ މައްސަލައަކަށް ވާތީއެވެ. ގާޒީ އެ ވާހަކަ – ތަނުގައި އޮތީ ވަގުންގެ ސަރުކާރެކޭ – ގާޒީ ވިދާޅުވީ ހަގީގަތެއް ބަޔާންކުރެއްވުމަށެވެ. ސަރުކާރާއި ރައްޔިތުން ޖައްސައި ފިތުނަ އުފައްދާކަށް ނޫނެވެ. ނަމަވެސް، ހަގީގަތެއް ވެސް، ފިތުނަ އުފައްދަން ބޭުނުން ކުރެވިދާނޭ ކަމާއި، އެކަން ކުރުމުން، އެއީ ކުށްވެރިވާން ޖެހޭނޭ ކަމެއް ކަމަށް ގާޒީ ނިންމައި މުއްތަހަމު ކުށްވެރި ވެއްޖެ ކަމަށް ގާޒީ ނިންމެވީއެވެ!

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ