ހުޅުމާލޭގައި މިއަހަރު އިތުރު 2 ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ފަށަނީ

ޚަބަރު ފަހުގެ

މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ހުޅުމާލޭގައި މި އަހަރު ދެ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ދިރާސީ އައު އަހަރަށް، 1300 އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުންދާ ސްކޫލް ނޫން އެހެން ސްކޫލްތަކަށް ބަދަލުވުމަށް އެދިފައިވާކަމަށެވެ. އޭގެތެރެއިން 700 އަށްވުރެ ގިނަ ދަރިވަރުންނަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުވާ ދަރިވަރުންކަމަށް އޭނާ ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޝިފާޒް ވިދާޅުވީ ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގައި އެންމެ ޑިމާންޑު ބޮޑީ ހުޅުމާލޭ ސްކޫލްތަކަށް ކަމަށެވެ. އެއީ އެ ސަރަހައްދަށް ގިނަ އާއިލާތެއްގެ ދިރިއުޅުން ބަދަލުވާތީކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހުޅުމާލޭގެ ސްކޫލްތަކަށް އޮތް ޑިމާންޑާ ގުޅިގެން، 5 ނުވަތަ 7 ވަރަކަށް ސްކޫލް ހުޅުމާލޭގައި އެޅުމަށް މިނިސްޓްރީން ރާވާފައިވާކަމަށް ޝިފާޒް ވިދާޅުވި އެވެ. އެގޮތުން އިތުރު ދެ ސްކޫލް އިމާރަތްކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެއީ ފޭސް 1 ގައި އިމާރާތްކުރާ ސްކޫލަކާއި ފޭސް 2 ގައި އަޅާ ސްކޫލެކެވެ.

މީގެއިތުރުން އަލަށް އިމާރާތްކުރާ ސްކޫލްތަކާއެކު، 2027 ވަނައަހަރަށް ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލްތަކުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޝިފާޒް ވަނީ ވިދާޅުވެފަ އެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކުރަމުންދާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށާއި، 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އެ ސްކޫލްގައި ފަށާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ