އާރަށު މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި

ޚަބަރު ފަހުގެ

ރިސޯޓެއް ތަރައްގީ ކުރަން ވ.އަތޮޅު އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށްނިންމައިފިއެވެ.

މި މައްސަލައިގާ ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އޮތީ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ މައްސަލައެއްތޯ ނިންމުމެވެ. ދައުވާ ރައްދުވާ ދެ ފަރާތުން ވެސް ވަނީ މަދަނީ މިންގަނޑުން ބަލާއިރު ވެސް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވަކާލާތު ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން ރައީސް ޔާމީންގެ ފަރާތުން އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކުށުގެ އަމަލުތައް އެއީ ހިނގި އަމަލުތަކެއް ކަން ދަލާލަތު ކޮށްދެވޭ ވަރުގެ ހެއްކެއް ނެތްކަން ފާހަގަ ކުރައްވާފައެވެ.

ދައުލަތުން ހުށަހެޅި މައި ދެ ހެކި ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަހަކީ އެއަށް ބާރު ލިބިދޭ އިތުރު ހެއްކެއް ނެތް ނަމަ ބަލައިގަނެވޭނެ ހެކިތަކެއް ނޫން ކަމަށާއި އޭގެ ދެ މީހުންގެ ފާސިގު ހެކީގެ މައްޗަށް މީގެ ކުރިން ޔާމީންގެ މައްޗަށް އުފުލި ދައުވާ ވެސް ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވާކަން ޖަމީލުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ޔޫސުފް ނައީމްގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފްވެސް ވަނީ ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުނިން ދައުލަތާ އެކު ހިންގި މުއާމަލާތަކާއި ޔާމީނާއި ޔޫސުފް ނައީމްއާ ދެމެދު ވެސް މުއާމަލާތެއް ހިންގި ކަމަށާއި އެހެންނަމަވެސް ދެ މުއާމަލާތް ގުޅުވާލެވޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް ދައުލަތުން ވަނީ މައްސަލަ ސާބިތުކުރުމަށް އަދީބާއި ޒިޔަތުގެ އިތުރުން ވެސް އެކަމަށް ބާރުދޭ ގިނަ ހެކިތަކެއް ހުށަހަޅާފައިވާނެ ކަމަށް ބުނެފައެވެ. ޖިނާއީ މައްސަލަތަކުގައި ސީދާ ހެކި ނުލިބޭނެ ކަމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ގަޒިއްޔާއަކަށް އިޝާރާތް ކުރައްވައި ދައުލަތުން ވިދާޅުވީ މި މައްސަލައިގާ ވެސް ނުސީދާ ގިނަ ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަވެސް އަޑުއެހުމަށްފަހުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ކަމަށް ނިންމާފައެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއް އޮތް ކަމަށް ދައުލަތާއި ދައުވާ ރައްދުވާ ދެ ފަރާތުން ވެސް ފާހަގަ ކުރެއްވުމުން ގާޒީ ވަނީ 15 ދުވަހުގެ ފުރުސަތެއް ދެއްވަން ނިންމަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ