ޢާޒިމާގެ މައްސަލާގައި ނިހާޔަތަށް، ވަކާލާތު ނުކުރެވޭނެ: ދައުލަތް

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލާގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތަށް ދިފާޢީ ވަކީލެއްގެ ގޮތުގައި ވަކާލަތު ނުކުރެވޭނެކަމަށް ދައުލަތުން ހައިކޯޓުގައި ވިދާޅުވެއްޖެއެވެ.

ޢާޒިމާގެ މައްޗަށް އުފުލާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ގއ.ވޮޑަމުލާ މައްސަލާގައި އުފުލި މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން، އެ ފައިސާ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިންކަމުގެ ތުހުމަތުގައެވެ. އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އާޒިމާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލާގައި މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ، އާޒިމާގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބުނުއިރު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމުގައި ހުންނެވީ ނިހާޔަތުކަމަށާއި، އެހެންކަމުން އޭނާއަށް ދިފާއީ ވަކީލެއްގެ ގޮތުގައި ވަކާލަތު ނުކުރެވޭނެކަމަށެވެ. ނަމަވެސް ނިހާޔަތު ވަނީ ޕީޖީ އޮފީހުގައި މަސައްކަތްކުރެއްވިއިރު، އާޒިމާގެ މައްސަލައާއި ގުޅޭ އެއްވެސްކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި ޕީޖީ އޮފީހުގައި ކަންކަން ރޭވި އިންތިޒާމްވެފައި އޮންނަނީވެސް އެ އޮފީހަށް އަންނަ ކޮންމެ މައްސަލައެއްގައި ބައިވެރިވެވޭގޮތަކަށްވެސް ނޫންކަަމަށް ނިހާޔަތު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުން ވަނީ، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ޤަވާއިދު އޮތްގޮތުން ކޮންމެހެން ބައިވެރިވުމެއް އޮންނަން ނުޖެހޭނެކަން ބަޔާންކުރާތީ، ޕީޖީ އޮފީހަށް އާޒިމާގެ މައްސަލަ ހުށައެޅުނުއިރު އެ އޮފީހުގައި މަސައްކަތް ކުރަމުންދިޔަނަމަ، ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

ޕީޖީ އޮފީހުގައި މަސައްކަތްކުރެއްވިއިރު، ޢާޒިމާގެ މައްސަލާގައި އެއްވެސްކަމެއްގައި ބައިވެރިވުމަށް އޮއްތޯ ބެންޗުން ސުވާލުކުރެއްވިއެވެ. ދައުލަތުން ވަނީ އެފަދަ ކަމެއް ހިނގިކަން ނޭނގޭކަމަށާއި، ނަމަވެސް ޕީޖީ ޗުއްޓީއަށް ވަޑައިގަންނަވާއިރު އޮފީސް ހިންގުން ހަވާލުވެވަޑައިގަންނަވަނީ ޑެޕިއުޓީ ޕީޖީކަމުން، މަސްލަހަތު ފުށުއެރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ނިހާޔަތު ވިދާޅުވީ، ދައުލަތުން މުޅިންވެސް ދައްކަނީ ވެދާނެކަމަށް ލަފާކުރާ ކަންކަމުގެ ވާހަކަކަމަށާއި، ޑެޕިއުޓީ ޕީޖީ ކަމުގައި މަސައްކަތްކުރެއްވއިިރު، މަހްމޫދު ސަލީމްވެސް އެ މަޤާމުގައި މަސައްކަތްކުރެއްވިކަމަށެވެ. އަދިވެސް އޭނާ އެ މަޤާމުގައި ހުންނެވިކަމަށާއި، އެ އޮފީހުގައި މަސައްކަތްކުރުމަކީ، އެކަމުގެ މައްޗަށް ބިނާކޮށް މަސްލަހަތު ފުށުއަރާނެކަމެއް ނޫންކަމަށްވެސް ނިހާޔަތު ވިދާޅުވިއެވެ.

މިއާއެކު މައްސަލަ ބައްލަވާ ބެންޗުން ވަނީ އެކަމާމެދު މާދަމާ ގޮތެއް ނިންމެވުމަށްފަހު އަންގަވާނެކަމަށެވެ. މި މައްސަލާގައި މާދަމާވެސް އަޑުއެހުމެއް ބޭއްވުމަށް ވަނީ ތައާވަލުކޮށްފައެވެ.

މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފާތިމަތު ފަރުހީޒާއެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު ހަސަން ޝަފީޢެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ