ޖަޕާނުގެ ސަފީރު މެޑަމް ފަޒްނާއާ ބައްދަލު ކުރައްވައިފި

ޚަބަރު ފަހުގެ

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާ އެކްސެލެންސީ ތަކެއުޗި މިދޮރި، ރައީސް އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ގައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ވާހަކަ ދައްކަވައިފައެވެ.

އަދި މެޑަމް ފަޒްނާ ވަނީ ޖަޕާނު ސަރުކާރުން ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ވެދެއްވަމުން އަންނަ އަގު ނުކުރެވޭހާ ގިނަ އެހީތައް، ހާއްސަކޮށް ތައުލީމީ ދާއިރާއަށް ވެދެއްވަމުން އަންނަ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ.

ޖަޕާނުގެ ސަފީރު ވަނީ މި އަހަރަކީ ދެ ގައުމުގެ ގުޅުމަށް 55 އަހަރުފުރޭ އަހަރުކަން ފާހަގަކުރައްވައި މި މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދެވިދާނެ ބައެއް ކަންކަމާގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

މެޑަމް ފަޒްނާ އާއި ޖަޕާނުގެ ސަފީރު ވަނީ ސަގާފަތާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ތައުލީމީ އަދި އިޖްތިމާއީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1967 ވަނަ އަހަރުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ