ނަރުުސް މޭރީގެ މަރު: ދަޢުވާއަށް މާވިން އިންކާރުކޮށްފި

ޚަބަރު ފަހުގެ

އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް ދަޢުވާތަކަށް އިންކާރުކޮށްފިއެވެ.

މޭރީގެ މަރުގެ މައްސަލާގައި މާވިންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިއަހަރުގެ ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް މިއަދުވަނީ ކުރިއަށް ގެންގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މޭރީގެ މަރުގެ މައްސަލާގައި ހިމެނޭ ދެމީހުންގެ ޝަރީޢަތް ވަކިވަކިން ކުރިއަށް ގެންދާއިރު މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ އަޑުއެހުމުގައި ދިފާއީ ވަކީލު ވިދާޅުވީ، ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށް މާވިންގެ ފަރާތުން އިންކާރު ކުރާ ކަމަށެވެ. އަދި މޭރީ އާއި މާވިންގެ ދަރިފުޅު އޮލިވިއާ ގްރޭސްގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓެނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވަކީލްވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ދަޢުލަތުން މާވިންގެ މައްޗަށް މީހަކު މެރުމުގެ ދަޢުވާ އުފުލާފައިވާއިރު އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ނެތްކަމަށް ވަކީލް ވިދާޅުވިއެވެ.

އެގޮތުން މާވިން މޭރީގެ ބޮލަށާއި، ކަރަށް ޙަމަލާދީ އަދި އެއަށްފަހު ނޭވާ ހާސްކޮށްލައިގެން މަރާލާފައިވާކަމަށް ދައުލަތުން ކުރާ ދައުވާގައި ބުނާއިރު، އެޙަމަލާ ދިން ގޮތާއި، ޙަމަލާދިނީ ކޮން އެއްޗެއް ބޭނުންކޮށްގެންކަން އެނގެން ނެތްކަމަށް ދިފާޢުންވަނީ ބުނެފައެވެ. އަދި އެއްވެސްއިރަކު މާވިންގެ ފަރާތުން މޭރީއަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ދީފައިނުވާނެ ކަމަށްވެސް މިއަދުގެ ޝަރީޢަތުގައި ދިފާޢީ ވަކީލް ވިދާޅުވިއެވެ.

އެކަމާގުޅިގެން ދަޢުލަތުން ބުނެފައިވަނީ މާވިންގެ ފޯނުން “ހައު ޓު ނޮކް ސަމްވަން އައުޓް” އޭ ލިޔެ ސަރޗް ކޮށްފައިވާ ކަމަށެވެ. އަދި މޭރީގެ ބޮލަށާއި ކަރަށް ޙަމަލާ ދީފައިވާކަން އޭނާގެ އޮޓޮޕްސީ ރިޕޯޓުން އެނގެން އޮތުމުން، އެ ކަންކަން ދައުލަތުން ވަނީ ގުޅުވާލާފައެވެ.

މި މައްސަލައިގައި ދައުވާ އިއްވައި، ދައުވާއަށް ޖަވާބުދާރީވެފައިވުމާއެކު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެފަރާތުން ހެކި ހާމަ ކުރުމެވެ. މައްސަލަ ބައްލަވާ ޤާޟީ ހުސައިން ފާއިޒު ރަޝާދު ވަނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފައެވެ. އަދި ޝަރީޢަތުގެ މަރުޙަލާ ފެށުމަށްފަހު ހުށައަޅާ ހެކި ބަލައިނުގަތުމަށްވެސް ޤާޟީ ހުސައިން ފާއިޒު ރަޝާދު ވަނީ ނިންމަވާފައެވެ.

މޭރީގެ މަރުގެ މައްސަލާގައި ނަރުހުގެ ފިރިމީހާ 29 އަހަރުގެ މާވިން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ