މިނިސްޓަރ އަމީން އަމިއްލަފުޅަށް މަސައްކަތުންް އެކަހެރިވެއްޖެ

ޚަބަރު ފަހުގެ

ހެލްތު މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަމިއްލަ ފުޅަށް މަސައްކަތުން އެކަހެރިވެ ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ އަމީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕެއެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، ކަމާއި ބެހޭ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތު ކުރާ ވާހަކަ ދަންނަވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓަރ އަމީން މަގާމުން އެކަހެރިވެވަޑައިގެންނެވިއިރު، އެ އޮޑިޓު ރިޕޯޓާއި ގުޅިގެން ފުލުހުންނާއި އޭސީސީގެ ޖޮއިންޓު ތަހުގީގެއް ހިންގުމަށް ރައީސް ސާލިހު މިހާރު ވަނީ އަންގަވާފައެވެ.

އެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ދުބާއީގެ “އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް” ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް ގަތުމަށް ހަވާލުކުރި ތަކެއްޗަށް ވީގޮތް ނޭނގޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ރިޕޯޓުގައިވެއެވެ.

ހެލްތު މިނިސްޓްރީން ވަނީ މުޅި ޖުމްލަ 305،975 ޕީޕީއީ ގަތުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. މި ފައިސާ ގަތުމަށް ހަވާލުކޮށްފައިވަނީ އެސްޓީއޯ ޕަބްލިކް ލިމިޓެޑަށެވެ. އަދި ތަކެތި ގަތުމަށް އެޑްވާންސްކޮށް ފައިސާ ވެސް ވަނީ ދައްކާފައެވެ.

ވެންޓިލޭޓަރު ގެންނަން ދުބާއީގެ “އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް” ހަވާލު ކުރުމުގައި ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ހިމެނޭތީ އެ މައްސަލަ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ވަނީ އަންގަވައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ