ކައުންސިލްތަކަށް ވިޔަފާރި ކުރެވޭ ގޮތަށް ގަވާއިދު ނެރެފި

ޚަބަރު ފަހުގެ

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު އާންމުކޮށްފިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ޤާނޫނަށް ގެނައި އިސްލާހުތަކާއެކު، އަމިއްލައަށް ވިޔަފާރި ކުރުމުގެ މަގު ކައުންސިލްތަކަށް ވަނީ ތަނަވަސް ކޮށްދީފައެވެ. ޤާނޫނަށް ގެނައި އިސްލާހު ތަކާއެކު ކައުންސިލްތަކަށް ވިޔަފާރި ކުރުމަށްޓަކައި އަމިއްލަ ކުންފުނި ހެދުމުގެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިގަވާއިދުގެ ދަށުން އެސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރާ ދާއިރާތައް ނުވަތަ އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރިނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތައް ވަނީ ކަނޑައަޅާފައެވެ. މިގަވާއިދުގެ ދަށުން ކައުންސިލްތަކަށް ކުންފުނި ހަދައި ބޮޑެތި ވިޔަފާރިތަކަށް ވަނުމުގެ ފުރުސަތު ފަހިވެއެވެ.

އެއަރޕޯޓް ހިންގުމާއި، ހޮސްޕިޓަލާއި، ކްލިނިކް ހިންގުމާއި، ބޯޓް ޔާޑު ޤާއިމުކުރުންފަދަ ވިޔަފާރިތައް ކައުންސިލްތަކަށް ކުރެވޭ ގޮތަށް ވަނީ ފުރުސަތު ފަހިކޮށްދީފައެވެ. މި ގަވާއިދުގެ ދަށުން އުފައްދާ ކުންފުނީގެ މަގުސަދު ހާސިލު ކުރުމަށްޓަކައި، ހިންގާ ވިޔަފާރި ހަރަކާތްތައް ބެހިގެންވަނީ 2 ބަޔަކަށެވެ.

މި ގަވާއިދުގައިވާ ގޮތުން ކައުންސިލަށް ވިޔަފާރި ކުންފުންޏެއް ހަދަން ހުއްދަ ދެވޭނީ އެ ރަށެއްގައި އަމިއްލަ ފަރާތްތަކުން، އެ ވިޔަފާރި ހަރަކާތެއް ނުވަތަ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށްފަހު ހުއްދަދޭ ވިޔަފާރި ހަރަކާތް ތަކަށެވެ. އަދި ކުންފުނީގެ ޑިރެކްޓަރުގެ ކިބައިގައި ހުންނަ ޝަރުތުތައް ކަނޑައަޅާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ރެޖިސްޓްރާ އޮފް ކޮމްޕެނީސްއެވެ.

އެގޮތުން މިގަވާއިދުގެ ދަށުން ކުންފުންޏެއްގެ ޑިރެކްޓަރުކަމަށް ޢައްޔަންކުރާ ފަރާތް، ޑިރެކްޓަރުކަމަށް ޢައްޔަންކުރުމަށް އޭނާ ރުހިގަބޫލުވާންޖެހެއެވެ. ޑިރެކްޓަރުކަމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމަށް ލިޔުމުން ބަޔާންކޮށް ކުންފުންޏަށް ހުށަހެޅުމުން މެނުވީ، ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި އެއްވެސް ފަރާތެއް ހަމަޖައްސައިގެން ނުވާނެކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް އައްޔަންކުރާ ކޮންމެ ފަރާތެއް، އައްޔަންކުރުމުގެ ކުރިން، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އަހުލުވެރިވުމަށްޓަކައި، ރެޖިސްޓްރާރ ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ.

މި ގަވާއިދުގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ހަރަކާތް ފިޔަވައި، އެހެން ވިޔަފާރި ހަރަކާތެއް ހިންގާނަމަ، (10000 ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ