ފަސްޓްލޭޑީ ފަޒްނާ އަރިހަށް ޑަބްލިއު.އެޗް.އޯގެ މަންދޫބު ޒިޔާރަތްކުރައްވައިފި

ޚަބަރު ފަހުގެ

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުކުރެއްވުމުގައި ޑަބްލިއު.އެޗް.އޯގެ މަންދޫބާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން “ވީ ދަ ޕީޕަލް އެންޑް އަވަރ ޕްލެނެޓް: ހެލްތީ، ރެސިލިއެންޓް، ސަސްޓެއިނަބަލް” ގެ ނަމުގައި ވަރޗުއަލްކޮށް ބޭއްވެވި ހައި-ލެވެލް ޕެނަލް ޑިސްކަޝަނަށް ފުރުޞަތު ދެއްވާފައިވާތީ އެކަމަނާ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޑަބްލިއު.އެޗް.އޯގެ މަންދޫބާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދެފަރާތުން އިސްކަންދެއްވާ މުހިންމު ކަންކަމާއި ކުރިޔަށް އޮތްތާންގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި މުޖުތަމަޢުގައި އޮތް މަސްތުވާތަކެތީގެ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މި މައްސަލަތަކަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން މުޤައްރަރުގައި މިކަންކަމާބެހޭ މަޢުލޫމާތު ހިމެނުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މުޖުތަމަޢުގައި މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރައްވާފައިވެއެވެ.

ބައްދަލުކުރެއްވުމުގައި ޑަބްލިއު.އެޗް.އޯގެ މަންދޫބު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާފައިވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި މަސްތުވާތަކެތީ މައްސަލައާ ހުރި ގުޅުންތައް ފާހަގަކުރައްވަމުން މި މައްސަލަތައް ޙައްލުކޮށް ފިޔަވަޅު އެޅުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ޑަބްލިއު.އެޗް.އޯގެ މަންދޫބު ފާޅުކުރެއްވިއެވެ. ޑަބްލިއު.އެޗް.އޯގެ މަންދޫބު ވަނީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، އަދި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނާއި ހަމައަށް މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ