ދަރަނި ދެއްކުމުގައި ދަތި ކަމެއް ނެތް: ރައީސް

ޚަބަރު ފަހުގެ

ރާއްޖެ އިން ދައްކަންޖެހޭ ދަރަނިތައް ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން އަދި ދައްކަމުންދާ އެއްޗެއް ކަމަށާއި އެގޮތުން މިއަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ވާހަކަ ޔަގީންކަމާއެކު ދަންނަވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ހަމައެއާއެކު ކުރިއަށް އޮތް 2023 ވަނަ އަހަރު 2024 ވަނަ އަހަރު ވެސް އެކަމުގައި ދައްޗެއް ނެތި އިރާދަކުރެއްވިއްޔާ ބަޖެޓް ކުރެވިފައި އޮތް ގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަރުވަން” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ދަތިކަން އެބަހުރި ކަމަށާއި ނަމަވެސް އެ ދަތިތަކާއެކު ވެސް އަޅަންޖެހޭ ފިޔަވަޅު އަޅައި އިގްތިސާދަށް އަންނަ ކުރިއެރުމާއެކު ހަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ ދައުލަތުގެ ދަރަނި ދެއްކުމަށްޓަކާ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ އެއްވެސް ތަފްސީލެއް ރައީސް މިރޭ ހާމަކުރައްވާފައެއް ނުވެ އެވެ.

ރައީސް މިހެން ވިދާޅުވެފައިމިވަނީ ރާއްޖެ އަށް އަންނަ އަހަރު ނިމޭ އިރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ މަޝްހޫރު އިންވެސްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ފިނޭންސް މިނިސްޓްރީން މާޗު މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން މާޗް މަސް ނިމުނު އިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަކީ 865.2 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ހާލަތަކާ މެދު ވޯލްޑް ބޭންކުން ވެސް މިދިޔަ މަހު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ