ވެއިޓަރު މަރާލި މައްސަލަ: ކައްކާ، ޝަރީއަތް ނިމެންދެން ބަންދަށް!

ޚަބަރު ފަހުގެ

ހުޅުމާލޭގައި ހިންގަމުން ދިޔަ ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުންދިޔަ ވެއިޓަރަކު މަރާލާފައިވާ މައްސަލައިގާ ދައުލަތުން ދައުވާކޮށްފައިވާ އެ ރެސްޓޯރެންޓުގެ ކައްކާ، ޕާކިސްތާން މުހައްމަދު އާބިދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު އިއްޔެ ކުރި އަމުރުގައި ބުނެފައިވަނީ ހުށަހެޅިފައިވާ ހެއްކާއި، މައްސަލައޮތް ހާލަތަށް ރިއާޔަތް ކުރުމަށް ފަހުގައި އާބިދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރާ ކަމަށެވެ. ހާދިސާ ހިނގިތަން ފެނުނު ފަރާތްތަކުގެ ބަޔާނާއި ހާދިސާ ހިންގި ތަނުގެ ފޮޓޯ ރިޕޯޓާއި ހާދިސާއާ ގުޅޭ އެހެނިހެން ފަރާތްތަކުގެ ބަޔާން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ބިދޭސީމީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރި ކަމަށް ބަޔާންކޮށް އެވަގުތު ހާދިސާ ހިނގިތަނުގައި ހުރި ފަރާތަކުން ބަޔާން ދިފައިވާތީ އާބިދުގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އާބިދު ކުރިކަމަށް މަތީ މިންވަރަކަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ.

ހާންޖީ ރެސްޓޯރެންޓުގައި ހިނގި ހަމަނުޖެހުމުގައި މަރުވެފައިވަނީ އެމްޑީ ޝާހިން ،29، ނަމަކަށް ކިޔާ ފިރިހެނެކެވެ. ޝާހިންގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާފައެވެ.

ޕާކިސްތާންގެ ކައްކާ ބަންގްލަދޭޝް މީހާ އަށް ހަމަލާ ދިން ކަމަށް ފުލުހުން ތުހުމަތު ކުރާ ރޭ، އޭނާ ހައްޔަރުކޮށްފައިވަނީ މެންދަމު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިލައިގެން އުޅެނިކޮށް އަތިރިމަތިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ