އިންސާނީ ދިރުން ދެމެހެއްޓުމަށް ތިމާވެށި ހިމާޔަތް ކުރަންޖެހޭ: ރައީސް

ޚަބަރު ފަހުގެ

ބިމުގެ ވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު މިއަދު ފޮނުއްވި ހިތާބެއްގައި ވިދާޅުވީ މިކައުނުގެ ތެރޭގައި އެތައް ބިލިއަން މަޑިކިލަނބުތަކެއް ހިމެނޭ އިރު، އެއިން ކޮންމެ މަޑިކިލަނބެއްގައި އެތައް ބިލިއަން ގުރަހަތަކެއް ދައުރުކުރާ ކަމަށެވެ. ނަމަވެސް އިންސާނުން ދިރިއުޅުމަށް އެކަށޭނަ ކަމަށް، މިހާތަނަށް އެނގެން އޮތީ އެންމެ ގުރަހައެއް ކަމަށާއި އެއީ މި ބިން ނުވަތަ މި ދުނިޔެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ތިމާވެށި ހިމާޔަތްކުރުމާއި އެކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ވާހަކަ މިހާރު ވަނީ، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ގުގުމައިފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ، ތިމާވެށީގެ ނުރައްކާތަކަށް މުޅި ދުނިޔެ ހުށަހެޅިފައިވުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

“ތިމާވެށީގެ ނުރައްކާތަކާ ސީދާ ގޮތުން ކުރިމަތިލާން ނުޖެހޭ އެންމެ ގައުމެއްވެސް މިހާރު މި ބިންމަތީގައި ނެތުމެވެ. އެހެންކަމުން ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަކީ، އަދި އެކަމަށްޓަކައި މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ފަރުދެއްގެ ވާޖިބަކަށް އަދި ކޮންމެ ޤައުމެއްގެ މަސްއޫލިއްޔަތަކަށް މިހާރު ވެއްޖެއެވެ” ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ދުނިޔޭގެ ހޫނުމިން މަތިވަމުން ދަނީ، ބިމުގެ ގުދުރަތީ ނިޒާމާއި މި ބިންމަތީގައި ދިރިއުޅޭ އިންސާނުންވެސް އެކަމަށް ހޭނުމަށް ނުކުޅަދާނަހާ ހަލުވިމިނެއްގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން، ދިރިއުޅޭ މާހައުލަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ދިރުންތަކުގެ ތެރެއިން ގާތްގަނޑަކަށް މިލިއަނެއްހާ ބާވަތުގެ ދިރުންތައް މިހާރު ވަނީ ނެތިދިއުމުގެ ނުރައްކަލަށް ހުށަހެޅިފައި ކަމަށާއި ތަރައްގީ އާއި ކުރިއެރުމުގެ ރާސްތާގައި އަޅަމުންދާ ކޮންމެ ފިޔަވަޅަކާއެކު، ދުނިޔޭގެ މާހައުލީ ނިޒާމު ގަޑުބަޑުވެ، މި ބިމުގެ ވަޔާއި ކަނޑާއި ބިންގަނޑު ދަނީ ތަގައްޔަރުވަމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ދުނިޔޭގެ މާހައުލީ ނިޒާމުގެ އޭގެ ތަބީއީ ހާލަތަށް އަލުން އިއާދަކޮށްދީގެން ނޫނީ، އިންސާނީ ދިރުން މިބިންމަތީގައި ދެމެހެއްޓުމަކީ މުސްތަހީލު ކަމެއްކަން، ކުރެވޭ ތަޖުރިބާތަކުންނާއި، އިލްމީ ހަގީގަތްތަކުން މިހާރު ސާބިތުވެ ކަށަވަރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ހައްލުތަކާއި އެ ހައްލުތައް ހޯދާނެ ޓެކްނޮލޮޖީ މިހާރު ހުރީ ފަހިވެފައި ކަމަށާއި ދުނިޔެ ހޫނުވުމަށް މެދުވެރިވާ އާދަތައް ބަދަލުކޮށްލުމަށްޓަކައި ބޭނުންވަނީ، ދުނިޔޭގެ ފެންވަރުގައި އަދި ޖަމާއީ ގޮތެއްގައި ފިޔަވަޅުތަކެއް އެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

“ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން، ދުނިޔެ ހޫނުވަމުންދާ މިންވަރަށާއި، އެކަމުގެ ސަބަބުން މިބިމުގެ މާހައުލީ ނިޒާމަށް ލިބޭ ގެއްލުންތަކަށް ބަލާއިރު، މިކަން ހައްލުކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ގައުމެއް ނުވަތަ ބޮޑު ގައުމެއް ތަފާތުކުރެވޭކަށް ނެތެވެ. ވިހަ ގޭސްތައް ބޭރުކުރާ ގައުމުތަކާއި ނުކުރާ ގައުމުތައްވެސް ތަފާތުކުރެވޭކަށް ނެތެވެ. މިބިންމަތީގައި ދިރިއުޅޭ އެންމެން އެކުގައި މިކަމަށް މަސައްކަތްކޮށްގެން ނޫނީ، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރެވޭކަށް ނެތެވެ” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމުގައި މުޅި މުޖްތަމައުގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ތިމާވެށި ރައްކާތެރިކުރެވޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް، އާންމުން ހޭލުންތެރިކުރުމުގައި ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ އެކި ގައުމުތަކުން ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ދޫކުރާ ނިސްބަތަށް ބަލާއިރު، ދިވެހިރާއްޖޭގެ ހިއްސާ އެކަމުގައި ވަރަށް ކުޑަ ކަމަށާއި އެހެންނަމަވެސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް، އެހެން ހުރިހާ ގައުމަކަށްވުރެ ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ