ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ބޭރުކުރީ ސަރުކާރުން އަންގައިގެން – ބޮންޑޭ

ޚަބަރު ފަހުގެ

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލީ ސަރުކާރުން އަންގައިގެން ކަމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް މިއަދު ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

އިޝްތިހާރު
އިޝްތިހާރު

ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން މިއަދު ފުރުސަތު ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. ދެކޮޅަށް ވޯޓު ދެއްވީ މުޅިންވެސް އެމްޑީޕީގެ މެންބަރުންނެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ބޮންޑޭ ވިދާޅުވީ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލަން އެމްޑީޕީގެ މެންބަރުން ނިންމީ ސަރުކާރުން އަންގައިގެން ކަމަށެވެ. އެގޮތަށް މެންބަރުން އަމަލުކުރުމާ ގުޅިގެން ބޮޑެތި ފިތުނަތައް އުފެދި ސަރުކާރުން ކުރާ އެފަދަ ކަންކަމުގެ ޒިންމާ ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަންގަވަންޖެހިވަޑައިގަންނަވާ ކަމަށެވެ.

“މަޖިލިސް ރައީސް މި އިންނަވަނީ ތިތަނުގައި ރިޔާސަތުގައި. ހުރިހާ އެންމެން އިނގިލި ދިއްކުރާނީ ރައީސް ކުރައްވާ ކަމެއްގެ ގޮތުގައި އެކަން” ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވަންވީ ގޮތް ނިންމައި ތްރީ ލައިން ވިޕް ނެރެނީ ސަރުކާރުން އަންގާ ގޮތަށް ކަމަށެވެ. އެކަމުގައު އެމްޑީޕީ މެމްބަރުންގެ ބާރެއް ނޯންނަ ކަމަށާއި އަދި އެއީ އެމްޑީޕީގެ ނިންމުން ނޫން ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ މުހިއްމު މައްސަލަތަކުގައި ވޯޓު ސަރުކާރުން އަންގާހާ ގޮތަކަށް ވިޕް ނުނެރެވޭ ގޮތް ހަދަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުންތައް ކުރިއަށްދާ ގޮތަށްވެސް ބޮންޑޭ ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ބޮންޑޭ ވިދާޅުވީ ޕީޖީ ބައްދަލުވުންތައް ސިއްރުން ބާއްވާ، މެންބަރުން މަޖިލީހަށް އައުމުގެ ކުރިން ސަރުކާރުން ބޭނުންވާ ގޮތަށް ޕީޖީގައި ގޮތްތައް ނިންމާ ކަމަށެވެ.

ބޮންޑޭ ވަނީ އެމްޑީޕީގެ ވަކިވަކި ބައެއް މެންބަރުންނަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޖޭއެސްސީގެ ރައީސްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން މިނިވަން މުއައްސަސާއެއްގެ ރައީސްގެ ގޮތުގައ ހުންނަވައިގެން ނިމިގެން ދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވަކި ފަރާތަކަށް ކެމްޕޭން ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތަށް ހިސާން އަމަލުކުރެއްވުމުން އިންސާފު ހޯދައިދޭނީ ކިހިނެއްތޯއޭ ވިދާޅުވެ ޖޭއެސްސީ އިންސާފުވެރިވާނެ ކަމާ މެދު ސުވާލު އުފެއްދެވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ