ވެރިކަމުގައި އޮތްއިރު ކައުންސިލްތަކަށް ދިނީ ކޮން ބާރެއް؟ – ގަޕޯ

ފަހުގެ ސިޔާސީ

ވެރިކަމުގައި އޮތްއިރު ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށާއި ކައުންސިލްތަކުގެ ބާރު ކަނޑުވާލީ ޕީޕީއެމްގެ ސަރުކާރުން ކަމަށް ވިދާޅުވެ ހަނިމާދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ތަންފީޒު ކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ގަޕޯ ވިދާޅުވީ ކައުންސިލްތަކަށް ބާރުތައް ދިނުމުގެ ވާހަކަ އިދިކޮޅު ދައްކަވާތީ މިއަދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ވެރިކަމުގައި އޮތްއިރު ކައުންސިލްތަކަށް ފައިސާގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދީފައި އެބަހުރި ކަމަށާއި ނަމަވެސް މި ސަރުކާރު އައިފަހުން އާބާދީއަށް ބަލާ މަދުވެގެން ފަސް މިލިއަން ރުފިޔާ ކައުންސިލްތަކަށް ދެމުން ގެންދާ ކަމަށް ގަޕޯ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ސިޓީ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލާ އެ ކައުންސިލްތަކުން ކުރަންޖެހޭ ކަންކަން ހިންގަމުން ގެންދިޔައީ ހައުސިން މިނިސްޓްރީގެ ތެރޭގައި ކަމަށާއި އެކަންކަމަކީ ދިވެހި ރައްޔިތުންނަށް އެނގޭ ކަންކަން ކަމަށް ގަޕޯ ވިދާޅުވިއެވެ. އަދި އޭރު ހިނގާދިޔަ ކަންކަމަކީ ނުހިނގާ ކަންކަން ކަމަށް ހަދައިގެން ވާހަކަދެއްކުމުން އޭރުގެ ސަރުކާރުން ކައުންސިލްތަކާއި މެދު އަމަލުކުރަމުން ގެންދިޔަ ގޮތް ހަނދާން ހުންނެވި ފަރާތްތަކުން ވަރަށް މަލާމާތް ކުރާނެ ކަމަށް ގަޕޯ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ވެރިކަމަށް އައިސްފައި އެއްވެސް ކައުންސިލެއްގެ އެއްވެސް މުވައްޒަފެއް ކަނޑައެއް ނުލަން އިއްޒަތްތެރި ރައީސް. އެހެންނަމަވެސް މިއަދު ހަމަ މީހުން މަދު. ބަލަ އެބޭފުޅުން [ޕީޕީއެމް]ގެ ސަރުކާރުގައި ތިޔަ ލޭންޑް ޔޫސް ޕްލޭނެއް ހަދާ ކައުންސިލަށް މުވައްޒަފުންތައްލައި ރަށްރަށަށް އާ އެމްބިއުލާންސްތައް ހޯދައި ހެލްތު ސެންޓަރުތައް އެޅި ނަމަ މިއަދު އެވާހަކަ ދައްކަން އެބޭފުޅުންނަށް ޖެހުނީސްތޯ،” ގަޕޯ ސުވާލު އުފެއްދެވިއެވެ.

މި ގައުމަކީ ސިލްސިލާކޮށް ހިނގަމުން އަންނަ ގައުމެއް ކަމަށާއި މިގައުމަކީ އަލަށް އާބާދު ކުރާ ގައުމެއް ނޫންކަން ފާހަގަކުރައްވަމުން ގަޕޯ ވަނީ ތަކުރާރުކޮށް ކުރިން ކަންކަން ކުރި ނަމަ މިއަދު އެ މަސައްކަތް މި ސަރުކާރުން ކުރަން ނުޖެހޭނެކަން ފާހަގަކުރައްވާފައެވެ.

“އެހެންވީމަ އަލުން އާބާދުވެގެން ކުރަންޖެހޭ ކަންކަން ކުރަން ޖެހުނީމާ ހަމަ ނުކުރެވި ހުންނާނެ ބައިވަރު މަސައްކަތް އިއްޒަތްތެރި ރައީސް. އެކަންކަން ކުރަމުން މިދަނީ. އަޅުގަނޑުވެސް ގަބޫލުކުރަން ކައުންސިލްތައް ބާރުވެރި ކުރުވަން އެބަޖެހޭ. އެކަންކަން އެންމެ ފުރިހަމައަކަށް ނޫން ދަނީކީއެއް. އެކަންކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން މިޕާޓީއާ ސަރުކާރުން މި މަޖިލީހާ ގުޅިގެން އަޅުގަނޑުމެން މިދަނީ ކުރަމުން،” ގަޕޯ ވިދާޅުވިއެވެ.

ވެރިކަން ކުރަން ރައްޔިތުން ފުރުސަތު ދިންއިރު ރައްޔިތުންނަށް އިހުލާސްތެރިކަން ދިން ނަމަ ރައްޔިތުން ވެސް އެކަން ގަބޫލުކުރާނެ ކަމަށް ގަޕޯ ވިދާޅުވިއެވެ. ވެރިކަމަށް އައުމަށްފަހު އަށް ރުފިޔާ އަށް ހަނޑޫ ކިލޯއެއް ވިއްކާ ވެރިކަން ނިމެން ކައިރިވާން ތިންމަސް ދުވަހަށް ވުމުން 8 ރުފިޔާ ހަތަރު ރުފިޔާ އަށް ބަދަލު ކުރުމުން އެއީ އިހުލާސްތެރިކަމެއް ނޫން ކަމަށް ގަޕޯ ވިދާޅުވިއެވެ.

“އެހެން އެކަން ކޮށްފައި އޮތީ. އެކަން އިނގޭ މިގައުމުގެ ރައްޔިތުންނަށް. އެއީ ހަގީގަތް އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން ވެރިކަމަށް އައިއިރު ވެސް ހުންނާނީ ހަނޑޫ ހުރި އަގުގައި މިއަދުވެސް އެހުރީ ހަމަ އެ އަގުގައި. އަދި ހަކުރާއި ފުށްވެސް އެހުރީ އެ އަގުގައި، ކަރަންޓު ޔުނިޓެއްވެސް އެހުރީ އެ އަގުގައި ބަހައްޓާފައި. ތެޔޮ ފީފާއެއް އެހަރަ 200 ޑޮލަރަށް އަރަނީ އިއްޒަތްތެރި ރައީސް، ނަމަވެސް ސަރުކާރުން އެމަސައްކަތްތައް ކުރަމުން އަންނަނީ،” ގަޕޯ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ