ޒުވާނުން ނަމާދުކުރުމަކީ ‘ދީނީ ހަރުކަށި ފިކުރަށް’ މަގުފަހި ކުރާ ކަމެއް ހެއްޔެވެ؟

އިޖުތިމާޢީ ފަހުގެ ދީން

މި ސުއާލަކީ މި ދޭތެރެއިން ރާއްޖޭގައި ‘ދީނީ ހަރުކަށިކަމާ’ އިދިކޮޅަށް ހިންގި ޕުރޮގުރާމެއްގައި ދެއްކުނު ވާހަކަތަކެއްގެ ސަބަބުން އުފެދުނު ސުއާލެކެވެ. އެކަމުގެ ވާހަކަތައް މީޑިޔާގެ އެކި މަންސަތަކުގައި ފެތުރެމުން އެބަ ދެއެވެ. މައުޟޫއާއިގެން ކުރިއަށް ދިޔުމުގެ ކުރިން، އެންމެ ފުރަތަމައިން، ހަރުކަށި ފިކުރާ ބެހޭ ގޮތުން ކުރުކޮށް އެއްޗެއް ބުނެލަން ގަސްދުކުރަމެވެ. (މީގެ ތަފްސީލީ ލިޔުންތަކެއް ކުރިން ގެނެސްދެވިފައިވާނެއެވެ.)

ހަރުކަށި ފިކުރަކީ ތިމާގެ ގޮތް އެއީ ހަމައެކަނި ރަނގަޅުގޮތް ކަމުގައި ދައްކައިދޭ ފިކުރެކެވެ. އެއީ ދީނީ ފިކުރު ކަމުގައި ވިޔަސް ނޫނީ ސިޔާސީ ފިކުރު ކަމުގައި ވިޔަސް ނޫނީ އިގުތިސާދީ ފިކުރުކަމުގައި ވިޔަސް ނޫނީ އެހެން ފިކުރެއް ކަމުގައި ވިޔަސް ވެހެވެ. ކުރު ގޮތަކަށް ބުނާ ނަމަ، ދީނީ ފިކުރު ހަރުކަށި ފިކުރަށްވެގެންދާ ގޮތަކީ ދީނީ ޝަރުއީ ނައްސުތައް މާނަކުރުމުގެ އުސޫލުތަކުގެ ބޭރުން، ތިމާއަށް ފެންނަ ގޮތަކަށް މާނަކޮށް، ޚާއްސަކޮށް ދީނީ މުޖުތަމައީ މައްސަލަތަކާއި ދީނީ ފަރުއީ މައްސަލަތުގައި ގިނަ ގުނަ ރައުޔުތައް އޮވެމެ، ވަކި ރައުޔެއް އިޚްތިޔާރުކޮށް، އެއީ ހަމައެކަނި ރަނގަޅު ގޮތްކަމުގައި ދެކި، އެންމެންގެ މައްޗަށް އެކަން ހިންގާލަން އުޅުމެވެ. އަދި، އެ ގޮތާ ޚިލާފު ރައުޔެއް އިޚްތިޔާރުކުރާ މީހުންނަކީ ދީނުން ބޭރުވެފައިވާ ބައެއްކަމަށް ވެސް ހަދާލުމެވެ. މިކަމަކީ ނަމާދުކުރުމާ ގުޅޭ ކަމެއް ނޫނެވެ. ނުވަތަ ނަމާދުކުރުމަކީ މިކަމަށް މަގުފަހި ކޮށްދޭ ކަމެއް ވެސް ނޫނެވެ. މިކަން ގުޅެނީ، ހަރުކަށި އެހެން ފިކުރުތަކޭ އެއް ފަދައިން މައުލޫމާތާއި ވިސްނުމުގެ މައްސަލައާއެވެ. މައުލޫމާތުގެ ދާއިރާ ފުޅާވެ، އަދި ވިސްނުން ވެސް ހުޅުވާލެވުމުން، މިކަމުގެ ހައްލު ހޯދުމަށް މަގުފަހިވެއެވެ. ދެން މައުޟޫއާއިގެން ކުރިއަށް ދަމާ ހެއްޔެވެ؟

އިޝްތިހާރު
އިޝްތިހާރު

ސުރުޚީގައި އަޅާލެވިފައިވަނީ ވަރަށް ސާފު ސީދާ ސުއާލެކެވެ. ހަމަ އެހެންމެ، އެ ސުއާލަށް އޮތީ ވަރަށް ސާފު ސީދާ ޖަވާބެކެވެ. ނޫނެކެވެ. ޒުވާނުން ނަމާދުކުރުމަކީ ފަހަރެއްގައި ވެސް ދީނީ ހަރުކަށިފިކުރަށް މަގުފަހި ކުރާ ކަމެއް ނޫނެވެ. މީގެ ނުވަސަތޭކަ އެތައް އަހަރެއް ކުރިން ރާއްޖެ އިސްލާން ވީއްސުރެން ރާއްޖޭގައި މީހުން ނަމާދުކުރެއެވެ. އަދި، ރާއްޖޭގެ ޒުވާން ކުދިންނަށް އެ ކުދިންގެ މައިން ބަފައިން ނަމާދުކުރަން ދަސްކޮށްދީ ނަމާދުކުރަން ބާރު އަޅައެވެ. ފަސްދޮޅަހުގެ އަހަރުތަކާއި ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު މަޖީދިއްޔާ އިސްކޫލު ކުދިން ނަމާދުކުރުމަށް ބާރުއަޅައި ހޭނުވުމުގެ ގޮތުން ނަމާދު ހާޒިރީއެއް ވެސް ބެލެހެއްޓުނެވެ. ނަމަވެސް، ދީނީ ހަރުކަށި ފިކުރޭ ކިޔާ ކަމެއް އެކުދިންގެ ތެރެއަކު ނުފެނެއެވެ.

އަދި އެއްފަހަރު ވެސް ބުނެލަމެވެ. ނަމާދުކުރުމަކީ ފަހަރެއްގައި ވެސް ‘ދީނީ ހަރުކަށި ފިކުރާ ދިމާއަށް ކުދިން ގެންދިޔުމަށް ބާރުއަޅާނޭ ކަމެއް ނޫން ކަމެވެ. އެހެން ކަމަށް ވާނަމަ ނަމަ، ރާއްޖޭގައި މުޅިންހެން ވެސް އުޅޭނީ އެފަދ ހަރުކަށި މީހުން ނޫން ހެއްޔެވެ؟

މީގެ އިތުރުން، މުސްލިމުންގެ މާތް މުގައްދަސު ފޮތް ކަމުގައިވާ ކީރިތި ގުރުއާނުގައި ނަމާދު ކުރުމަށް އިންތިހާއަށް ބާރުއެޅިފައި އޮވެއެވެ. މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ނަމާދުކުރުން ހިމެނިފައި އޮވެއެވެ. އެތައް ސޫރަތެއްގެ އެތައް އާޔަތެއްގައެވެ. އަހަރުމެންނީ މާތްﷲ ވޮޑިގެންވާ ކަމަށް ގަބޫލުކުރާ ބައެއް ކަމުގައިވާ ނަމަ، އަދި، ކީރިތި ގުރުއާނަކީ މާތްﷲގެ ކަލާމްފުޅު ކަމަށް ގަބޫލުކުރާ ނަމަ، އަދި އެ ފޮތުގައި މިފަދައިން ނަމާދުކުރުމަށް ބާރު އެޅިފައި އޮތް އިރު، އެއީ މީހާގެ ކިބައިގައި ނުބައި ސިފަތަކާއި ގެއްލުން ދެނިވި ގޮތްތައް އުފައްދާ ކަމަަކަށްވާނޭ ހެއްޔެވެ؟ ނަމާދުގެ މަގުސަދަކަށް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި އޮންނަނީ މިފދައިންނެވެ. “… وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر….”، “…އަދި، ކަލޭގެފާނު (މުހައްމަދުގެފާނު) ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، (ޒިނޭކުރުންފަދަ ހަޑިހުތުރުކަން ބޮޑުވެގެންވާ) ފާހިޝް އަމަލުތަކުންނާއި، (އިންސާނާގެ ސަލާމަތް ބުއްދި، އެއީ ނުބައި ކަންތައްތަކެއް ކަމުގައި ބުނެދޭ، މީހުން މެރުމާއި ވައްކަން ކުރުމާއި، ފޭރުން ފަދަ، ނުބައިކަން ބޮޑުވެގެންވާ)، މުންކަރާތްތައް ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް، އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު މެދުވެރިކޮށް މާތް)ﷲ މަތީން ހަނދުމަ ކުރުން އެއީ (ނަމާދު ކުރުމުގެ މަގުސަދުތަކުގެ ތެރެއިން) އެންމެ މޮޅުއިތުރު ވެގެންވާ ކަމެވެ….” (ޢަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުން)

މިއާޔަތުގައި ބަޔާން ކުރެވިފައިވާ ފަދައިން، ނަމާދުގެ މަގުސަދަކީ މުއުމިނާ މާތްﷲއާއި ގުޅުވާލައި އަދި އެ ގުޅުމުގެ މަތީ މީހާއަކީ ހެޔޮލަފާ މީހަކަށް ހެދުމެވެ. ފަހަރެއްގައި ވެސް އޭނާއަކީ ކަންކަމުގައި ހައްދުފަހަނާއަޅާދާ މީހަކަށް ހެދުމެއް ނޫނެވެ. ނަމާދަކީ ދީނުގެ ތަނބައްވަނީ މިހެން ވެގެންނެވެ. ދީނުގެ ޖައުހަރީ މަގުސަދުކަމުގައިވާ އިންސާނާގެ ނަފްސު އިސްލާހުކުރުން އެކަމާ ގުޅިފައިވާތީއެވެ. އެހެންވެ، އިސްލާމް ދީން އެކަމެއްގެ މައްޗަށް ބިނާވެފައި އޮންނަ އެއްކަމަކީ ނަމާދެވެ. ނަމާދު ގާއިމުކުރުމެވެ. ހުރިހާ މުއުމިނުންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންނެވެ. ޒުވާނުންނާއި މުސްކުޅިންނެވެ. ސުއާލަކީ މިހާ ސާފުކޮށް އޮތް މައްސަލައެއް އޮޅުވާލައި ނަމާދަކީ މީހާ ހަލާކުކޮށް ނުބައި މަގަށް އަޅުވާ ކަމެއް ކަމުގައި ދައްކަން އުޅެނީ ކީއްވެ ބާވައެވެ؟

މި ސުއާލުގެ ޖަވާބެއް ހޯދުމުގެ ކުރިން، އެހެން ސުއާލެއް ކޮށްލަމާ ހެއްޔެވެ؟ ގިނަ ޕާޓީގެ ޑިމޮކުރަސީއަކީ ވައްކަމާއި ފަސާދައާއި ޚިޔާނަތާއި ގައުމަށް ޣަދަރުވެރިވުމަށް މަގުފަހިކޮށްދޭ ކަމެއް ހެއްޔެވެ؟ ރާއްޖޭގެ ތަޖުރިބާއަށް ބަލާލާއިރު ބުނެވޭނީ އާނއެކެވެ. ރާއްޖެއަށް ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ އައުމުން މިހުރިހާ ކަމެއް އިހުނަށް ވުރެ ބޮޑަށް އާންމުވިއެވެ. އަދި އޭގެ އިތުރުން، މިކަންކަން ކުރެވެން ފެށީ ގާނޫނީ ބާރެއް ވެސް ލިބިގެންނެވެ. ބޮޑެތި ޚިޔާނަތްތައް ހިންގާލެވުނު އިރު އެކަމަގުގައި ކުށްވެރިވި މަދު މީސްމީހުނަށް ހައްގު އަދަބެއް ނުދެވެއެވެ. އަނެއް ބަޔަކު ތިބީ މިނިވަން ވެފައެވެ. ޑުރަގުގެ ވިޔަފާރި އާންމުވެ، އެކަމުގައި ފުރިހަމަ ހެއްކާއެކު އަތުލެވޭ މީހުން ވެސް ކުށެއް ނެތް ބައެއްގެ ގޮތުގައި ވީއްލި ދޫވެއެވެ. ރިޝްވަތުދީ ވޯޓު ގަންނަ ވާހަކަތައް އެއީ އާންމު ވާހަކަތަކެވެ. ކޮންމެ އިންތިޚާބަކާ ބެހޭ ގޮތުން މިފަދަ ވާހަކަތައް ނޫސްތަކުގައި ލިޔެވެއެވެ. މިހާރު އެކަން ވެފައި އޮތީ ‘ސިޔާސީ ސަގާފަތުގެ’ ތެރޭގައި ހިމެނިފައެވެ. މިހާރު ބައެއް ސިޔާސީ ވެރިންގެ ވާހަކަތަކަށް ބަލާލުމުން ދޭހަވަނީ ތަނުގެ ރައްޔިތުންނަކީ ހަމައެކަނި އޭނާގެ ޕާޓީގެ މެމްބަރުން ކަމެވެ. ދެން ތިބޭނީ ދޭސީ-ބިދޭސީން ނެވެ. އެމީހުންނަކީ ބޭރު ބައެއް މީހުންނަށް ވުރެ ވެސް ދަށު ދަރަޖަައިގެ ބައެއްކަން، މި ނަންގަތް ސިޔާސީ ވާހަކަތަކުން ދޭހަވެއެވެ. އާންމުންގެ ޚިޔާލަކަށް ނުގޮސް، ގާނޫނު އަސާސީ ވެސް ބޭނުން ގޮތަކަށް، ‘ތިރީސް ޕަސެންޓަށް’ ނޫނީ އެެއަށް ވުރެ ދަށު ޕަސެންޓަކުން ވޯޓު ހޯދައިގެން ވެސް ވެރިކަމަށް އާދެވޭ ގޮތް ފަހިކުރުން ވެސް އެންމެ ރަނގަޅެވެ. ކުޑަ އިރު ބޯޅަ ކުޅޭ އިރު، ބޯޅަ ގޯލުން ބޭރަށް ދާހެން ހީވުމުން، ނުވަތަ ގޯލަށް ވަދެދާނެ ހެން ހީވުމުން ގޯލު ދަނޑިފާހަގަ ބޮޑުކޮށް ކުޑަކުރާ ފަދައިންނެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖުލިހެއް އޮއްވައި އެ މަޖުލިހަށް އަންގަން ޖެހޭ، ބޭރު ގައުމުތަކާ އެއްބަސްވާ އެއްބަސްވުންތައް ފަދަ ބޮޑެތި ގައުމީ މައްސަލަތައް، ރައްޔިތުންގެ މަޖުލީހަށް ނުވެސް އެނގި، ގައުމަށް ނުނީ ދީނަށް ކުޑަވެސް އިޚުލާސްތެރި ކަމެއް ނެތް ދެތިން މީހެއްގެ އަމިއްލަ އެދުމުގެ މަތިން ނިންމާލުން ވެސް މެދުވެރި ކުރުވީ އެ ބުނާ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއެވެ. ގާތް ރައްޓެހިންނާއި ތިމާގެ މީހުންނަށް ގައުމީ ޚަޒާނާއިން މިލިޔަނުން ފައިސާ ބަހާލާ ގޮތް ވެސް މެދުވެރި ކުރުވީ ހަމަ އެއްކަލަ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއެވެ. އެންމެ ފަހުން، ގައުމުގެ ވެރިޔަކީ ކާކުކަން ނޭނގޭ ދަރަޖައަށް ކަން އޮޅި، ޖުމްހޫރިއްޔާގެ ރައީސާއި ރައްޔިތުންގެ މަޖުލީހުގެ ރައީސްއާއި ކުރީގެ ރައީސްއާއި ކައުންސިލްތަކުގެ ރައީސްއާއި މޭޔަރުންނާއި މިއެންމެންނަކީ ވެސް ޖުމްހޫރިއްޔާގެ ރައީސްގެ މައްޗަށް ބަސްބުނެވޭ ގޮތްވެ، މަގާމުތަަކުގެ ހައިސިއްޔަތު އޮޅުވާލީ ވެސް ހަމަ އެ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއެވެ.

މިއީ ހަގީގަތް ކަމަށް ވާއިރު، ނުރައްކަލީ ނަމާދުކުރުން ހެއްޔެވެ؟ ނޫނީ ރާއްޖެއަށް ތައާރުފުކުރެވުނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި ނުރައްކާތެރިކަން ބޮޑީ ރާއްޖެއަށް ތައާރުފު ކުރެވުނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއެވެ.

މީގެ މާނައަކީ ފަހަރެއްގައި ވެސް ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ އޭގެ ޒާތުގައި، އުސޫލެއްގެ ގޮތުން، ގޯސް ވުމެއް ނޫނެވެ. ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ، ރާއްޖޭގައި އެކަން ހިންގާލެވޭ ގޮތަށް، ނުބައި ގޮތަކަށް ހިންގާލެވިދާނޭ ކަމެެވެ. ހަމަ އެހެންމެ، ނަމާދުކުރުން ގުޅެނީ މުއުމިނާ އިސްލާހުކޮށް، އޭނާއަކީ ހެޔޮ ލަފާ އިންސާނަކަށް ހަދާލުމަށް އެހީވެދޭން އޮންނަ ކަމަކަށްވާ އިރުވެސް، ނަމާދުކުރާ ބައެއް މީހުން ނުރަނގަޅު ކަންތައް ކުރުމުން، ނުވަތަ ނަމާދުކުރާ ވަރަށް ވެސް މަދު ބަޔަކު – ދުނިޔޭގައި ބިލިޔަނަކަށް ވުރެ ގިނަ މުސްލިމުން އުޅޭ އިރު، ބޮން ގޮއްވައި ތަންތަން ހަލާކު ކުރަމުން ދުވަނީ މީގެ ތެރެއިން ޕަންސެންޓެއްގެ ބައިކުޅަ ބައެއް ކަމަށް ވާއިރު – ‘ހައްދުފަހަނަ އަޅައި ދިޔުމުން، އެކަމަކީ ސީދާ ނަމާދާ ގުޅޭ ކަމެއް ކަމަށް ހަދައި، ޒުވާނަކު ނަމާދުކުރަން ފަށައިފި ނަމަ، އެއީ އޭނާ ހައްދުފަހަނަ އަޅައި ހިނގައިދާނޭ ކަމަކަށް ހެދުމަކީ އެއްވެސް މަންތިގީ ބުއްދީގެ ހަމައެއް ގަބޫލުކުރާނެ ކަމެއް ނޫނެވެ.

ދެން އޮތް ސުއާލަކީ އިސްލާމް ދީނުގެ ޖައުހަރީ އަސާސުތަކާ ދިމާ އިދުކޮޅުވާ ގޮތަށް މުސްލިމު ބޮޑު އަޣުލަބިއްޔަތެއް އޮތް ގައުމެއްގައި ވާހަކަދެއްކެނީ އަދި ދައްކަނީ ކީއްވެހެއްޔެވެ. އެވާހަކަތައް ދައްކަނީ ދީނީ އަގުތައް ގުޅެނީ އިންސާނީ އަޚުލާގީ މައްސަލަތަކާ ކަމަށްވާތީއެވެ. ދީން ނެތިއްޖެ ނަމަ، ހަދުދަނާ އަޚުލާގީ ހަމަތަކެއް ނޯންނާނެއެވެ. ނުވެސް އޮވެވޭނެއެެެވެ. އޭރުން، ކޮންމެ ކަމެއް ވެސް ހުއްދަކޮށްލުމަކީ ދާދި ފަސޭހަކަމަށް ވެގެންދާނެއެވެ. މިސާލެއްގެ ގޮތުން، އެއްޖިންސުގެ ކައިވެނިތައް ވެސް ކުރުމަކީ އޭރުން އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުވާނެއެވެ. ދިރާސާތަކުން އެފަދަ ގުޅުންތަކުގެ ނުރައްކާތެރިކަން ސާބިތުވާން އޮތް އިރުވެސް މެއެވެ. އެފަދަ ގުޅުންތައް ހިންގާ މީހުންނަކީ އެއިޑްސް ބައްޔާއި އަދި މިނޫންވެސް އެތައް ނުރައްކާތެރި ބަލިތަކަކަށް، އެހެން މީހުންނަށް ވުރެ މާބޮޑަށް، އެމީހުންގެ ނަފްސު ހުށަހަޅާލެވޭ ކަންކަމަށްވާ އިރުވެސް މެއެވެ. މިއީ މިކަމުގެ ތަފްސީލަށް ދިޔުމުގެ މަގާމެއް ނޫނެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ތަނުގެ ދީނީ އަގުތައް ނެތިކޮށްލެވިއްޖެ ނަމަ، ދީނާ ގުޅި، ލާމެހިފައި އޮންނަ އަޚުލާގިއްޔާތު އޭގެ މުގުލުން ގުޑުވާލެވި ބަލިކަށިކޮށްލޭވޭނޭ ކަމެވެ. (މިކަމާ ބެހޭ ގޮތުން އެމެރިކާގެ ނަސާރާއިންގެ ކަންބޮޑުވުންތައް ކިޔައިދޭ ދެ ވީޑިއޯ އެއް ކޮމެންޓެއްގެ ސިފައިގައި ތިރީގައިވާނެއެވެ. މި މައުޟޫއަށް ޝައުގުވެރިވާ މީހުން މިބަލާލުން ވަރަށް ވެސް މުހިއްމެވެ. އެ ވީޑޔޯގައި އެމީހުން އެމީހުންގެ ދީނަށް ޣީރަތްތެރިވެ، އެމީހުން އެ ދިފާއުކުރަނީ އެމީހުންގެ ދީނެވެ. އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ ދީނަތް ޣީރަތްތެރިވެ އަޅުގަނޑުމެންގެ ދީން ދިފާއުކުރަން ޖެހެއެވެ.)

ދެން، އަޅުގަނޑުމެންގެ ދީނުގެ ޖައުހަރީ ކަންކަމާ ދިމާކޮށް ވާހަކަ ދެއްކެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އަޅުގަނޑުމެންގެ އަމިއްލަ އިހުމާލުންވާ ކަންކަމެވެ. ރަނގަޅަށް ވިސްނައި ނުލައި، ތަނުގެ މުޖުތަމައީ ލަގަން، ދީނީ ޣީރަތްތެރި ކަމެއް ނެތް ބައެއްގެ އަތްމައްޗަށް ދޫކޮށްލުމުން ވާކަންކަމެވެ. އަޅުގަނޑުމެންގެ ކިބައިގައި ދީނީ ޣީރަތްތެރިކަމެއް ހުރެއްޖެ ނަމަ، އަދި، ދީނަށް އަޅުގަނޑުމެން ލޯބިކުރާ ނަމަ، އެކަން ސާބިތުކޮށްދޭނޭ ފުރުސަތު ކުރިމަތީ އެބަ އޮތެވެ. އަޅުގަނޑުމެންގެ ކިބައިގައި ދީނީ އަދި ގައުމީ ރަނގަޅު ހޭލުންތެރިކަމެއް އުފައްދައި އެފަދަ ބައެއްގެ އަތް މައްޗަށް ދެން ގައުމުގެ މުޖުތަމައީ ލަގަން ދޫކޮށް ނުލުމެވެ. އެފަދަ ބަޔަކު ވެރިކަމަށް ނުގެނައުމެވެ. މިއީ ޕާޓީއަކާ ބެހޭ ކަމެއް ނޫނެވެ. ކޮންމެ މީހަކު ވެސް އަމިއްލައަށް ވިސްނާފައި، ރަނގަޅު ގޮތް ޚިޔާރުކުރަން ޖެހޭ މައްސަލައެކެވެ. ރަނގަޅު ގޮތް ޚިޔާރު ނުކުރެވިއްޖެ ނަމަ، ދީންދެކެ ލޯބިވެއޭ ރަސޫލާއަށް ލޯބިކުރަމޭ ބުނެ ސައިކަލު ބުރެއްޖެހުމަކީ އެއްވެސް މާނައެއް ނެތް ބޭކާރު ކަމެކެވެ. އަޅުގަނޑުމެންނަކީ އެފަދަ ބަޔަކަށް ނުވުމުގެ ހިއްވަރެއް އަޅުގަނޑުމެންގެ ކިބައިގައި އުފައްދާލަން ޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ