ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި

ޚަބަރު ފަހުގެ

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ “ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް” އެއްބަސްވުމުގައި 3 ކުންފުންޏަކުން ދިވެހި ފުލުހުންގެ ޚިދުމަތާއެކު ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައޮ މި އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުންގެ އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޝީޝާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ހުޝާމެވެ. އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ވިދާޅުވީ ޤަވާއިދާ ޚިލާފަށް މަގުމަތީގައި ސައިކަލު ދުއްވުމުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ދުއްވާ މީހާއަށް ނޫންކަމަށާ، ގަވާއިދާ އެއްގޮތަށް ދުއްވާ މީހާއަށްވެސް އެކަމުގެ ގެއްލުންވާ އެތައް ޙާލަތެއް މެދުވެރިވެފައި އެބަހުރިކަމަށެވެ. މީގެއިތުރުން އެކްސިޑެންޓްތައް މަދުކުރުމާއި އެކްސިޑެންޓްތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަކީ ފުލުހުންގެ ޚިދުމަތުން ސަމާލުކަންދޭނެކަމުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައިވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ހިމަނައި އެކަމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ޑެޕިއުޓީ ކަމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްކެވި ވާހަކަފުޅުގައި ވަނީ ކުރިއަށް އޮތް ތަނުގައި މާލޭގެ މަގުތަކުގައި ގިނަ އަދަދެއްގެ ބަސް ދުއްވާނެކަން ފާހަގަކުރައްވާފައެވެ. މަގުތަކުގައި ބަސް ދުއްވާ ވަގުތުތަކުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށާ، އެކަމަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭނަމަ މަގުތައް ބްލޮކްވެ އެތައް ބައެއްގެ އަގުހުރި ވަގުތުތަކެއް ގެއްލިގެން ހިނގައިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ސޮއިކުރި މިއެއްބަސްވުމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ތަފާތު އެކި ހަރަކާތްތައް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ