ދީނުގައި ބަޔާންކޮށްފައިވާ ހުކުމްތަކަކީ އަންހެނުން ނިކަމެތިކުރާ ހުކުމްތަކެއް – ހޯޕް ފޯ ވުމެން

ޚަބަރު ފަހުގެ

އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހުކުމްތަކަކީ އަންހެނުން ނިކަމެތިކުރާ ހުކުމްތަކެއްކަމަށް ދިވެހި ޖަމްއިއްޔާއެއްކަމަށްވާ ހޯޕް ފޯ ވުމެން ޖަމްއިއްޔާއިން 2017 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެ ޖަމްއިއްޔާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި ރިޕޯޓަކީ ރާއްޖޭގައި ކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްޓު ފޮތްތަކުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރާ ގުޅޭ ގޮތުން ހުރި ވާހަކަތައް ވަޒަންކޮށް، އަންހެނުންނާ މެދު ތަފާތުކުރުމަށް ހިތްވަރުދޭ ކަންކަން ދެނެގަތުމަށް ކަމުގައި ބުނެ ލިޔެފައިވާ ރިޕޯޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ރިޕޯޓުގައި އިސްލާމް މާއްދާގެ ޓެކްސްޓު ފޮތުގައި ހުރި ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން އިބްތިދާއީ މަރުހަލާގެ ފޮތްތަކުގެ ތެރެއިން ގުރޭޑު ހަތަރެއްގެ ފޮތުގައި ޖަމާއަތުގެ ނަމާދުގައި އަންހެނުން ތިބެންޖެހެނީ ފަހަތު ސަފުތަކުގައި ކަމަށް ބުނެފައިވުމަކީ އަންހެނުން ނިކަމެތިކުރާ ކަމެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި ސާނަވީ ފޮތްތަކުގައި ހުރި ވާހަކަތަކުގެ ތެރެއިން ގުރޭޑު 11 އަދި 12ގެ ފޮތްތަކުގައި ޞަޙާބީންނާއި ދީނުގެ އެކި އިލްމުވެރިން ބަޔާންކޮށްފައިވާއިރު މުޅިންހެން ފާހަގަކޮށްފައިވަނީ ފިރިހެން ބޭފުޅުންކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ހަމަ އެ ފޮތްތަކުގައި އަންހެނުން ދިގު ދަތުރުކުރާއިރު އެ މީހުންނާއެކު މަހުރަމެއް ބައިވެރިވާންޖެހޭ ވާހަކަ ހިމަނާފައިވާކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ އަންހެނުންނާއެކު މަހުރަމަކު ދަތުރުގައި ބައިވެރިވާންޖެހުމުގެ ސަބަބަކީ ޖިންސްމާނީ ގޮތުން އަންހެނުން ބަލިކަށިވުމާއި، އަމިއްލަ ނަފުސު ދިފާއުނުކުރެވުންކަމަށްވެދާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކުރެއެވެ.

އޭގެ އިތުރަށް އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ކަތިލަންޖެހޭ ޢަޤީޤާގެ އަދަދު ތަފާތުވުމަކީވެސް ދެ ޖިންސުގެ މެދުގައި ތަފާތުކުރުން ކަމަށް އެ ރިޕޯޓުގައި ފާހަގަކުރެއެވެ. އަދި މަރުގެ ދިޔަ ދެއްކުމުގައި ދެ ޖިންސުގެ މެދުގައި ހުރި ތަފާތުތައް ފާހަގަކޮށް އެ ތަފާތު ތަހުލީލުކޮށްފިނަމަ އެއީ އަންހެނެއްގެ ފުރާނައިގެ އަގަކީ ފިރިހެނެއްގެ ފުރާނައިގެ އަގުގެ ދެބައިކުޅަ އެއްބައި ކަމަށް ބެލިދާނެކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

އަދި އަންހެނުން ޙައިޟު ދުވަސްވަރުގައި ބައެއް އަޅުކަންތަކުން ދުރުހެލިވާން އޮންނަ އޮތުމުން ދަލީލުވަނީ އިސްލާމްދީނުގައި އަންހެނުން ބައެއް ހާލަތްތަކުގައި ވަރަށް ނުސާފު ނަޖިސް ބައެއްކަމަށް ދެކޭކަމަށް ކަމުގައި ރިޕޯޓުގައި ބުނެފައިވެއެވެ.

އަންހެނުންގެ ޒީނަތްތެރިކަން ފާޅުނުކުރާން ދީނުގައި އަންގަވާފައި އޮތުމުން ކާވެނިން ބޭރުން ޖިންސީ ގުޅުން ހިންގުމުގައި އަންހެނުންނަށް އޮތް ޒިންމާއާއި ފާފައަށްވުރެ ފިރިހެނުންގެ ޒިންމާ ބޮޑުކަން ދޭހަވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި އިސްލާމްދީނުގައި ހެކިބަސްދިނުމުގައި ދެ ޖިންސުގެ މެދުގައި ހުރި ތަފާތުތަކުން އެނގެނީ ފިރިހެނުން އަންހެނުންނަށްވުރެ މަތިވެރިވުންކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ. އަދި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގައި އަންހެނުންގެ ބަހަށްވުރެ ބޮޑު ބުރަދަނެއް ފިރިހެނުންގެ ބަހަށް ދޭ ކަމަށާއި، އެއިންވެސް ދެ ޖިންސުގެ މެދުގައި ތަފާތުކުރާކަން އެނގޭކަމަށް އެ ރިޕޯޓުގައި ލިޔެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ