ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅައިފި

ޚަބަރު ފަހުގެ

ގިނަ ދާއިރާތަކަކުން ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ރަޝިއާ-ޔުކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ބާވަތްތަކުގެ އަގު އިންތިހާ އަށް އުފުލިފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ހަރަދުތައް ކުރިން އަންދާޒާ ނުކުރެވޭ މިންވަރަކަށް އިތުރުވަަމުންދާ ކަމަށެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އާއި ފައިނޭންސިންގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް އެ ސާކިއުލާގައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

“ދުނިޔޭގެ މާލީ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާ ނަމަ މި ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެ އެވެ” އެ ސާކިއުލާގައި ބުނެފައިވެ އެވެ.

އެ ސާކިއުލާގައި ވަނީ މި ދަނޑިވަޅުގައި މިފަދަ ބުރައެއް އުފުލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގްތިސާދުކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށް ބުނެފަ އެވެ.

އެގޮތުން މި ސާކިއުލާގައި ވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުމަށާއި މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެންނަން އަންގާފަ އެވެ. އަދި އެއްވެސް އާ އެލަވެންސެއް މިއަހަރު ދޭން ނުފެށުމަށާއި މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ ޕްރޮމޯޝަން އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ނުކުރަން ވެސް އަންގާފަ އެވެ.

ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރުތަކެއް ހުއްޓާލުމަށް ވެސް އަންގާފައިވެ އެވެ. އަދި ރާއްޖެތެރެއަށް ކަނޑުމަގުންނާއި ވައިގެ މަގުން ކުރާ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވެސް އަންގާފައިވެ އެވެ.

މީގެއިތުރުން ކޮންމެހެން ހޯދަންޖެހޭ އޮފީސް ހިންގުމަށް ބޭނުންވާ އެއްޗެއް މެނުވީ މިވަގުތު ނުހޯދުމަށާއި، އޮފީސް ހިންގުމަށް އާ ހިދުމަތެއް ހޯދާނަމަ 5،000ރ. އަށްވުރެ ބޮޑު ހިދުމަތެއް ހޯދަން ވާނީ މިނިސްޓްރީގެ ހުއްދަޔާއެކު ކަމަށްވެސް ބުނެފައިވެ އެވެ.

މި ސާކިއުލާގައި ވަނީ މިވަގުތަށް އާ ސްކޮލަޝިޕްތައް ނުދިނުމާއި ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 5،000ރ. އަށް ވުރެ ބޮޑު ތަމްރީންތައް ހިންގަން މިނިސްޓްރީގެ ހުއްދަ ހޯދަން އަންގާފަ އެވެ. މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުމަށާއި އަދި މަރާމާތު ކުރުމުގެ ހަރަދު 5،000ރ. އަށް ވުރެ ބޮޑު މަރާމާތުގެ މަސައްކަތެއް ނަމަ ފިނޭންސްގެ ހުއްދަ ހޯދަން ވަނީ އަންގާފަ އެވެ.

ކެޕިޓަލް ހަރަދުތަކުގެ ތެރެއިން 5،000ރ. އަށް ވުރެ ބޮޑު ހަރަދެއް ނަމަ ފިނޭންސްގެ ހުއްދަ ހޯދުމަށް ވަނީ އަންގާފަ އެވެ.

މި ސާކިއުލާ އަށް އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން މި ސާކިއުލާ އަށް އަމަލުކުރަން ވަނީ އަންގާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ