ދިވެހި ފިލާވަޅުގައި ރީކައުންޓް ލިޔުން

ރަންގަލަން ރިޕޯޓް ފަހުގެ

އަޅުގަނޑުމެން ގުރޭޑު އެކެއްގެ ހުރިހާ ކުދިން މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މަސްކަޑައަށް ދިޔައީމެވެ. އަވިދޭ ދުވަހެކެެވެ. މީހުން ވަރަށް ގިނައެވެ. މަސްކަޑައަކީ މަހުންލަފާ މީހުން މަސް ވިއްކާތަނެވެ. އެ ތަނަށް އަޅުގަނޑުމެން ދިޔައީ މުދައްރިސުންނާ އެކުގައެވެ. ސްކޫލުން ނިކުމެގެން ހުރިހާ ކުދިން ވެސް ދިޔައީ ރީތިކޮށް ސަފު ހަދައިގެން ހިނގާފައެވެ.

އެންމެ ފުރަތަމަ އަޅުގަނޑުމެން ދިޔައީ މޫސަބޭ ދޯނިން މަސް ބޭލި ތަނަށެވެ. އެ ދޯނިން ބާނާފައި އޮތީ ބޮޑު ހިބަރެކެވެ. ހިބަރުގެ ތުންގަނޑު ވަރަށް ދިގެވެ. ދެން އަޅުގަނޑުމެން ދިޔައީ ޢީސަބޭ ދޯނި ދޮށަށެވެ. އެ ދޯނި މީހުން ބާނާފައިހުރީ ހުސް ފަރުމަހެވެ. ރަތްމަހާއި ފިލޮޅާއި ގިނިމަހެވެ. އެ މީހުން ތިބީ މަސްތައް ހުޅުނބު ޖަހާށެވެ. އެ ދޯނިން ބާނާފައިހުރި މަސްތަކުގެ ނަންތައް އަޅުގަނޑުމެން ނޯޓުކުރީމެވެ. އެއަށްފަހު އަޅުގަނޑުމެން ދިޔައީ ޢަލިބެ ދޯނި ދޮށަށެވެ. އެ ދޯނި މީހުން ބާނާފައިހުރީ ކަޅުބިލަބަހެވެ. ސަތޭކައަށްވުރެ ގިނަ މަސް ބާނާފައި ހުއްޓެވެ. އެއް ބަޔަކު މަސް ވިއްކަނީއެވެ. އަނެއް ބަޔަކު ބައިބަޔަށް މަސްތައް ބަހާތަނާއި މަސް ކަނޑާތަން ވެސް ފެނުނެވެ. އަލިބެއާއި އަލިބެ އަންހެނުން އެތަނުން ފެނުނެވެ. ޢަލީބެ އަންހެނުން ލައިގެން ހުރީ ކުރީ ޒަމާނުގެ ދިވެހި ލިބާހެކެވެ. ފައްޓަރުބައި ވެސް ހުރީ އަޅާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުރިހާ ދޯނިތަކަކުން ބާނާފައިހުރި މަސްތައް ބަލާލުމަށް ފަހު މަސްކަޑައިގައި އަޅުގަނޑުމެން ހަނދާނީ ފޮޓޯއެއް ނެގީމެވެ. ފޮޓޯ ނަގާ ނިމިގެން ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ފެންފުޅި ނަގައިގެން ފެން ބުއީއެވެ. ދެން އަޅުގަނޑުމެން އައީ ސްކޫލަށެވެ. މަސްކަޑަ ބަލާލަން ދެވުމުން ހުރިހާ ކުދިން ވެސް ތިބީ ވަރަށް ބޮޑަށް އުފާވެފައެވެ.

މަތީގައި މިވާ ލިޔުން ތަޖުރިބާ ލިޔުމަކަށް ވާނީ ސުރުޚީއެއް އޮވެގެންނެވެ. މި ތަޖުރިބާ ލިޔުމުގެ ސުރުޚީއަކަށް “މަސްކަޑައަށް ކުރި ޒިޔާރަތް” ޖެހިދާނެއެވެ. ތަޖުރިބާ ލިޔުމެކޭ އަޅުގަނޑު މި ދެންނެވީ “ރީކައުންޓް ލިޔުން” ނުކިޔަން ވެގެންނެވެ. އެ ކަމަކު ގުރޭޑު އެކެއްގެ ދިވެހި ފިލާވަޅުގައި ދަސްކޮށްދެނީ ރީކައުންޓް ލިޔުމެއް ލިޔާށެވެ.

ތަޖުރިބާ ލިޔުމެއްގައި ފެށުމަކާއި މައިގަނޑަކާއި ނިންމުމެއް އޮންނަން ވާނެއެވެ. ދަރިވަރުންނަށް ގުޅުވާ ލަފުޒުތައް ބޭނުން ކުރާގޮތް ދަސްކޮށް ދެވެންވާނެއެވެ. ކޮންމެ ޖުމުލައެއް ވެސް ފުލުސްޓޮޕު ޖަހާ ނިންމާލަން ހަނދާން ކޮށް ދޭންވާނެއެވެ. ތަޖުރިބާގެ ލިޔުމަކީ ނިމިފައިވާ ކަމެއް ނުވަތަ މާޒީގައި ހިނގާފައިވާ ކަމެއް ނުވަތަ ހާދިސާއެއްގެ މައްޗަށް ލިޔާ ލިޔުމަކަށް ވާތީ ތަޖުތިބާ ލިޔުމުން ނިމުނުކަން ފެންނަން ވާނެއެވެ. ތަޖުރިބާގެ ލިޔުން ފުރިހަމަވާނީ އެ ހާދިސާއެއް ސިފަކޮށް ދެވިގެންނެވެ. އެހެންވީމާ ސިފަކޮށްދޭ ލަފުޒުތައް ކުދިންނަށް ދަސްކޮށްދޭން ވާނެއެވެ. ތަޖުރިބާގެ ލިޔުމެއްގެ އަނެއް ޚާއްޞަ ސިފައަކީ ތަރުތީބުން ލިޔުމެވެ.

ތަޖުރިބާގެ ލިޔުމެއް ފުރަތަމަ ލިޔަން ހަވާލުކުރާއިރު އެ ކުދިން ދުވަހަކު ލޮލުން ނުދެކޭ ތަޖުރިބާ ވެސް ނުކުރެވޭ ތަންތަނާއި ތަކެތީގެ ވާހަކަ ލިޔަން އުނދަގޫ ވާނެއެވެ. އެ ކުދިން ތަނަކަށް ގެންގޮސް ތަންތަނާއި މީހުންނާއި ތަކެތި ދައްކާފައި ދެން އެ ހާދިސާއެއް ލިޔުއްވަން އުޅެފިނަމަ ލިޔަން ފަސޭހަވާނެއެވެ. (ނިމުނީ)

ނޯޓް: މިއީ ފޭސްބުކްގައި 23 އޯގަސްޓް 2020 ވަނަ ދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: