ޔޫއެފާ ޗެންޕިއަންސް ލީގު 6 ވަނަ ފަހަރަށް ބަޔާން މިއުނިކުން ހޯދައިފި

ކުޅިވަރު ފަހުގެ


ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޔޫއެފާ ޗެންޕިއަންސް ލީގުގެ ޗެމްޕިއަންކަން 6 ވަނަ ފަހަރަށް ޖަރުމަނުގެ ބަޔާން މިއުނިކުން ހޯދައިފި އެވެ.

ރޭ ލިސްބަން ގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަޔާން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. ފައިނަލު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުރަތަމަ ހާފް ގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނޭ ގިނަ ފުރުސަތު ތަކެއް ލިބިފައެވެ. އެގޮތުން ޕީއެސްޖީގެ ނޭމާއަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އިރު ބަޔާންގެ ލެވަންޑޮސްކީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ދަނޑީގަ ޖެހިފައެވެ. މީގެ އިތުރުން ފުރަތަމަ ހާފްގައި ޕީއެސްޖީގެ އެމްބާޕޭ އަށްވެސް ވަނީ ގޯލުގެ ކުރިމަތިން ލަނޑު ޖަހާނޭ ހުސް ފުރުސަތެއް ލިބި ބޭނުން ނުހިފިފައެވެ.

މެޗުގެ ދެވަނަ ހާފު ފެށި މާގިނައިރެއް ނުވެ ބަޔާންގެ ގެނަބްރީ ޕީއެސްޖީގެ ނޭމާ އަަށް ކުރި ފައުލަކާއި ގުޅިގެން އޭނާ އަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އަދި އެފައުލު ކުރުމުން ހަމަ ނުޖެހުން ހިންގުމަށް މަސައްކަތް ކޮށް މެޗު ހޫނު ކޮށްލުމުން  ޕީއެސްޖީގެ ލެއިންޑްރޯ ލިއޮނަލް ޕަރޭޑްސް އަށްވެސް ރެފްރީ ވަނީ ރީނދޫ ކާޑުދައްކާފައެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ބަޔާނުން ވަނީ މެޗުގެ ފުރަތަމަ
 ލަނޑު ޖަހާ ލީޑު ނަގާފައެވެ. އޭރިއާގެ ބޭރުން ކިމިޗް ނަގައިދިން ހުރަހަކުން ބޮލުން ޖަހާ މި ގޯލްކާމިޔާބު ކުރީ ކޯމަން އެވެ. 

މެޗުން ބަލިވާން ދިއުމާއެކު ޕީއެސްޖީން ވަނީ ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކުރަން މަސައްކަތްކޮށްފަ އެވެ. މި ހާފުގައި އެޓީމަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ 70 ވަނަ މިނެޓުގައި މާކީނިއޯސް އަށެވެ. ޑި މާރިއާ ހުސްކޮށްލާފައި މާކީނިއޯސް އަށް ދިން ބޯޅަ ފޮނުވާލުމުން ކީޕަރު ނޯޔާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ނޭމާ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ފޯވާޑް ޗުޕޯ މޯޓިންގެ ފައިގައި ލައްވާލާގޮތެއްނުވި އެވެ.

މިމެޗުން ބަލިވެ ޕީއެސްޖީ އެ ޓީމުގެ ފުރަތަމަ ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ގެއްލުވައިލި އިރު ބަޔާން އިން ވަނީ އެ ޓީމުގެ ހަވަނަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މި ސީޒަންގައި ޓްރެބަލް ހަމަކޮށްފައެވެ. ބަޔާނުން މީގެ ކުރިން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދީ 1974، 1975، 1976، 2001 އަދި 2013 ވަނަ އަހަރު އެވެ. އަދި އެޓީމުން ވަނީ މުބާރާތުގެ ރަނަރަޕް މަގާމް ފަސް ފަހަރު ހޯދައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ