ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އިތުރު ހަތް މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި އޮތް ޔޯގާ ހަރަކާތް ހުއްޓުވާ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް އިތުރު ބަޔަކު ހައްޔަރު ކޮށްފިއެވެ.

މި ހަތް މީހުން ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި ހަތް މީހުންނަކީ ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު (25އ) އާއި އއ. މާޅޮސް، ލަކީސްޓަރ، އަލީ މިރުޝާދު (31އ) އާއި ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން (32އ) އާއި ކ. މާލެ، ގ. ފީނިކްސް، ނިޔާޒު (41އ) އަދި ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު (36އ) ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެންވެސް 45 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ކ. މާލެ، މ. ފަޅުމަތީގެ، އަހްމަދު އަލީ (26އ) އާއި ކ. މާލެ، ގ. ކޮލަމްބިއާ، މުހައްމަދު ޒީޝާން ނާސިރު (30އ) އެވެ. މީގެތެރެއިން އަހްމަދު އަލީގެ ބަންދަށް 10 ދުވަސް އަދި ޒީޝާންގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިދީފައެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު 19އަށް އަރާފައިވާ ކަމަށެވެ.

މި މީހުން ހައްޔަރު ކޮށްފައި ވަނީ ޔޯގާ ހަރަކާތް ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ