ބާޖެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޚަބަރު ފަހުގެ

ބާޖެއް އޮޔާދާތީ ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުންދަނިކޮށް ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މި ބާޖުގެ ވަޔަރު ކަނޑައިގެން ގޮސްފައިވަނީ، ނ.މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުގައި އޮއްވައިކަމަށް މައުލޫމާތު ދީފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބާޖަކީ ދިގުމިނުގައި 87.84 މީޓަރު އަދި ފުޅާމިނުގައި 24.40 މީޓަރު ހުންނަ ބާޖެކެވެ. މި ބާޖުގެ ސްޓަރބޯޑް ސައިޑްގައި ފެހި ލައިޓެއް، އަދި ޕޯޓް ސައިޑްގައި ރަތް ލައިޓެއް ހުންނާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން އިރަށެވެ.

އެހެންކަމުން އެ ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މި ބާޖާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެދިފައެވެ. އަދި މި ބާޖާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށްވެސް އެދިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ