މާލޭގައި ބަހުގެ ހިދުމަތް ފަށަން ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހަދަން ސަރުކާރުން އަންގައިފި – ނަރީޝް

ޚަބަރު ފަހުގެ

މާލެ ސިޓީގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް މި މަހުގެ ތެރޭގައި ބަހުގެ ހިދުމަތް ފެށުމަށް މާލެ ސިޓީގެ ބޮޑެތި މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހަދަން ސަރުކާރުން ސިޓީ ކައުންސިލަށް އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު މާލެ ސިޓީގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމާ އެކަމާއި ގުޅޭ މަޝްވަރާތައް ސިޓީ ކައުންސިލާއި ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލެ ސިޓީގެ ބޮޑެތި މަގުތަކުގައި ޕާކް ކޮށްފައިވާ ވެހިކަލްތައް ނަގައި މަގުތައް ހުސް ކުރުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތް ވާހަކަ ސަރުކާރަށް އަންގާފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވި ގޮތުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ޕާކް ނުކުރެވޭ ގޮތް ހަދާ މިހާރު ޕާކް ކޮށްފައިވާ ވެހިކަތްތައް ނަގާ ހުސްކުރަން އަންގާފައިވާ މަގުތަކަކީ މަޖީދީމަގާއި، އަމީނީ މަގާއި އޯކިޑް މަގުގެ އިތުރުން ފަރީދީ މަގެވެ. އަދި އެ މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހެދުމަށް ފަހު ޕާކް ކުރެވޭނެ އެހެން ސަރަހަދުތަކެއް ހެދުމަށް ސަރުކާރުން އަންގާފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ސަރުކާރުން އެންގި ގޮތަށް އަމަލު ނުކުރުމުން މާލޭގެ ޕާކިން ބެލެހެއްޓުމުގެ ބާރު ސިޓީ ކައުންސިލުން ނަގާ ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ