ސްކައުޓް ޔުނީފޯމްގެ ގަދަރުކުޑަވާގޮތަށް ކިނބިދޫގައި ހިންގި ހަރަކާތް ކުށްވެރިކޮށްފި

ޚަބަރު ފަހުގެ

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ތ. ކިނބިދޫގައި ބޭއްވި ހަރަކާތެއްގައި ސްކައުޓުންގެ ރަސްމީ ޔުނީފޯމުގެ ބޭނުންކޮށް، އެ ޔުނީފޯމްގެ ގަދަރު ކުޑަވާނެހެން އަމަލުކޮށްފައިވާތީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެކަން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ސްކައުޓް އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސްކައުޓް ހަރަކާތަކީ ހުނަރުވެރި އަދި ޒިންމާދާރު ރައްޔިތެއް ބިނާ ކުރުމަށް މަސައްކަތްކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމްޢިއްޔާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ ޖަމްޢިއްޔާ އަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ނުވާ އަދި ދަރުމައަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށާއި ސްކައުޓުންނަކީ ގައުމު އެދުނު ކޮންމެ ކަމެއްގައި ރަށު ފެންވަރުގައާއި އަތޮޅު އަދި ގައުމީ ފެންވަރުގައި ޚިދުމަތްކުރުމުގައި ނަމޫނާ ދައްކާ ބައެއްކަން އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނީ، ސްކައުޓު ޔުނީފޯމާއި ސްކައުޓް ހަރަކާތުގެ އެކިއެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގައި ވައުދުވެ ބައިވެރިވާ ފަރާތްތަކުން އެކަނި ބޭނުން ކުރުމަށް ހުއްދަކުރާ ތަކެތިކަމަށެވެ. އެހެންކަމުން ސްކައުޓް އެސޯސިއޭޝަންގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން ޔުނީފޯމާއި އެފަދަ ރަމްޒުތައް ބޭނުންކުރުމަކީ މަނާ ކަމައެއްކަމަށް އެ އެސޯސިއޭޝަންއިން ބުނެއެވެ.

ސްކައުޓް ޔުނީފޯމަށް ދެވޭ ގަދަރު ކުޑަވާ ގޮތަށް އެއްވެސް ފަރާތަކުން ޔުނީފޯމު ބޭނުންކުރުމަކީ ސްކައުޓް އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއް ނޫން ކަމަށްވެސް އެ އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ.

ސްކައުޓަކީ ކުޑަ ކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެއްކަމަށް ވުމުން، އެފަދަ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަމެއް އައިސްދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ވީމާ މިފަދަ އަމަލުތައް ހިންގާ ފަރާތްގަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ކުރަމުންދާނެ ކަމަށް ވެސް އެ ބާޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ