ތެލުގެ ސަބްސިޑީ، ބޭނުންޖެހިފައިވާ މީހުންނަށް ދޭގޮތަށް އުސޫލު ބަދަލުކުރަނީ

ޚަބަރު ފަހުގެ

ސަރުކާރުން ތެލަށްދޭ ސަބްސިޑީގެ އުސޫލު ބަދަލުކޮށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން މިއަދު ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ގައުމުގެ މިނިވަން ކަމާއި، މިހާރު ދިމާވެފައިވާ އިގްތިސާދީ ހާލަތަށް އަލިއަޅުވައިލައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

Advertisement

ރައީސް ވިދާޅުވީ ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް، ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމު ކަމަށާއި، މި ބަދަލު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ފަށާފައިވާ ކަމަށެވެ. މިއީ އިގުތިސާދު ދުޅަހެޔޮކަންމަތީ ހިފަހެއްޓުމަށް މިވަގުތު ކޮންމެހެން އުފުލަންޖެހޭ ބުރައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތެލުގެ ސަބްސިޑީއަށް، ބަޖެޓްގައި އަންދާޒާކުރި އަދަދު އެތައް ގުނައަކުން މަތިވެއްޖެ ކަމަށެވެ. މި އަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލައަކީ، 341.5 މިލިއަން ރުފިޔާއެވެ، އެއީ މުޅި އަހަރަށް ބަޖެޓް ކުރެވުނު މިންވަރު ނަމަވެސް، މިހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިޔުމުގެ ސަބަބުން، ނިމިދިޔަ ޖޫން މަހުގެ ނިޔަލަށް، ޖުމްލަ 910.3 މިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް އެކަނި ޚަރަދުކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ސަބްސިޑީ އުސޫލަށް ބަދަލު ނުގެނެސް މިހާލަތުގައި ކުރިއަށް ދާނަމަ 1.9 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

“ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެ ކަމަކަށް. ފުރަތަމަ ކަމަކަށް، ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީ. މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުޞޫލު އިޞްލާޙް ކުރަންޖެހޭ. ތެލުން ސަބްސިޑީދޭ އަނެއް ދާއިރާއަކީ، މަސްވެރިންނަށް ބޭނުންވާ ތެޔޮ. ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ޙާލަތަކަށް، ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް. މިއީ މި ޙާލަތާ ގުޅޭގޮތަށް އިޤްތިޞާދީ ސިޔާސަތަށް ބަދަލު ގެންނަންޖެހޭ ވަގުތު” – ރައީސް

ރަޝިޔާ- ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ހުރިހާ ޤައުމަކަށް އޮތް ގޮންޖެހުންތައް، ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށާއި އެންމެ ޒަރޫރީ މުދަލާއި ޚިދުމަތުގެ އަގަށް، ލޮޅުން ގެނުވާފަދަ ނާދިރު ހަނގުރާމައިގެ ޙާލަތަކަށް، ދުނިޔެ މިވަނީ ފެތިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު، އިންތިހާއަށް އުފުލިފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރާ ކަމަށެވެ. ސަބަބަކީ އޭގެ ހަގީގީ ބުރަ ސަރުކާރުން އުފުއްލަމުން ގެންދިޔުން ކަމުގައި ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ