އަމާންކަމާއި ފާގަތިކަން ލިބޭނީ ޝަރުޢީ އަދި ގާނޫނީ ނިޒާމް ފުރިހަމަވެގެން: ހޯމް މިނިސްޓަރ

ޚަބަރު ފަހުގެ

ޤައުމެއްގައި އަމަން އަމާންކަމާއި ހަމަޖެހުމާއި ފާގަތިކަން ކަށަވަރުވާނީ އެމުޖުތަމައެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަވެގެންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ހއ.ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވިި ވާހަކަފުޅުގައި ވިދާޅުވީ އިންސާނީ މުޖުތަމައެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކާއެކު، އެ މުޖްތަމައުއެއް ބަދަހިކޮށް ބޭއްވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ފުރިހަމަ އަދި ޝާމިލް ޤާނޫނީ ނިޒާމެއް އޮތުން ކަމަށެވެ. އަދި ފުރިހަމަކޮށް ވަށާޖެހޭ ގޮތަށް އެގާނޫނީ ނިޒާމް ތަންފީޒުކުރުމަކީވެސް މުހިއްމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޝަރުޢީ އަދި ޤާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއްނަމަ އެ މުޖުތަމައުއަކީ ފުރިހަމަ ފާގަތި މުޖުތަމައަކަށް ވެގެންދާނެކަމަށެވެ.

“ގައުމުގައި އަމަން އަމާންކަން ކަށަވަރުވެ، ހަމަޖެހުމާ މަސްލަހަތު ޤާއިމްވެ،ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނީ އެ މުޖުތަމަޢުއެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަ ކަމުގެ މައްޗަށް. އޭގެ މައްޗަށް މުޖުތަމަޢު ބިނާކުރެވިފައިވާ ޝަރުޢީ އަދި ޤާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއްނަމަ އެ މުޖުތަމައު އަކީ ފުރިހަމަ ފާގަތި މުޖުތަމައެއް” މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުށްކުރާ މީހުންނަށް އަދަބެއް ދިނުމާއި ހަމައަށް ދަނީ ވަރަށް ގިނަ ކަންކަން ފެއިލް ވެގެންކަމަށެވެ. އެގޮތުން ކޮންމެ މީހަކުވެސް ފަރުދީ ގޮތުން ހިފަހައްޓަންޖެހޭ ފަރުދީ އަދި ގާނޫނީ ހަމަތަކެއް ހުންނަ ކަމަށާއި އިންސާނާ އޭނަގެ އުމުރުގެ ތަފާތު ހާލަތްތަކުގައި މެދުވެރިވާ ކަންކަމުގެ ސަބަބުން އޭނަގެ އަމިއްލަ ނަފްސު ހަމަތަކުގައި ނުހިފެހެއްޓި ފެއިލްވެއްޖެއްޔާ ފުރަތަމަ ލެވެލް ފަހަނައަޅައި ދިޔައީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުށަށް ހުށަހެޅޭ ކުއްޖަކު ގާނޫނީ ފިޔަވަޅާ ހަމައަށް ދިއުމުގެ ކުރިން އާއިލާއާއި އަވަށްޓެރިންނާއި ސްކޫލާއި ކައުންސިލާ އެންމެން ގުޅިގެން އެ ކުއްޖަކު މުޖުތަމައަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ޙާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ގާއިމްކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހޯރަފުށީގައި ގާއިމް ކުރުމަށްޓަކައި މިއަދު ބިންގާ އެޅުނު ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބޭތިއްބުމަށް އުފައްދާ މަރުކަޒެކެވެ.

ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރުވުމުގެގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.

އެމް.ޓީ.ސީ.ސީއާ ހަވާލު ކޮށްގެން ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސް އަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ ތަނެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ