ހަނިމާދޫ މަގުތަށް ރަނގަޅު ފެންވަރެއްގައި ހަދަން ފެށީ ކާކު؟ ކޮންއިރަކު؟ ޝުކުރު ހައްގީ ކާކަށް؟ މިއީ ބަހުސް ބޮޑުވެފައިވާ ސުވާލުތަކެކެވެ. ހޮޓާ ހޮޅުއަށި އަދި ސޯޝަލް މީޑިޔާގައި ރައްޔިތުން ބަހުސްކޮށް އަރާރުންވާ ސުވާލުތަކެކެވެ. މިލިޔުމުގައި ބަލައިލާނީ ހަނިމާދޫ މަގުހެދުމާ ގުޅޭ ތާރީހުތަކާއި ކަންވީގޮތަށެވެ.
ސުވާލަށް ޖަވާބެއް ހޯދާލަމާ ހިންގަވާށެވެ. އެސުވާލުގެ ޖަވާބު ހޯދަލުމަށް ރާއްޖޭގެ ނޫސް މަޖައްލާ އާކައިވް ހަވާލަމާ ހިނގާށެވެ. 2013 ސެޕްޓެންބަރ 28 ވަނަ ދުވަހުގެ ލިޔުންތައް ބަލައިލާށެވެ. އެ ލިޔުންތަކުގައި ” ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ރައީސް ފައްޓަވައި ދެއްވައިފި ” މި މައުލޫގެ ލިޔުންތައް ފެންނަން ހުންނާނެއެވެ.
ދެން ބަލައިލަންވީ އެދުވަހު ގައުމުގެ ރައީސްކަން ކުރެއްވީ ކޮންބޭފުޅެއްތޯއެވެ. ބަލައިލުމުން ފެންނާނީ އޭރުގެ ރައީސްކަން ކުރެއްވީ ޑޮކްޓަރ މުޙައްމަދު ވަޙީދު ހަސަންމަނިކު ކަމެވެ. އެދުވަހު އެމަނިކުފާނު ވިދާޅުވީ ” މިއަދަކީ ހަނިމާދޫގައި ފުރަތަމަ ފަހަރަށް މިޒަމާނުގެ ފެންވަރަށް ތާރު އަޅާފައިވާ މަގެއް ހެދުމުގެ މަޝްރޫޢު ފެށޭ ދުވަސްކަން ފާހަގަކުރާކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް 4، 5 މަހެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.”
އެމަނިކުފާނުގެ ޒައާމަތުގައި މާގިނަދުވަހެއް މަގުގެ މަސައްކަތް ފެށިއިރު ނެތެވެ. އެހެން ކަމުން ވެރިކަން ބަދުލުވެ އެހެން ވެރިއެއް އިންތިހާބުވިއެވެ. އެޔާއެކު މަގުގެ މަޝްރޫއު ވަޅުޖެހުނެވެ. ދެން މަގުގެ ވާހަކަ ފެންމަތިވީ 21 ޖެނަވަރީ 2016 ގައި ޖޭޕީ ދޫކުރައްވާ މަޖިލީސް މެންބަރު ޙުސައިން ޝަހުދީ އޭރުގެ ސަރުކާރު ހިންގާ ޕާޓީ ކަމުގައިވާ ޕީޕީއެމަށް ގުޅިވަޑައިގަތުމަށް ފަހުއެވެ. އެދުވަހު މަޖިލީސް މެންބަރު ވިދާޅުވީ ” ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ އަތިރިމަތި ސަރަހައްދުން ހަދާ މަގާއި ހުއްޓިފައިވާ ނަރުދަމާގެ މަސައްކަތް މިފެށޭ މާރޗުމަހުގެ ތެރޭގައި ފެށޭނެކަމަށް އުއްމީދު ކުރެވޭކަމަށެވެ.”
އޭގެއިތުރުން ހަނިމާދޫ ރަށުތެރޭގައި ހަދާ މަގުތަކުގެ މަސައްކަތް ފެށޭނީ ނަރުދަމާގެ މަސައްކަތް ނިންމާލެވިގެން ކަމަށާއި ހަނިމާދޫ ސްކޫލު ހޯލުގެ މަސައްކަތްވެސް މާދުރުނޫން މުސްތަޤުބަލެއްގައި ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމްޕީ ޝަހުދީ ވިދާޅުވިއެވެ.
މިއީ ރައީސް ޔާމިނުގެ ދައުރެވެ. 2017 ވަނަ އަހަރު މާރޗް މަހުގެ ތެރޭ 85 މިލިއަނަށްވުރެ ގިނަ ރުފިޔާ، ދައުލަތުގެ ބަޖެޓުން ޚަރަދު ކުރާގޮތަށް 21 މަގެއްގެ މަސައްކަތް އެމްއާރްޑީސީއާ ހަވާކުކޮށް ފެށިއެވެ. އެއާއެކު ސެޓްލްމެންޓް ޓޭންކާއި ހޮޅި ވަޅުލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ މައުލޫމާތު ހާމަކުރީ 27 އޮގަސްޓް 2017 ގައެވެ.
2018 ގެ ރިޔާސީ އިންތިހާބު ބޯމަތިވުމުން މަސައްކަތްތައް މެކުހަށް ޖަހާލިއެވެ. އެދުވަސްވަރު މަގުތަކަށް ބޭނުންވާ ތާރު ހަނިމާދޫއަށް އެތެރެކުރިއެވެ. އެއާއެކު ތާރުއާ އެއްކުރާ ހިލައާއި ހިލަވެލިވެސް އެތެރެކުރިއެވެ. ތާރު އެޅުމުގެ ކުރިން އަޅާ ސިމެންތި ފަށަލަޔަށް ބޭނުންވާ ސިމެންތިވެސް އެތެރެކުރިއެވެ. އެއީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއީ ތިރީސް ހާސް ކޮތަޅު ސިމެންތި ބަސްތާއެވެ. ޖޯޝާ ފޯރީގައި އެތެރެ ކުރި ސިމެންތިތައް ގުދަނާ ހަމަޔަށް ގެންދިޔައީ ތެންމާލައިގެންނެވެ. އެމަންޒަރު ފެނުނު މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން މަޝްރޫއު މަޑު ޖެހުނެވެ. މިކަންވެސް ފެނުން އެތައް ބަޔަކު ހަނިމާދޫގައި ތިބޭނެއެވެ. ދެން ވެރިކަމާ ހަވާލުވީ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއާއެކު މަގުގެ ކަންތައް އަލުން ބަޔަކާ ހަވާލުކުރިއެވެ. އެއީ 22 މެއި 2019 ގައެވެ. އަދި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް 15 ޖޫން 2019 ގައި އެކުންފުނިން ވަނީ ފަށާފައެވެ. އެއާއެކު މަގުތަކުގެ އޭބީސީ ލެޔާއަށް ބޭނުންވާ ހިލަ 2020 ޖެނުވަރީ 7 ވަނަދުވަހު ހަނިމާދޫއަށް އެރުވުނެވެ. އަދި ރިޔާސީ އިންތިހާބުގެ ފޯރީގައި ނަރުދަމާ ހޮޅިވަޅުނުލާ ޕޭމަންޓު ހަދާފައިވާ ތަންތަނާއި ހޮޅި ވަޅުލިއިރު ހޮޅި ފިތިފައިވާ ތަންތަން ރަނގަޅު ކުރެވުނެވެ.
04 އެފުރީލް 2021 ގައި މަގުތަކުގައި ހިލަ ބޭނުންކޮށްގެން އޭބީސީ ލޭޔާ އަޅަން ފެށުނެވެ. ކުރިން ސަރުކާރުން ހަމަޖައްސާފައިވަނީ ސިމެންތި ފަށެއް ދުއްވުމަށްފަހު ތާރު އަޅާގޮތަށެވެ. ހަނިމާދޫ މަގުތަކުގައި ތާރު އަޅަން ފެށީ 18 ޖުލައި 2021 ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ހަނިމާދޫއަށް ކުރެއްވި ދަތުރުގައެވެ. ތާރުއެޅުނުއިރު ކުރިން ނެތް ޕަންޕު ބޭނުންކޮށްގެ ފެން ހިންދާ ނިޒާމު ވަނީ ޤާއިމްކޮށްފައެވެ.
ރައްޔިތުން ބޭނުންވި ގިނަ ބަދަލުތަކެއް ގެނެސްދީ މަގުތަކުގައި ތާރުއަޅާ ނިންމާލިކަން އެކަންކުރާ އެމްޓީސީސީން އިއުލާން ކުރީ 3 އޮގަސްޓް 2022 ވަނަދުވަހުއެވެ. މި މަޝްރޫއުގައި
46،466 ސަރަހަދެއްގައި ތާރުއަޅާފައިވެއެވެ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއަކީ 76.09 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
ފަށަމުން ކުރި ތިން ސުވާލުގެ ޖަވާބު މިހާރު ދެވިއްޖެ ކަމުގައި ހީކުރަމެވެ. އެމީހަކު ޝުކުރުއަދާ ކުރާނެ ވެރިއެއް ސަރުކާރެއް ނިންމާނީ އެމީހެކެވެ.