މިހުރީ ހެއްކަން ނުފޫޒު ފޯރުވަންޖެހޭ ހާލަތެއްގައެއް ނޫން: ޔާމީން

ފަހުގެ ސިޔާސީ

ވ. އާރަށް ކުއްޔަށް ދިން މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވައިފި އެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނެ ކުރާ ދައުވާގެ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ކަމަށް ތުހުމަތުކޮށް ފުލުހަށާއި ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅީ މޯލްޑިވްސް ލީގަލް ބިއުރޯ (އެމްއެލްބީ) ލޯ ފާމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމީހުން އެ ދެ މުއައްސަސާއަށް ފޮނުވި ސިޓީގައި ވަނީ ހެކިބަސް ދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމުގެ ގޮތުން ރައީސް ޔާމީން ތަފާތު ގޮތްގޮތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ކަމެއް ކަމަށާއި އެހެންވެ، ރައީސް ޔާމީނާ މެދު އަވަސް ފިޔަވަޅު އަޅައިދިނުމަށް ސިޓީގައި އެދިފައިވެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ހެއްކަށް ނުފޫޒު ފޯރުވަންޖެހޭ ފަދަ ހާލެއްގައި ހުރި މީހެއް ނޫން ކަމަށާއި، ދައުވާތަކާ ކުރިމަތިލަނީ އެއަށްވުރެ ސާބިތުކަމާއެކު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮރުގައި އެތައް ދުވަހެއް ވަންދެން ހިނގަމުން އައި މައްސަލައަކަށް ކުއްލިއަކަށް މިއަދު ނުފޫޒު ފޯރުވުމުގެ ބޭނުމެއްވެސް ނެތެވެ. އެހެންކަމުން އެފަދަ ވާހަކަތައް މީހުން ދައްކަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ވިދާޅުވި އެވެ.

“ނުފޫޒު ފޯރުވަންޏާ އެ ކުރެވެނީ ގާނޫނީ ކުށެއް. އެހެންވީމަ އާރަށުގެ ހުކުމްގެ އައުޓްކަމަށް މަޑުކުރުމުގެ ކުރިން ކީއްކުރަންތޯ އެ ތުހުމަތު އަޅުގަނޑު ބޮލުގައި އެޅިގެން އަނެއްކާވެސް އަޅުގަނޑުގެ މައްޗަށް ހުކުމެއް އަންނަން ބޭނުމެއް ނުވާނެ ނޫންތޯ،” ރައީސް ޔާމީން ވިދާލުވި އެވެ.

“އެ ހުންނަނީ ވަރަށް ސިޔާސީ ވާހަކަތައް. އެއީ ހަމަ ރަބިޝް، ހަމަ ބުހުތާނު. އަޅުގަނޑު މީކީ ހެއްކަކަށް ނުފޫޒު ފޯރުވަންޖެހޭ ހާލަތެއްގައި ހުރި މީހެއް ނޫން. އަޅުގަނޑު އެކަމާ ކުރިމަތިލާނީ އެއަށްވުރެ ގަޓްސްއާ އެކީ”.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ރައީސް ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވާފައި ވާއިރު، އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވި ކަމަށް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށް، ދެ ދައުވާއެއް އުފުލައި ޝަރީއަތް ކޯޓުގައި ހިނގަމުން އެބަދެ އެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އިންތިހާބުގެ ކުރިން އެމަނިކުފާނު ޖަލަށް ލުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ