ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ކުރައްވާ ފަހުދަތުރުގައި ޢަބްދުﷲ ޝާހިދު ގުޔާނާއަށް

ޚަބަރު ފަހުގެ

އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ޢަބްދުﷲ ޝާހިދު ކުރައްވާ އެންމެ ފަހުގެ ދަތުރުފުޅުގައި ގުޔާނާއަށް ވަޑައިގަންނަވައިފިއެވެ.

ޢަބްދުﷲ ޝާހިދު ގުޔާނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ރައީސް ޑރ.މުޙައްމަދު އިރުފާން ޢަލީއާ ވަނީ ބައްދަލުކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިބައްދަލުކުރެއްވުމުގައި އ.ދއިން ކުރަމުންދާ މަސައްކަތުގައި ގުޔާނާއިން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ޒުވާނުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށްދާންހުރި ފުރުސަތުތަކާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި އ.ދގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުވަނީ ގުޔާނާގެ މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ހިއުގް ޓޮޑްއާއިވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ލީޑަރޝިޕާއި އެފަދަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކާއި ޒުވާނުންނާއި ގުޅޭދާއިރާތަކުގެ އިތުރުން އިންސާނީ ޙައްގުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ކުރައްވާ އެންމެ ފަހުގެ މިދަތުރުފުޅުގައި ޢަބްދުﷲ ޝާހިދު ވަނީ ގުޔާނާގައި ޙަރަކާތްތެރިވާ އދ.ގެ އޮފީހުގެ ޓީމާއިވެސް ބައްދަލުކުރައްވާފައެވެ.

ޢަބްދުﷲ ޝާހިދު އ.ދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ މިދިޔަ އަހަރުގެ ޖޫންމަހު ބޭއްވި އިންތިޚާބުގައި އ.ދގެ މެމްބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކުރައްވައިގެންނެވެ. އަދި މަޤާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. މިވީ އަހަރެއްގެތެރޭގައި އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ގިނަ ޤައުމުތަކަށް ދަތުރުފުޅުކުރައްވާ ޤައުމުތަކުގެ ޙާލަތު ގާތުން ބައްލަވާލައްވާ އެމަނިކުފާނުގެ “ޕްރެޒިޑެންސީ އޮފް ހޯޕް”ގެ ދަށުން ޤައުމުތަކުގެ ކުރިއެރުވުމަށް އ.ދގެ ޕްލެޓްފޯމް މެދުވެރިކުރައްވާ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ