ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2ގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނު އަނބިކަނބަލުން ފަޒްނާ އަޙްމަދު، އަވާހަރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު (2 ވަނަ) ރަސްމީ ޢިއްޒަތުގައި ފަސްދާނުވެޑުވުމަށް ބޭއްވެވި ޖަނާޒާގައި ބައިވެރިވެވަޑައިގެންފިއެވެ.

އުމުރުފުޅުން 96 އަހަރުގައި، މިސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު، ރާނީ އެލިޒަބަތު އަވަހާރަވިއިރު، މިހާތަނަށް އެންމެ ގިނަ ދުވަހު އިނގިރޭސި ތަހުތުގައި އިންނެވީ އެކަމަނާއެވެ. އެކަމަނާ ވަނީ މެދުނުކެނޑި 70 އަހަރަށްވުރެ ގިނަދުވަހު ރަނިކަން ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ރަސްމީ އެންމެމަތީ އިއްޒަތުގައި، ރާނީ އެލިޒަބަތު 2 ފަސްދާނުވަޑުވާފައި ވަނީ، އެކަމަނާގެ މިސާލެއް ނެތްފަދަ ރަނިކަމާއި، އިނގިރޭސި ވިލާތަށާއި، ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދެންނެވުމަށް ފަހުއެވެ.

ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައި އޮތް ރާނީ އެލިޒަބަތުގެ ޖަނާޒާގައި، އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުންނާއި، އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިންނާއި، ދުނިޔޭގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި، ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އާއްމު ރައްޔިތުންގެ ގިނަބަޔަކު ވެސް ވަނީ ބައިވެރިވެރިވެފައެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާއަށްފަހު، އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތް، އެންޑް ޑިވެލޮޕްމަންޓް އެފެއާޒް ޖޭމްސް ކްލީވަރލީ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އާދީއްތަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ރާނީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވައި، ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި، ތަޢުޒިޔާގެ މެސެޖު ލިޔުއްވާފައެވެ.

ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމާއިއެކު، ކޮންމަންވެލްތުގެ އެންމެ އިސްވެރިޔާ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން، ސެޕްޓެމްބަރު 9 އިން ފެށިގެން 3 ދުވަސްވާންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ