ސެންޓްރަލް ޒޯން: ގުރައިދޫން ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ

ކުޅިވަރު ފަހުގެ

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ގޮތުން ސެންޓްރަލް ޒޯންގެ ދެވަނަ ޑިވިޝަން ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗު ގުރައިދޫ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކ. މާފުށީ ނިއުސްޓާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މިމެޗް ގުރައިދޫ ޓީމުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ. މެޗުގައި ގުރައިދޫ ސްޕޯޓްސް ކުލަބަށް ގޯލް ހުޅުވާލަދިނީ 18 ވަނަ މިނެޓް ތެރޭގައި އަނީސް އަލީއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ގުރައިދޫގެ މުހައްމަދު ޝަހީމް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާފުށީ ނިއުސްޓާ ސްޕޯޓްސް ކުލަބުން ވަނީ، ދޭތެރެ ދޭތެރެއިން ގުރައިދޫގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފައެވެ. މިގޮތުން މި ހާފުގެ ތެރޭގައި ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް ނިއުސްޓާގެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތައް ވަނީ ބޭނުން ނުކުރެވިފައެވެ. މެޗުގައި ނިއުސްޓާއަށް ސުން ކަނޑުވާލަދިނީ 85 ވަނަ މިނެޓް ތެރޭގައި އަހުމަދު ލަމްހަތެވެ.

ގުރައިދޫން ވަނީ މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗު ގުޅީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނުމެޗުވެސް ކާމިޔާބުކޮށްފައެވެ. އެމެޗު ގުރައިދޫގެ ޓީމު ކާމިޔާބުކުރީ 1-3 ކުންނެވެ. މިއަދުގެ މެޗަށްފަހު ގްރޫޕް ބީގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ކުޅުނު ދެމެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ގުރައިދޫ އުޅެނީ ތާވަލުގެ އެއްވަނައިގައެވެ. ގުޅި އާއި މާފުށީ ޓީމަށް ޕޮއިންޓެއް ނުލިބެއެވެ.

ސެންޓްރަލް ލީގް ގްރޫޕް ބީގައި ގުޅި އާއި މާފުށި ބައްދަލުކުރާ މެޗު އޮންނާނީ، ގަލޮޅު ދަނޑުގައި އަންނަ ބުރާސްފަތި ދުވަހު ހަވީރުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ