ކަނޑާ ބެހޭގޮތުން ޤުރުއާނުގައި ހުރި ބައެއް ވާހަކަ

ފަހުގެ ދީން

ކަނޑަކީ މާތް ﷲ އުފެއްދެވި މަޚްލޫޤެކެވެ. އެ ކަނޑު އޮތީ އެއްގަމާ ތަފާތު ގޮތަކަށެވެ. އޭގައި ދިރުން ވެއެވެ. ނަމަވެސް އިންސާނުންނަށް އޭގައި ދިރި ނޫޅެވެއެވެ. އަޅުގަނޑުމެން ދިވެހިންގެ ދިރިއުޅުމުގެ ވަށައިގެން އޮތީ ކަނޑެވެ. ދިވެހިނަށް އާމްދަނީ ލިބުން ބިނާވެގެންވާ އެއް ސަބަބަކީ ރަށްތައް ދުރުދުރުގައި ހުރުމާއި އެ ދެމެދުގައި ކަނޑު އޮތުމެވެ. ކަނޑުގައި މާތް ﷲ ލެއްވެވި ތަކެތިން ހޯދޭ އާމްދަނީ އާއި ކަނޑުމަތީ ދަތުރުފަތުރުކޮށްގެން ހޯދޭ އާމްދަނީއެވެ. އެހެންކަމުން ދިވެހިންނާ މިހާ ބޮޑު ގުޅުމެއް އޮތް ކަނޑު އުފެއްދެވި ފަރާތުން ކަނޑާ ބެހޭގޮތުން ބަޔާންކޮށްދެއްވި މަޢުލޫމާތުތައް ހަނދާން އައުކޮށްލުމަކީ އީމާންކަން ތާޒާވާނެ ކަމެކެވެ.

ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ކަނޑުގެ ވާހަކަ މާތް ﷲ ވަޙީކުރައްވަނީ ބަޤަރާ ސޫރަތުގެ 164ވަނަ އާޔަތުގައެވެ. އަންގަވަނީ “… މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުއްވާ އުޅަނދުތަކުގައި، …، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ.”

އިޝްތިހާރު
އިޝްތިހާރު

އެބައެއްގެ ޢަމަލުތައް ބޭކާރުވި ކާފަރުންނާއި ހިދާޔަތުގެ ނޫރުން މަޙުރޫމުވި މީހުންގެ މިސާލު ކަނޑާ ގުޅުވައިގެން ޖައްސަވަމުން ކަނޑުގެ ބިރުވެރިކަން އިންސާނުންނަށް ފަހުމުވާނެ ގޮތަށް ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވަނީ “ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، މަތިމައްޗަށް ހުންނަ

ރާޅުތަކެވެ. އޭގެ މަތިން ވިލާތައްވެއެވެ. މަތިމައްޗަށް ހުރި އަނދިރިތަކެކެވެ. އެ މީހާގެ އަތް ނެރުނަސް، އެ ފެންނާން ވެސް ގާތްނުވެއެވެ. ފަހެ، އެ މީހަކަށް ﷲ އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެ މީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ.” (ސޫރަތުއްނޫރު: 40)

ﷲ ގެ ޙިކުމަތްވަންތަކަމާއި ޢިއްޒަތްވަންތަކަން ބަޔާން ކުރައްވައި ލުޤުމާނު ސޫރަތުގެ 27ވަނަ އާޔަތުގައި އަންގަވަނީ “އަދި ހަމަކަށަވަރުން، ބިމުގައިވާހައި ގަސްގަހާގެއްސަކީ، ޤަލަމްތަކެއް ކަމުގައި ވެފައި، އަދި ކަނޑު (ދެލި ކަމުގައި ވެފައި) އޭގެފަހަށް ހަތް ކަނޑު އެއާ އެކުވިޔަސް، اللَّه ގެ ކަލާމްފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެތެވެ. ހަމަކަށަވަރުން، ﷲ އީ، ޢިއްޒަތްވަންތަ، ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.”

އާދެ! ޤިޔާމަތްވެ ދުނިޔޭގެ ނިމުން އަންނަ ހިނދު ކަނޑުތަކުގެ ޙާލަތު ބަޔާން ކުރައްވައި އެ އިލާހު އަންގަވަނީ “އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.” (އައްތަކްވީރް: 6) “އަދި ކަނޑުތައް ހުޅުވި، އެއް ކަނޑު އަނެއް ކަނޑާ ގުޅޭހިނދެވެ.” (އަލްއިންފިޠާރު:3)

މިއީ ކަނޑާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި އަންގަވައިފައިވާ ބައެއް އާޔަތްތަކެވެ. މި ކަންކަން ބަޔާންކޮށްދެއްވުމުގެ ޙިކުމަތަކީ މީސްތަކުންނަށް ﷲ ގެ މަތިވެރިކަން ބަޔާންކޮށްދެއްވުމެވެ. ޢިބުރަތް ޙާޞިލުކުރާ މީހުންނަށް ކާމިޔާބު ހުއްޓެވެ. އޭގެތެރޭ އަޅަމެން ލައްވާށިއެވެ! آمين!

ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 91 ވަނަ ޢަދަދުގައި الشَّيْخ مُحَمَّدُ أَفْضَل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ