މި ސަރުކާރުގައި އަލަށް 33 ރިސޯޓާއި 471 ގެސްޓްހައުސް ހުޅުވައިފި: ރައީސް

ޚަބަރު ފަހުގެ

މިދިޔަ ހަތަރު އަހަރު ތެރޭގައި ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓްހައުސް ހުޅުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، 17 ނޮވެމްބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި އަލަށް ހުޅުވި ރިސޯޓްތަކާއި ގެސްޓްހައުސްތަކުން 8385 ކޮޓަރި ނުވަތަ 16،783 އެނދު އިތުރުވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ ތަންތަނުންވެސް އެތައް ހާސް ވަޒީފާއެއް އުފެދި، ފަތުރުވެރިކަމާ ގުޅުންހުރި އެހެން ދާއިރާތަކުންވެސް އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުން އަންނަތާ ދެހާސް އެތައް އަހަރެއްވެފައިވާ އިރު، ރާއްޖޭގެ 1100 އަށްވުރެ ގިނަ ރަށުގެ ތެރެއިން މީހުން ދިރިއުޅެމުންދަނީ އެންމެ 186 ރަށުގައި ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އިރު، ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިސޯޓް އެބަ އޮތް ކަމަށާއި އިތުރު ރަށްތައް ރިސޯޓް ގޮތުގައި ތަރައްގީކޮށް ހުޅުވުމުން ރާއްޖޭގެ ރިސޯޓްތަކުގެ އަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެ ކަމަށް ވިދާޅުވި އެވެ.

ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމުގައި އިތުރު ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން އަހަރުތަކެއް ވެގެން ދިޔައިރުވެސް ތަރައްގީ ނުކުރެވި އޮތް އޮތުން ކަމަށެވެ.

“އެއީ ދުރު ރާސްތާގެ ރޭވުމެއްނެތި ދޫކޮށްފައި ހުރި ތަންތަން. ހާއްސަކޮށް އެމްއެމްޕީއާރުސީ މެދުވެރިކޮށް މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް. އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް ބަޔަކަށް ވިއްކާލި އިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭ،” ރައީސް ވިދާޅުވި އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ