ރަޙްމަތްތެރީންގެ މުހިންމުކަން

ފަހުގެ ދީން

ހަޔާތުގެ އެންމެ ގިނަ ވަގުތު އެ ބަޔަކާ އެކު ހޭދަކުރާ އެއް ބަޔަކީ ރަޙްމަތްތެރީންނެވެ. އެއީ ޙަޔާތުގެ މުހިންމު ބަޔެކެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ﴾ ‎(التوبة: ١١٩)‏ މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވާށެވެ! އަދި ތެދުވެރިންނާ އެކު ތިޔަބައިމީހުން ވާށެވެ!” މި އާޔަތުގެ ތަފްސީރުގައި ޢިލްމުވެރީން ވިދާޅުވަނީ ތެދުވެރިކަމަކީ އޭނާގެ ޢަމަލު ރަނގަޅުވެ ޞާލިޙް މީހަކަށް ވެގެންދާ ކަމެކެވެ. އަދި ސުވަރުގެ އޭނާގެ އެންމެ ފަހުގެ މަންޒިލަށް ވެގެންދާނޭ ކަމެކެވެ. ނުކުތާއަކީ، އަޅުގަނޑުމެންގެ ރަޙްމަތްތެރީންނަކީ ޞާލިޙު ތެދުވެރި ބަޔަކު ކަމުގައި ހެދުމަށް މާތް ﷲ އަންގަވައިފައިވުމެވެ.

ރަޙްމަތްތެރިންނަކީ އަޅުގަނޑުމެންގެ މުޅި ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަސަރުފޯރުވާ ބައެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.‏ “ހެޔޮ އެކުވެރިޔަކާ ނުބައި އެކުވެރިއެއްގެ މިސާލަކީ، ހުވަނދު ވިއްކާ މީހަކާ ކަނބުރުވެރިއެއްގެ މިސާލެވެ. ހުވަނދު ވިއްކާ މީހާގެ ފަރާތުން ހުވަނދު ގަތުން ނުވަތަ އޭގެން މީރުވަސް ބެލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ކަނބުރުގެއަކަށް ވަދެއްޖެއްޔާ ގަޔަށް ނުވަތަ ހެދުމަށް ކަނި ބުރުން ނުވަތަ ނުބައިވަސް އެ މީހެއްގެ ގައިގައި ހިފާނެއެވެ.” (البخاري) ވިސްނާލަންވީ އެކީގައި އުޅޭ މީހުންގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް އަސަރުކުރާނެ ކަމެވެ.

އިޝްތިހާރު
އިޝްތިހާރު

ރަނގަޅު ރަޙްމަތްތެރީން ވަކިކުރަން އެންމެ ފަސޭހަ އެއް ގޮތަކީ ނުރަނގަޅު ރަޙްމަތްތެރީންގެ ސިފަތައް ދެނެގަތުމެވެ. އެ ގޮތުން، އެ މީހެއްގެ ވިސްނުމާއި ފިކުރަށް އިޙްތިރާމްކުރުމުގެ ބަދަލުގައި އަނެއް މީހުންގެ ވިސްނުމާއި ފިކުރަށް “ފިޓު” ކުރުވަން އުޅުން، ހިތާމަވެރިކަމެއް ދިމާވުމުން އެ ކަމުން އަރައިގަންނާން ޞިއްޙަތަށް ގެއްލުން ހުރި ވަގުތީ ހައްލުތަކަށް ހިތްވަރުދިނުން، ދީނުގެ ކަންކަމަށް ޚާއްސަކޮށް ނަމާދުކުރުމަށް އެ މީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުން، އެ މީހުން ގާތު ދީނީ ވާހަކަ ދެއްކުމަކީ ފަސޭހަކަމަކަށް ނުވުން، ޞަދަޤާތްކުރުން ފަދަ ހެޔޮ ޢަމަލެއް ކުރުމަށް ހިތުއަޅައިފިއްޔާ އެ ކަމަށް އެ މީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުން ފަދަ ކަންކަން ހިމެނެއެވެ. މިއިން ސިފައެއް ތިބާގެ ރަޙްމަތްތެރިއެއްގެ ކިބައިގައި ހުންނަނީ ވިއްޔާ އެއީ ފައިދާއަށް ވުރެ ގެއްލުން ބޮޑު ގުޅުމަކަށް ނޫނީ ނުވާނެއެވެ.

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. “لَا تُصَاحِب إلّا مُؤمِنًا” (ترمذي) މާނައީ: “މުއުމިނަކު މެނުވީ އެކުވެރިއެއް ކަމުގައި ނުހަދާށެވެ.” އަދިވެސް އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ” (أبو داوود) މާނައީ: “އެ މީހަކު ވަނީ އޭނާގެ ރަޙްމަތްތެރިޔާގެ ދީނުގެ މަތީގައެވެ. ފަހެ، އެ މީހެއްގެ ރަޙްމަތްތެރީންކަމުގައި އިޚްތިޔާރުކުރަނީ ކޮންބައެއްތޯ ބަލާށެވެ.”

އެންމެ ގާތް މީހުންގެ ގޮތުގައި ބަލަން ވާނީ، އެ މީހަކު ފެނުމުން މާތް ﷲ ހަނދުމަކޮށްދޭ، އަދި އެ މީހަކާ ދިމާވުމުން ތިބާގެ ޢިލްމު އިތުރުވެގެންދާ، އަދި އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އާޚިރަތް ހަނދުމަކޮށްދޭ މީހުންނެވެ. ރަޙްމަތްތެރިންނަކީ ހަމައެކަނި ހީ ސަމާސާކޮށް ކޮފީ ބޯން ތިބޭ ބައެއް ކަމުގައި ނުހަދާށެވެ. މާތް ﷲ އަޅަމެންނަށް ޞާލިޙު ރަޙްމަތްތެރީން މިންވަރުކުރައްވާށި! އާމީން!

ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 91 ވަނަ ޢަދަދުގައި مُحَمَّد سَمُوْح سَعِيْد ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ