މުދަލުގެ ފިތުނަ

ފަހުގެ ދީން

މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ وَاللَّهُ عِندَهُ أَجْرٌ عَظِيمٌ﴾ ‎(التغابن: ١٥) މާނައީ: “ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރީންތައް ވާކަން ކަށަވަރީ، ފިތުނައެއް (އިމްތިޙާނެއް) ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަ ހުރީ، اللَّه ގެ ޙަޟުރަތުގައެވެ.” އަދި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “إِنَّ لِكُلِّ أُمَّةٍ فِتْنَةً وَفِتْنَةُ أُمَّتِي الْمَالُ” މާނައީ: “ހަމަކަށަވަރުން، ކޮންމެ އުންމަތަކަށް ވެސް ފިތުނައެއް (އިމްތިޙާނެއް) ވެއެވެ. ތިމަންކަލޭގެފާނުގެ އުންމަތުގެ ފިތުނައަކީ މުދަލެވެ.” ޙަރާމް ގޮތްގޮތަށް މުދާ ހޯދުމާއި ދީނީ ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކޮށް މުދަލަށް އަޅުވެތިވެ އެ ހޯދުމަށް ކޮންމެ ފަދަ ކަމެއް ކުރުމަށް ވެސް މީހާ ތައްޔާރަށް ހުންނަނީ ނަމަ، ޝައްކެއް ވެސް ނެތް ގޮތުގައި އޭނާ އެހެރީ މުދަލުގެ ފިތުނައިގައި ޖެހިފައެވެ. ޙަދީޘެއްގައި ވެއެވެ. “تَعِسَ عَبْدُ الدينار، تَعِسَ عَبْدُ الدرهم، تَعِسَ عَبْدُ الخَمِيصَة، تعس عَبْدُ الخَمِيلَة، إن أُعْطِيَ رَضِيَ، وإن لم يُعْطَ سَخِطَ” މާނައީ: “ދީނާރުގެ އަޅާ ނިކަމެތިވެއްޖެއެވެ. ދިރުހަމުގެ އަޅާ ނިކަމެތިވެއްޖެއެވެ. އަލްޚަމީޞަގެ އަޅާ ނިކަމެތިވެއްޖެއެވެ. (އަލްޚަމީޞައަކީ ފޮތިގަނޑެކެވެ.) އަލްޚަމީލަގެ އަޅާ ނިކަމެތިވެއްޖެއެވެ. (އަލް ޚަމީލައަކީ ކުރެހުންއަޅާފައިވާ ފޮތިގަނޑެކެވެ.) އޭނާއަށް އެ ލިބިއްޖެއްޔާ ހިތްހަމަޖެހެއެވެ. އަދި ނުލިބިޖިއްޔާ ރުޅިއަރައެވެ.”

ދުނިޔެވީ މުދަލުގެ އަޅުންނަށް ވާ މީހާގެ ޙާލަތަކީ ޙަދީޘުގައި އެވާ ފަދަ ޙާލަތެކެވެ. އެއީ ނިކަމެތިވެގެންވާ ބައެކެވެ. ހިތުގެ ހިތްހަމަޖެހުން الله ނޫން އެހެން ފަރާތަކަށް އަނބުރާލައިފިއްޔާ، އޭނާ ވެގެންދާނީ އެ އެދޭ ކަމެއްގެ އަޅަކަށެވެ. އޭނާގެ ހިތްހަމަޖެހުމާއި ހިތްހަމަނުޖެހުން އަދި އޭނާގެ ޚިޔާލާއި ފިކުރުތައް މުޅީން ވެސް ގުޅިލާމެހި އަޅުވެތިވެފައި އޮންނާނީ އޭނާ އެ ހޯދަންބޭނުންވާ މުދާގަނޑަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޓެކްނޮލޮޖީގެ މި ޒަމާނުގައި އެކި ފާޑުފާޑުގެ ފައިސާ ހޯދާނޭ ގޮތްތައް ކޮންމެ ދުވަހަކު ތަޢާރަފުވަމުން އަންނައިރު، ހުއްދަ ނޫން ގޮތުގައި މުދާ ހޯދުމުގެ ފިތުނައިން އަމިއްލައަށް ރައްކާތެރިވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހަޤީޤަތުގައި، މުދަލަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫނެވެ. މައްސަލަޖެހޭ ހިސާބަކީ، މުދަލުގެ އަޅަކަށް މީހާ ވެގެންދާއިރު ވެސް ތިމާއަށް އެކަން ނުވިސްނި، ދީނީ ވާޖިބުތަކުން ދުރުހެލިވެ، ޙަރާމެއް ޙަލާލެއް ބެލުމެއް ނެތި މުދާ ހޯދުމުގައި މަޝްޣޫލުވެގެންދާ ހިސާބެވެ. މުދަލާ މެދު ރަނގަޅު ނަޒަރިއްޔާތެއް ގެންގުޅުމަކީ އަބަދުވެސް ބޭނުންތެރިކަމެކެވެ. އާޚިރަތުގައި ބާއްޖަވެރިވާން އެދޭ މީހާ މުދަލާ މެދު ދެކެންވީ ގޮތާ ބެހޭގޮތުން އިބްނު ތައިމިއްޔާ رحمه اللهއާ ސުވާލު ދެންނެވެމުން ވިދާޅުވީ “އަހަރުމެން މުދަލާ މެދު ދެކެންވީ އަހަރުމެން ފާޚަނާއާ މެދު ގެންގުޅޭ ނަޒަރިއްޔާތުންނެވެ.” އިތުރަށް ވިދާޅުވީ “އަހަރެމެން ޙާޖަތަކަށް ބޭނުންޖެހުމުން އެތަން ބޭނުންކުރަމެވެ. ނަމަވެސް އަހަރުމެން ހިތުގައި އެ ތަނަކަށް އެއްވެސް ޖާގައެއް ނޯވެއެވެ.”

މުދަލާއި ދުނިޔެވީ ކަންކަމުން މީހާ ދުރުހެލިވުމާ ބެހޭ ގޮތުން އައްޝައިޚް ޖަލާލް އަޙްމަދު ވިދާޅުވެފައިވެއެވެ. މީހަކު ﷲ ގެ ރުއްސެވުމާއި ލޯބި ހޯދުމަށް މަސައްކަތްކުރާވަރަކަށް އޭނާ މުދަލާއި ދުނިޔެވީ ކަންކަމަށް ހުންނަ ފޯރި ކުޑަވެގެންދާނެއެވެ. ދަތުރެއް ފެށުމަށް މަތިންދާ ބޯޓަށް އަރައި އިންނަ މީހެއް ގޮތަށް ތަސައްވަރު ކޮށްލައްވާށެވެ. “ރަންވޭމަތީ” ބޯޓު އޮންނަ އިރު ކުޑަދޮރުން ބަލާލުމުން އެހެން ބޯޓުތަކާއި ޢިމާރާތްތަކާއި ޓަރމިނަލް ސާފުކޮށް ބޮޑުކޮށް ފެންނާން ހުންނާނެއެވެ. ނަމަވެސް، ބޯޓު އުދުހެންފެށުމުން، ހަމަ އެ ތަކެތި މަޑުމަޑުން ކުޑަވަމުން ކުޑަވަމުން ގޮސް ގެއްލިގެންދެއެވެ. މާތް ﷲ ގެ ރުއްސެވުން ލިބިގަތުމަށާއި އަޅުގަނޑުމެންގެ ހިތުގައި އެކަލާނގެއަށް އޮންނަ ލޯބި އިތުރުވާވަރަކަށް ދުނިޔެވީ ކަންކަމާއި މުދަލަށް ހުންނަ ފޯރި މަޑުމަޑުން ކެނޑެމުން ގޮސް މުދަލުގެ ފިތުނައިން އަޅުގަނޑުމެން إن شاء ﷲ ސަލާމަތްވާނެއެވެ.”

“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ مُحَمَّد سَمُوْح سَعِيْد

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ